"ދަތިކަމެއް ނެތް، ބޭނުންވާވަރަށް ވެކްސިން ލިބޭނެ"

ރާއްޖޭގައި ކޮވޑް-19އިން ރައްކާތެރިވުމުގެ ވެކްސިން ދޭންފެށީ އިންޑިއާއިން ހިލޭ ހަދިޔާކުރި 100،000 ޑޯޒުގެ ވެކްސިނާއެކުއެވެ. އޭގެފަހުންވެސް ކޮންމެވެސްވަރަކަށް ވެކްސިން ޑޯޒްތަކެއް އެހެން ބައެއް ފަރާތްތަކުން ލިބުނެވެ.

ފުރަތަމަ ވެކްސިން ދޭން ފެށިއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އާބާދީގެ 50،000 އަށް އިންޑިއާއިން ހަދިޔާކުރި ވެކްސިން ދިނުމެވެ. އިންޑިއާއިން ހަދިޔާކުރި ވެކްސިން ޑޯޒްތަކަށް ބަލާނަމަ ، މިޢަދަދުން އެވެކްސިން ހުސްވާނެއެވެ. ސަބަބަކީ މީގެ 2 ޑޯޒް ކޮންމެ މީހަކަށް ދޭން ޖެހޭތީއެވެ.

މިހާރު ޖަހަމުންދާ މި ވެކްސިން ޖެހި މީހުންގެ ޢަދަދު މިހާރުވެސް 50،000އާ ގާތްކޮށްފިއެވެ. މި ހަފުތާގައި 50،000 ފަހަނައަޅައި ދާނެއެވެ. މިއާއެކު ބައެއް މީހުން އުފައްދާ ސުވާލަކީ 50،000 ހަމަވުމުން ބާކީ ހުރި 50،000 ޑޯޒް 2ވަނަ ޑޯޒަކަށް ބަހައްޓައި ވެކްސިން ޕްރޮގްރާމް މެދުކަނޑާލާނީތޯއެވެ؟

ޖަވާބަކީ ނޫނެކެވެ. ސަރުކާރުން ވިދާޅުވީ މިހާރު ވެކްސިން ޖަހާފައިވާ މީހުންނަށް 2ވަނަ ޑޯޒް ދޭންޖެހޭ މުއްދަތުގައި ޖެހޭވަރަށް ވެކްސިން ލިބޭނެކަމަށެވެ. އެހެންކަމުން މިރާރު އިންޑިއާއިން ލިބިފައިވާ 100،000 ޑޯޒް ހުސްވަންދެން ފުރަތަމަ ޑޯޒްގެ ގޮތުގައި ވެކްސިން ޖަހާނެއެވެ. ވެކްސިން ޕްރޮގްރާމް ނުހުއްޓި ކުރިއަށް ދާނެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކެވި މުޙައްމަދު ހަމްޒަތު ވިދާޅުވީ ރާއްޖެއިން ބޭނުންވާ މިންވަރަށް ވެކްސިން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. ސަރުކާރުން މިހާރު ނިންމާފައި އޮތީ ވެކްސިންދޭ ކެޓަގަރީތައް އިތުރުކޮށް، 100،000 ޑޯޒުގެ ފުރަތަމަ ބުރު ނިންމާލަންކަމަށް އޭނާ ވިދާޅުވިއެވެ.

"ވެކްސިން ޕްރޮގްރާމް ނުހުއްޓޭނެ. އަޅުގަނޑުމެންނަށް ވެކްސިން އެބަލިބޭ." މުޙައްމަދު ހަމްޒަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަހުގެ ތެރޭގައި އިތުރު ވެކްސިންޑޯޒްތައް ލިބޭނެ ކަމަށާ، އެހެންނަމަވެސް ލިބޭނެ ސީދާ ޢަދަދެއް އަދި  ވިދާޅުވާން ދަތިކަމަށެވެ.

މިވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން ޖެހެނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއްގައެވެ.

މިހާރު ހަމަޖެހިފައިވާގޮތުން މާލެއާއި އަތޮޅުތަކުގައިވެސް ވެކްސިން ޕްރޮގްރާމު ފުޅާކުރަމުންދާކަމަށް  ހަމްޒަތު ވިދާޅުވިއެވެ. އެގޮތުން މިއަދުން ފެށިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުއްޓާއި އަތޮޅު ތަކުގެ ސެންޓަރުތަކުން ޢުމުރުން 60 އަހަރުން މަތީގެ މީހުނަށް ވެކްސިން ދެމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ވެކްސިން ޕްރޮގްރާމް ފެށިގެންއައިއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަކަށް ނުގެންދޭ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެކްސިން ޕްރޮގްރާމްތައް ހިންގަމުން އަންނަނީ. " ހަމްޒަތު ވިދާޅުވިއެވެ.

މީގެއިޮތުރުން އެނދުމަތި ވެފައިތިބޭ މީހުންނަށް ވެކްސިން ދިނުމަށް އިތުރު ޓީމްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށާ، އަތޮޅުތެރޭގައި އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު ދެމުން ގެންދާނެކަމަށްވެސް މުޙައްމަދު ހަމްޒަތު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޑް-19އިން ރައްކާތެރިވާ ވެކްސިން އިއްޔެ އެކަނިވެސް 5485 މީހުންނަށް ވަނީ ޖަހާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން އިއްޔެ  5،485މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،257 މީހުންނާއި އަތޮޅުތެރޭގައި ވެކްސިންޖެހި 1،129 މީހުން ހިމެނޭހެންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 38،591އަށް އަރާފައެވެ.

މިހާތަނަށް ވެކްސިން ޖެހި ޖުމުލަ ޢަދަދުގެތެރެއިން މާލެ ސަރަޙައްދުން  31،322މީހުންނަސް ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން  7،170 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. މިހާރުވަނީ ރިސޯޓްތަކުގައި ވެކްސިން ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް  99 މީހަކަށް ރިސޯޓަކުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.