ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ކަނޑައަޅައިފައިވާ ދުވަހަށް ރައްޔިތުންގެ މަޖިލީހުން ބަދަލެއް ނުގެންނަވާނެކަމަށް މަޖިލީހުގެރައިސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތީޚާބު ބޭއްވުމުގެ ކަންތައް، އެމަނިކުފާނުގެ ދަރިފުޅުގެ ހޯމްވޯކް ހެދުމާ އެއްވަރުވެފައިވާ ކަމަށެވެ. އިންތިޚާބު ނުބޭއްވުމަށް ދެއްކެންވެން އޮތްހާ ބަހަނާއެއް އިލެކްޝަންސް ކޮމިޝަނުން ދައްކަވަމުން ގެންދަވާކަމަށް ދޭހަވާ މޭރުމުން މަޖިލީހުގެ ރައީސް ވަނީ ވާހަކަފުޅު ދައްކައިވައިފައެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ކޯވިޑް ތެރޭގައި އިންތިޚާބު ބޭއްވުމުގައި އެޗްޕީއޭ އިން އިޢުލާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކޮމިޝަނުން މަޖިލީހަށް ފޮނުވައިވާ ސިޓީގެ ވާހަކަ އިޢުލާންކުރައްވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ސިޓީފުޅެއް ފޮނުވައިފައިވާކަމަށް ވިދާޅުވުމަށްފަހު، އެސިޓީފުޅުގައިވާ އެއްވެސް ވާހަކައެއްގެ ތަފްޞީލެއް މަޖިލީހުގެ ރައީސް ނުއިއްވަވައެވެ.
"އަޅުގަނޑު ކޮމިޝަނަރ އޮފް އިލެކްޝަންސްއަށް ވެސް އަދި ހުރިހާ ހޯމްވާކް ހަދާ ކުދިންނަނަށް ވެސް ދަންނަވަން ބޭނުންވާ ވާހަކައަކީ، މިހާރު މިއޮތީ ހޯމް ވޯކް ދީފައޭ. ދެން އެނިންމައިގެން އަވަހަށް އަންނާށޭ. އެނޫން ގޮތެއް މިއަކު ނެތޭ. މި އިންތިޚާބު މިއޮތް ދުވަހު އިރާދަކުރެއްވިއްޔާ، އޮންނާނެ. އަޅުގަނޑުމެން އެއަކަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނުގެންނާނަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެޕްރީލް 10 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ލަސްކުރަން ސަބަބާއި ހުއްޖަތް ހޯދުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވަން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ކުރިން ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
އެންމެ ފަހުން އިންތިޚާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އިންތިޚާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިޚާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީޚުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށެވެ.