ޖިންސީ ގޯނާގެ ކުށުގެ ތުުމަތުގައި ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި ޢަމުރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓަށް ހުށައެޅި މި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ޢަލީވަޙީދުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ނެރުނުތާ 48 ހަމަވެފައިވާތީއެވެ.
ޖިންސީ ފުރައްސައިރައިގެ ތުހުމަތުގައި ދައުވާ އުފުލައިފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލުމަށްފަހު، އޭނާގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމިކަން ޕްރޮސެކިއުޓަރ ޖެނަރަލް ހާމަކުރެއްވީ މިމަހުގެ 14ވަނަ ދުވަހުއެވެ.
ޢަލީ ވަހީދުގެ ފުރުވާލި މައްސަލައިގައި އެތައް ބައެއްގެ ފާޑު ކިޔައިފައި ވަނިކޮށް ޕްރޮސެކިއުޓާޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ މިމަހުގެ 11ވީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރުކަމަށެވެ. އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް މައްސަލަ ހުށަހަޅަންޖެހޭކަމަށެވެ. އަދި އެމަސައްކަތް ކުރަމުުން ގެންދަވާކަމަށެވެ.
ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރި މައްސަލައިގައި ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރަން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި އޭރު ނިންމި ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން ޢަލީ ވަޙީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި ނާންނަ ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ މަސައްކަތް، އުސޫލުތަކުގެ ތެރެއިން ކުރަމުން ގެންދާނެކަމަށެވެ. ޢަލީ ވަޙީދު ޖާމިނުކުރުވީ، އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. ކްރިމިނަލް ކޯޓުން ޢަލީ ވަހީދުގެ ޕާސްޓްޕޯޓް ދޫކޮށްލުމުން އޭނާވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ގިނަ ދައުވާ ތަކެއް އުފުލައިފައި ވަނިކޮށް ޢަލީ ވަހީދު، ރާއްޖެއިން ބޭރަށް ފިލައިގެން ވަޑައިގެންނެވޭ ގޮތަށް ޕާސްޕޯރޓް ދޫކޮށްލުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެމައްސަލައިގައި ސަރުކާރަށް ވެސް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ ކުރިމަތިވެފައެވެ.