އިންސާނީ އާދަކާދަ: ފައިދާއާއި ގެއްލުން އެކުލެވޭ ކަންކަން ހުރޭ

އިންސާނުންނަކީ ، އުފެދުމުގައިވެސް ، އަދި ހެދިބޮޑުވުމުގައިވެސް ، އެކިކަހަލަ އާދަތަކަށް އެބައިމީހުންގެ ޢަމަލުތައް ބަށްޓަންވަމުންދާ ބަޔެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އެކަން އެގޮތަށް ހިނގަމުން ދެއެވެ. އެކި މުޖްތަމަޢުތަކުގައި އެކިގޮތަށެވެ. އެކި ދީންތަކުގައިވެސް އެކި ގޮތަށެވެ. އަދި އެކި މީހުންގެ އާދަތައްވެސް އެކިގޮތަށް މެއެވެ. ދިރިއުޅުމުގެ އެކި ކަންކަމާއި ޙާލަތުގައި ، ކޮންމެ ރަށެއްގައިވެސް ، އަދި ކޮންމެ މުޖުތަމަޢެއްގައިވެސް ތަފާތު އާދަތަކެއް ގެންގުޅެއެވެ. ޒަމާނުއްސުރެ ، ދެމިހުންނަ އާދައާއި ވަކިޙާލަތަކާ ގުޅިގެން ، އިންސާނާ ތަޖުރިބާކުރާ އޭނާގެ ދިރިއުޅުމުގެ ޙާލަތުން އުފަންވާ އާދަވެސް ހުރެއެވެ. ގޯސް އާދައާއި ރަނަގަޅު އާދަ އޭގެ ތެރޭގައި ހުރެއެވެ. އަދި ޚުދު ، އެއިންސާނާގެ ނަފުސަށާއި ހަށިގަނޑަށް ގެއްލުންލިބޭ އާދަތައްވެސް ހިމެނެއެވެ. އަދި ހަމައެފަދައިން ، އެއާދަޔަކުން އޭނާގެ ވަށައިގެން އޮންނަ ވެށްޓަށް ގެއްލުންލިބޭ އާދަތައްވެސް ހިމެނެއެވެ. މުޖުތަމަޢުންނާއި ދީނުން ބޭރުވެގެންދާ އާދަތައްވެސް ބައިވަރެވެ.

ނަމާދުކޮށް ހެޔޮ ޢަމަލުގިނަކުރުމަކީ ، ﷲ ތަޢާލާ ، އިންސާނާ ޚަލްޤުކުރެއްވި ސަބަބުގައި ހިފަހައްޓައިގެން ، އިންސާނާއަށް ކުރެވޭނެ އެންމެ ފުރިހަމަ އާދައެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް ތިމާގެ ދިރިއުޅުން އެނބުރިގެންދާން އާދަކުރެވޭނެ އެހެން އެއްވެސް ޢަމަލެއް ނުވެއެވެ. ނަމާދު ޤާއިމުކުރުމުގެ އާދަ ހިފަހައްޓައިފިނަމަ ، އެހެން ، ހެޔޮ ޢަމަލުތައް އިތުރުވެގެންގޮސް ތިމާގެ ދިރިއުޅުން ހެޔޮކަމުގެ މަގަށް އެނބުރިގެންދާނެއެވެ. އެހެންނަމަވެސް ، އާދަކޮށް ނަމާދުނުކުރާނަމަ ، ހެޔޮޢަމަލުތަކަށް ދިރިއުޅުން މިސްރާބު ޖެހުމަށްވުރެ ގާތީ ، ނުބައި މަގުން ކައްސާލައިގެންގޮސް ، އަބާއްޖަވެރިކަމުގެ ތެރެއިންލާފައި ދެދުނިޔެ ގެއްލިގެން ދިއުމެވެ.

