ޚާޝުޤްޖީގެ މަރާ ބެހޭގޮތުން އެމެެރިކާ ސަރުކާރުން އާއްމުކުރި އިންޓެލިޖެންްސް ރިޕޯޓަށް ސައޫދީ ސަރުކާރުން ރައްދުދީފި

އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި 2018 ވަނަ އަހަރު ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓުގައިވާ ވާހަކަތައް ސައޫދީ ސަރުކާރުން ދޮގުކޮށްފިއެވެ.

"މިގައުމުގެ ޒައާމަތުގައި ތިއްބެވި ބޭފުޅުންނާ ގުޅޭގޮތުން ރިޕޯޓުގައި އައިސްފައިވާ ސަލްބީ، ހަގީގަތާ ޚިލާފު، ގަބޫނުކުރެވޭނެ ނިންމުންތައް އަހަރުމެންނަށް އެއްގޮތަކަށްވެސް ސައޫދީ އަރަބިއްޔާއަށް ބަލައިނުގަނެވޭ، އަދި ރިޕޯޓުގައި ވަނީ ސައްހަނޫން މައުލޫމާތާއި ނިންމުންތައްކަން ފާހަގަކުރަން." ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަަޔާނެއްގައި ވެއެވެ.

"އެއީ (ޚާޝުޤްޖީ މަރާލުމަކީ) ނަފުރަތުކުރަން ޖެހޭ ހުތުރު ޖަރީމާާއެއް އަދި ސައޫދީ އަރަބިއްޔާގެ ގާނޫނުތަކާއި އުސޫލުތާކާއި ފާޅުގައި ޚިލާފުވާ އަމަލެއް." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"އެ ޖަރީމާ ހިންގާފައިވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ އިދާރާތަަކުގެ ހުރިހާ ބާރުތަކާއި އުސޫލުތައް މުގުރާލާފައިވާ އަމިއްލަ ފަރުދުންގެ ބަޔަކު." ސައޫދީ ސަރުކާރުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވެއެވެ.

"އެކަމުގައި ބައިވެރިވީމީހުން ކުށްވެރިވާ ކަމަށް ނިންމައި ސައޫދީ އަރަބިއްޔާގެ ކޯޓުތަކުން ވަނީ އެމީހުންގެ މައްޗަށް ހުކުމްކޮށްފައި. އަދި ޖަމާލު ޚާޝުޤްޖީގެ އާއިލާއިން ވަނީ  މިހުކުމަށް މަރުހަބާ ކިޔާފައި." ސައޫދީ ބަޔާނުގައި ވެއެވެ.

އެމެރިކާއިން ރޭގެ ވަގުތެއްގައި ހާމަކުރި އިންޓެލިޖެންސް ރިޕޯޓުގައި ވާގޮތުން ޚާޝުޤްޖީ މަރާލާފައި ވަނީ އޭނާ ހައްޔަރުކުރުމަށް ނުވަތަ މަރާލުމަށް ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާލްސުޢޫދު ހުއްދަދެއްވައިގެންނެވެ.

މިއީ ޚާޝުޤްޖީ މަރާލި ހާދިސާއަށް ގިނަ ދުވަސްތަކެއް ނުވަނީސް އެމެރިކާގެ އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސްއިން ތައްޔާރުކުރު ރިޕޯޓެކެވެ. އެހެންނަމަވެސް، ރިޕޯޓު އާއްމުކޮށްފިނަމަ ރައީސު ޑޮނާލްޑް ޓްރަޕްެގެ ސަރުކާރާ ސަައޫދީ ސަރުކާރާ އޮތް ގާތްގުޅުމަށް ބުރޫ އަރާފާނެތީ ރައީސު ޓްރަމްޕް އެ ރިޕޯޓު އާއްމުކުރުމުގެ ހުއްދަ ދެއްވާފައި ނުވެއެެވެ.

"އަހަރުމެންގެ ހޯދުންތަކުން އެނގޭ ގޮތުގައި ތުރުކީގެ އިސްތަންބޫލުގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ ހައްޔަރުކުރުމަށް ނުވަތަ މަރާލުމަށް އޮޕަރޭޝަނެއް ހިންގުމަށް ސައޫދީ އަރަބިއްޔާގެ ވަލީއަަހުދު މުޙައްމަދު ބިން ސަލްމާން ހުއްދަދެއްވި." އެމެރިިކާގެ ރިޕޯޓުގައި ވެއެވެ.

"އަހަރުމެންގެ މި ނިންމުން ބިނާކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގައި ކަންކަން ނިންމުމުގައި ވަލީއަހުދުގެ ފުރިހަމަ ބާރުއޮތުމާއި، މި އޮޕަރޭޝަންގައި މުޙައްމަދު ބިން ސަލްމާންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އޭނާގެ އެންމެ އަރިހުގައި ހަރަކާތްތެރިވާ މީހުން ހިމެނުމާއި، އަދި ޚާޝުޤްޖީ ފަދަ، ގައުމުން ބޭރުގައި ތިބެ ސަރުކާރަށްް ފާޑުކިޔާ މީހުންގެ އަޑުކަނޑުވާލުމަށް އަނިޔާވެރި ގޮތްތައް އިޚްތިޔާރުުކުރުމަށް ވަލީއަހުދު ކުރައްވާ ތާއީދުގެ މައްޗަށް." އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓު އާއްމުކުރުމާ ގުޅިގެން އެ ޖަރީމާގެ ވަށައިގެންވާ މީހުންނާ ދެކޮޅަށް ފިޔަވަޅެ އެޅުމަށް ބައިޑަންގެ ސަރުކާރުން ނިންމި ނަމަވެސް، ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅަައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.