ކައިވެނީގެ "އެނިވާސަރީ ގިފްޓަކަށް" ރޮޒައިނާ ވިދާޅުވީ ރީތި ލަވައެއް! 

ދެމަފިރިއަކު އެކުގައި ކައިވެނީގެ "ރިހި ޔޫބީލް" އާ ހަމައަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި އޮންނަ ލޯތްބާއި އަޅާލުމާއި ކުލުނަށް ބަދަލެއް ނައިސް "ރިހިޔޫބީލް" އާ ހަމައަށް ދެވުމަކީ އެކައިވެންޏަކަށް ލިބޭނެ ވަރަށް ވެސް ބޮޑު ކާމިޔާބީއެކެވެ. ވަރަށްބޮޑު އުފަލެކެވެ. 

އެފަދަ ކާމިޔާބު އެއްކައިވެންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދެ މެމްބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒުގެ ކައިވެންޏެވެ. މިއަދަކީ އެދެކަނބަލުންގެ ކައިވެންޏަށް 24 އަަހަރު ފުރި 25 ވަނައަރު ފުރޭ "ރިހިޔޫބީލް" ފެށުނު ދުވަހެއެވެ. 

"އެނިވާސަރީ ގިފްޓަކަށް"  ފިރިކަލުންނަށް ރޮޒައިނާ ހަދިޔާކުރެއްވީ އޭނާ އަމިއްލަފުޅު ޅެމަކަށް، އޭނާގެ އަމިއްލަފުޅު ރާގަކަށް، އަދި އަމިއްލަފުޅު އަޑުން ވިދާޅުވި ރީތި ލޯބީގެ ލަވައެކެވެ. ފިރިކަލުންނަށް އޭނާގެ ހިތްޕޮޅުގައި އުފެދިފައިވާ ލޯބީގެ ޝުޢޫރުތައް ރޮޒައިނާގެ ޝާއިރީ ބަސްތަކުން ވަނީ ވަރަށް ފުރިހަމައަށް އަތުރާލައްވާފައެެވެ. 

މެންބަރު ރޮޒައިނާގެ މިލަވައިން ފެނިގެންދަނީ އެދެކަނބަލުންގެ ކާމިޔާބު ޒަވާޖީ ޙަޔާތުގެ އެކި ދުވަސް ވަރުގެ މަންޒަރުތަކެވެ. ދެމަފިރިންގެ ލޯބީގެ ފެށުމާއި ޒަވާޖީ ހަޔާތުގެ ފެށުމާއި ޒަވާޖީ ޙަޔާތުގެ އެކި ދުވަސް ތަކެވެ.  އެ ދެކަނބަލުންގެ ކާމިޔާބު ޙަޔާތް ކުރުގޮތަށް ރޮޒައިނާގެ ލަވައިން ކިޔައިދެއްވައި ދައްކުވައި ދެއްވިއެވެ.

އެދެކަނބަލުންގެ ކައިވެނީ "ރިހިޔޫބީލް" އަށް ފެށުނު އިރު ދަނރިކަނބަލަކާއި ދަރިކަލެއް ވަނީ ލިބިވަޑައިގެންފައެވެ. އެކުދިންގެ ނަންވެސް ގުޅުވައިފައި ވަނީ ދެކަނބަލުންގެ ނަމާއެވެ. އެއީވެސް ރޮޒައިނާ ފާހަގަކުރެއްވި ގޮތުގައި އެދެކަނބަލުންގެ ލޯބީގެ ރަމްޒެކެވެ. ރޮޒައިނާ ވިދާޅުވީ ނާޝިޒް ކަހަލަ ފިރިކަލަކު ލިބިވަޑައިގެންނެވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

ރަނގަޅު ފިރިއެެއްގެ ހުންނަންޖެހޭ ހުރިހާ "ކޮލިޓީ" އެއް ނުވަތަ ސިފައެއް ނާޝިޒުގެ ކިބައިގައި ހުންނަކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. ރޮޒައިނާއާއި ނާޝިޒުގެ ޒަވާޖީ ޙަޔާތް ފެށުނީ ޢުމުރުން ވަރަށް ޅައިރުއެވެ. އޭރު ރޮޒޭނާގެ ޢުމުރުން 16 އަރެވެ. ނާޝިޒުގެ ޢުމުރުން 17 އަހަރުގައެވެ. ލަވައިގައިވެސް އެކަން ވަނީ ފާހަގަ ކުރައްވައިފައެވެ. 