ތިމާކުރާ ޢަމަލަކީ އާދައެކެވެ. ގިނަކަންކަން ކުރެވެމުންދާނީ އާދަކޮށެވެ. ހެނދުނު ސައިބުއިމަކީ ، މެންދުރު ކެއުމަކީ ، އެއްބަޔަކަށް އާދައަކަށް ވާއިރު ، އަނެއްބަޔަކު ، ހެނދުނު ސައިނުބޮއެ މެންދުރު ކެއުމަށް އާދަވެފައި އޮވެދާނެއެވެ. ރޭގަނޑު ނިދާއިރު ، ވުޟޫކޮށްލައިގެން ނިދުމަކީ އެއްބަޔަކަށް އާދަކުރެވިފައި އޮންނަ ކަމަކަށް ވެދާނެއެވެ. ބަންގި ގޮވާތަނުން ، ވަގުތުން ނަމާދުކުރުމަކީ އެއްބަޔަކު އާދަކޮށްފައި އޮންނަ ކަމަކަށް ވެދާނެއެވެ. ކާން ފެށުމުގެ ކުރިން ފެންތައްޓެއް ބޯލުން އެއީ އާދަޔަކަށް ހަދައިފާނެއެވެ. އިންސާނާގެ މުޅިދިރިއުޅުންވަނީ އާދަތަކުން ފުރިގެންނެވެ. މިލިޔުމުގައި ފާހަގކުރެވޭތޯ މިބަލަނީ ، ދުނިޔޭގެ އެކި ބައްރުގައި އެކި މުޖުތަމަޢުތަކުގައި އެއްގޮތަކަށް ބޭނުންކުރެވޭކަމަށް ފާހަގަ ކުރެވޭ އާދަތަކެކެވެ. އެންމެ ފުރަތަމަ ، ހެއްދެވި ފަރާތެވެ. ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ ކުޅަދުންވަންތަކަމާއި ، އެކަލާނގެ ނޫނީ ، އަޅުކަންވެވޭ އެހެން ފަރާތެއް ނެތްކަން ސާބިތުކޮށްދޭ އިންސާނީ އާދައެކެވެ. ކޮންމެ އިންސާނަކީވެސް ، ﷲ ގެ ޙަޟުރަތުން މެނުވީ ، މަދަދާއި އެހީތެރިކަމާ އަދި ވާތްގާއި ސަލާމަތާ ރައްކާތެރިކަން ލިބެން ނެތް ނިކަމެއްޗެއްކަން ސާބިތުކޮށްދޭ ހެއްކެކެވެ. އެއީ ، ޝައްކަކާ ނުލައި ހިތުގެ އަޑިން ، ﷲ ގެ އެއްކައުވަންތަކަން ، ޤަބޫލުނުކުރާ މީހުންވެސް ، ޣައިރު މުސްލިމުންވެސް އާދައެއްގެ ގޮތުގައި ﷲ ގެ އެއްކައުވަންތަކަން ޝައްކެއްނެތި ޤަބޫލުކުރަން މަޖުބޫރުވާ ޙަލަތެއް އުފަންކުރުވާ އާދައެކެވެ. ﷲ ގެ މަދަދާއި ވާތްގަށް އެދި ދަންނަވަން މަޖުބޫރުވާ އެތައް ޙާލަތެއް އިންސާނާ ތަޖުރިބާ ކުރެއެވެ.

ޔާ ﷲ

ޔާ ﷲ ، މިއީ ހަމަ ކޮންމެ އިންސާނަކުވެސް ، ނިކަމެތިކަމެއް އަދި ބިރުވެރިކަމެއް ނުވަތަ މުޞީބާތެއް ކުރިމަތިވާހިނދު ، އެކި ބަހުރުވައިންނާއި އެކި ލަހުޖާއިން ، އަދި އެކި ސިފަތަކުން ﷲ އާ މުޚާޠަބުކޮށް ، އެކަކލާނގެ ވާގިފުޅަށް އެދި ދަންނަވާ ބަހެކެވެ. ކަނޑުމަތީގެ ޙާދިސާއެއްގައި ، ބިޔަބޮޑެތި ރާޅުތަކުތެރޭ ލޯންޗެއްގެ އިންޖީނުހުއްޓި ، ދެވޭ ނުދެވޭ ތަނެއް ނޭނގި ، އެއްވެސް ހިކިފަސްތަނެއް ފެންނަންނޯންނާނެ ، ވަށައިގެން އޮންނަ ހަތަރު އުދަރެސް ބެދިފައި އޮންނަ ޙާލަތަކީ ، އިންސާނާ ގޮތްހުސްވާނެ ޙާލަތެކެވެ. އަދި މިނޫނަސް ، މުޞީބާތުގެ ވަގުތަކީ ، ކޮންމެ އިންސާނަކުވެސް ، އޭނާ ހެއްދެވިފަރާތް މަތިން ހަނދާން ވާނެ ވަގުތެކެވެ. ވަކިދީނަކަށް ނިސްބަތްވެގެންނެއް ނޫނެވެ. އެވަގުތު ، އިންސާނާއަށް ، އޭނާ ހެއްދެވި ފަރާތް ހަނދާންކުރަން މަޖުބޫރު ވެގެންނެވެ. ﷲ ގެ ރަސްކަންފުޅުން ، އެކަލާނގެ ރަޙުމަތުން މެނުވީ އެހެން ފަރާތަކަށް އޭނާ ސަލާމަތް ކޮށްދެވެން ނޯންނާނެކަން ، އެބިރުވެރި ޙާލަތުގައި އޭނާ އިޙްސާސް ކުރެއެވެ. ކުރިމަތިވެފައިވާ ބިރުވެރިކަމާއި މުޞީބާތުން ސަލާމަތް ކޮށްދެއްވުން އެދި އޭނާގެ އިސްއުފުލައިލެވެއެވެ. ދެއަތް މައްޗަށް ނެގެއެވެ. ﷲ ގެ ރަޙުމަތަށް އެދި ޔާ ﷲ އޭ ދެންނެވެއެވެ. މުސްލިމުންނަށް ދެންނެވޭނީ ޔާ ﷲ އެވެ. އެނޫންދީންތަކުގެ އަހުލުވެރިންވެސް ﷲ އަށް ނިސްބަތްކޮށް އެބަޔަކު މުޚާޠަބުކުރާ ބަހަކުން ދަންނަވާނީ ﷲ އަށެވެ. ޔާ ރައްބު އޭ އެއްބަޔަކު ދަންނަވާއިރު ، އަނެއްބަޔަކު ޔާ ޚުދާ އޭ ދަންނަވާނެއެވެ. އަދި އޯ ގޯޑް އޭ ނުވަތަ އޯ ލޯޑް އޭ އެއްބަޔަކު ދަންނަވާއިރު ، އަނެއްބަޔަކު ، ޔާ ޕަރުވަރުދިޤާރުއޭ ދަންނަވާނެއެވެ. އިންޑޮނީސިއާއި މެލޭޝިއާ މީހުން ، ޔާ ޓުހާން އޭ ދަންނަވައެވެ. ޕަންޖާބީން އޯހ ރައްބު އެވެ. އަދި މިނޫނަސް ، އެބަޔަކަށް ކުރިމަތިވާ މުޞީބާތުގެ ވަގުތުގައި ، އެބަޔަކު ޤަބޫލުކުރާ ގޮތަކަށް ، އެބަޔަކު ޤަބޫލުކުރާ ބަހަކުން ، ﷲ ، ނުވަތަ ހެއްދެވި ފަރާތް ނޫން އެހެން ފަރާތެއް އެބަޔަކު ހަނދުމައެއް ނުކުރެއެވެ. މިއީ ، ހަމަކޮންމެ އިންސާނެއްގެ އާދަ އެވެ. ވަކި އުއްމަތެއް ، މިއްލަތެއް އަދި ވަކިދީނެއް ނުވަތަ ވަކި ނަސްލެއް ނޯވެއެވެ. ކޮންމެ އާދަމުގެ ދަރިޔަކުވެސް މުޞީބާތުގެ ވަގުތުގައި ﷲ ހަނދުމަ ކުރެއެވެ. މުސީބަތުގެ ވަގުތުގައި އިސްއުފުލައި ، އުޑާދިމާއަށް ބަލައި ދެއަތްމައްޗަށް ނަގައި ، ﷲ އަށް ނުދަންނަވާ އެއްވެސް އިންސާނެއް ނުވެއެވެ.

ސަލާމް ނުވަތަ ހަލޯ

ދެމީހަކު ބައްދަލުވާ ހިނދު ، ސަލާމްކޮށްލުމަކީ ، ނުވަތަ ސަލާމް ގޮވައިލުމަކީ ގިނަބަޔަކު އާދަކޮށްފައިވާ ކަމެކެވެ. ޣައިރު މުސްލިމުން ގޮވާލާނީ ހަލޯ އެވެ. އިނގިރޭސި ބަސްފޮތްތަކުން އެނގޭ ގޮތުގައި ، ހެލޯ ، މިބަހަކީ ، ތޯމަސް އެޑިޝަން އުފެއްދި ބަހެކެވެ. އޭނާގެ ފޯނަށް ޖަވާބުދޭމީހުން ، ފޯނު ނަގާފައި ހަލޯ އޭ ބުނުމަށް އޭނާ އެދެމުން ގެންދިޔައެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ، ހަލޯ އޭބުނުމަށް މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން ، އިސްލާމްދީނުގައި ބަހެއް އުފައްދާފައި  ވާކަމެވެ. އެއީ އައްސަލާމް ޢަލައިކުމް އެވެ. ދޭދޭ ފަރުދުން ބައްދަލުވާ ހިނދު އަދި ފޯނުން ދިމާވާ ހިނދު ، ހަލޯއޭ ބުނުމުގެ ބަދަލުގައި އިސްލާމީ ސަލާމުން ސަލާމް ކުރުމަކީ ، ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމެކެވެ. އެއީ ވަރަށް  މަތިވެރި އާދައެކެވެ. ކީރިތި ޤުރުއާނުގެ  ނިސާއު ސޫރަތުގެ 86 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައި ވަޙީ ކުރައްވާފައި ވެއެވެ.    " ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކޮށްފިނަމަ ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމް ރައްދު ކުރާށެވެ "

ކޮންމެއަކަސް ، ސަލާމަކީ ، ހުރިހައި އިންސާނުންގެ މެދުގައިވެސް ކުރަން އާދަކުރެވިފައި އޮންނަ ކަމެކެވެ. އެބަޔެއްގެ ބަހުން އެބަޔަކު ބޭނުން ކުރަމުންގެންދާ އާދައެކެވެ. އިސްލާމީ އުއްމަތުގައި ބޭނުންކުރަނީ ، އައްސަލާމް ޢަލައިކުމް އޭ ބުނެއެވެ. އިނގިރޭސިބަހަށް ދޯޅުމީހުން އޭގެ ބަދަލުގައި ހަލޯ އޭ ބުނެއެވެ. އެހެންނަމަވެސް ، އިސްލާމީ ސަލާމުން ސަލާމް ކުރުމަށް ބޭނުންކުރެވޭ އައްސަލާމް ޢަލައިކުމް ، އެއީ ހަލޯ އަށްވުރެ މާ މަތިވެރި ބަހެކެވެ. ހަލޯ އަކީ އިންސާނާ އުފެއްދި ބަހެކެވެ. އައްސަލާމް ޢަލައިކުމް އެއީ ، ﷲ ތަޢާލާގެ ޙަޟުރަތުން އަންގަވައި ބޭނުން ކުރުމަށް އަމުރުކުރައްވާފައިވާ ބަހެކެވެ. އިންސާނާގެ ޣާފިލްކަން ބޮޑުވެގެންގޮސް ، ﷲ ތަޢާލާގެ އަމުރުފުޅާ އެއްގޮތަށް ސަލާމް ގޮވައިލުމަށްވުރެ ، ހަލޯ އޭ ބުނަންވަނީ އާދަކޮށްފައެވެ. މުސްލިމުންނަށް އެންމެ ހެޔޮކަން ބޮޑީ ، އިސްލާމީ ސަލާމުން ސަލާމް ކުރުމެވެ. ﷲ ގެ ޙާޟުރަތުން ސަލާމަތްކަމަށް އެދުމެވެ.