ލަވައެއްގޮތަށް އަތުރާލައިފައިވިއަސް އެއީ ރޮޒޭނާގެ ހިތްޕުޅުގައި ހިނގަމުންދިޔަ ހަޤީޤީ ޝުޢޫރުތަކެކެވެ. އެހެންކަމުން އެބަސްތައް ޅެމެއްގެ ގޮތުގައި އަތުރާލުމަކަށް މާބޮޑު އުދަނގުލަކަށް ނުވާކަން ރޮޒައިނާ ދެއްކެވި ވާހަކަ ފުޅުން ފާހަގަ ކުރެވުނެވެ. ނަމަވެސް ލަވަ ވިދާޅުވުމުގައި ހުރި ރީތިކަމާއި ފުރިހަމަ ކަމެއްނަމަ އެކަމުގެ "ކްރެޑިޓް" އޭނާ ދެއްވަން ބޭނުންފުޅުވަނީ، އިބްރާހީމް ޒައިދު (ކުޑަ އިއްބެ) އަށެވެ. ރޮޒޭގެ ލަވައިގެ ރެކޯރޑިން ހަދައިފައި ވަނީ އިއްބެގެ  ސްޓޫޑިއޯގައެވެ. ގޭތެރޭގައި ވެސް ކަރޯކޭ ޖައްސާތީ، މިލަވަ ވިދާޅުވުމަކީ ވެސް ރޮޒޭނާއަށް މާއުދަނގޫ ކަމަކަށް ނުވާކަން އޭނާގެ ވާހަކަފުޅުން ފާހަގަ ކުރެވުނެވެ. 

ފިރިކަލުންނަށް ދެއްވި "އެނިވާސަރީީ ގިފްޓް" ރޮޒޭނާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފައެވެ. އޭނާ ބޭނުންފުޅުވީ އޭނާގެ އެލަވައިން މުޖުތަމައަށް މެސެޖެއް ދެއްވުމެވެ. ކޮންމެ ކައިވެންޏެއްވެސް ދުޅަހެޔޮ ކަންމަތީގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަ ކުރުމެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި އަޅާލުމާއި ކުލުނަކީ ބަދަލުވާންޖެހޭ އެއްޗެއް ނޫންކަން އަންގައި ދިނުމެވެ.  " ވާލޯތްބަކަށް ބަދަލެއް ނުވޭ... އެކުގައި އުޅެންބޭނުމީ.. ވިހާދުވަސް ތި ލޯބީގާ…. އަދިވެސް އެެހެން ބޭނުމީ… "  ވިދާޅުވެއެވެ. އެހެންކަމުން ފިރކަލުންނަށް ދެއްވި "އެނިވާސަރީ ގިފްޓް" ވެގެންދާނީ އެހެން ޒަވާޖީ ހަޔާތަކަށް ވެސް ބާއްޖަވެރިކަން ގެނެސްދޭނެ ބޭނުންތެރި ހަދިޔާއަކަށެވެ.

1 ޚިޔާލު

  1. އާޚިރަތް ދުވަހުވެސް ތިޔަގޮތަށް ލަވަކިޔައި ދެވޭނެބާ! ވަރަށް ފޫހި މީހެއް މި ރޮޒޭނާއަކީ ދެއްކުންތެރި ކަމުގެ އިންތިހާ ، ތިމާ ލޯބިވަކަން ދުނިޔެއަށް ހާމަ ކުރުމަކީ ކަންދެއްކުމުގެ އިންތިހާ ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.