ކުޅުޖެހުން

ކުޅުޖެހުމަކީ ، އަނގަޔަށް ކުޅުގިނަވާ ހިނދު ، ގިނަވެފައި ހުންނަ އޮލަތައް ބޭރުކޮށްލުމެވެ. ކުޅުޖަހަނީ ހަމައެކަނި ދުފާމީހުން އަނގަޔަށް ކުޅުގިނަވީމައި އެކަންޏެއްނޫނެވެ. ރުޅިއައިސްގެން ، އެރުޅި ރައްދުވާ މީހާގެ އަގު ވައްޓާލައި އިޙްތިރާމެއް ނެތްކަން އަންގަންވެގެންވެސް ކުޅުޖަހައިފާނެއެވެ. ކުޅުޖެހުމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް އާދަވެފައި އޮންނަ ކަމެކެވެ. ތަހުޒީބީ މުޖުތަމަޢުތަކުގައިވެސް ވަކި ހަމަތަކަކުން ، ކުރެވިފައި އޮންނަ އާދައެއްގެ މަތިން ކުޅުޖަހައެވެ.

މުސްލިމުން ނަމާދު ކުރަން ތިބޭއިރު ، ޚިންޒިބް އޭ ކިޔުނު ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް ކުޅުޖެހުމަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައި އިރުޝާދު ދެއްވާފައި ވެއެވެ. އެއީ ނަމާދުކުރަން ހުންނައިރު ، ހިތަށް ވަސްވާސް ވައްދައި ، ނަމާދާ ދުރުކުރުމަށް އެޝައިތާނާ ވަސްވާސްދީ އުނދަގޫ ކުރާނަމަ ކުރާކަމެކެވެ. މިކަހަލަ ކަމެއްދިމާވުމުން ، އެ ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް ، އަޢޫޛު ކިޔުމަށްފަހު އޭނާގެ ވައަތްފަރާތަށް ތިންފަހަރު ކުޅު ޖެހުމަށް ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވާފައެވެ. ކުޅު ޖަހާނީ ނަމާދު ކުރާތަނާއި ، ކައިރީގައިތިބޭ މީހުންނަށް އުނދަގުލެއް ނުވާގޮތަށެވެ. ކުޅު ނުބުރާ ގޮތަށެވެ.

އިންޑިއާގެ ހިންދޫންގެ ކަލާނގެއެއްކަމުގައިވާ ކާލާޖީއަށް އަޅުކަންކުރާ މީހުންނަކީވެސް ، ޚާއްޞަކޮށް އަޙްމަދުއާބާދުގައި ދިރިއުޅޭ މީހުން ، އެސްފިންނައިން ސަލާމަތްވުމަށް ، ކުޅުނުބުރާގޮތަށް ، ވައަތްފަރާތަށް ތިންފަހަރުކުޅުޖަހާ ބަޔެކެވެ. މައިން އެމީހުންގެ ދަރިން ، އެހެން މީހުންގެ އެސްފިންނައިން ސަލާމަތްކުރުމަށް ، ބުނާއެއްޗެއް ބުނުމަށްފަހު ، ވައަތްފަރާތަށް ތިންފަހަރު ކުޅުޖަހައެވެ.

އެހެންކަމުން އާދަކާދައަކީ އެކިގޮތްގޮތަށް ، އަދި އެއްގޮތް ގޮތްގޮތަށް ، ދުނިޔޭގެ އެކިކަންކޮޅުގައި އިންސާނާގެ ފަރާތުން ފެންނަ ކަމެކެވެ. އާދަ ބިނާވެގެންވަނީ ، ސަޤާފަތާއި ދީނާ އަދި ޢާންމު ދިރިއުޅުމުގައި އިންސާނާގެ ޢަމަލުތައް ބަށްޓަންކުރާ ގޮތަކަށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.