"ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ވަންނަ މީހުންގެ 60 އިންސަތައަކީ ސަރުކާރުގެ އިދާރާތަކުން ވަންނަ މީހުން"

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ވަންނަ މީހުންގެ 60 އިންސަތައަކީ ސަރުކާރުގެ އިދާރާތަކުން އެފަދަ ވެބްސައިޓްތަކަށް ވަންނަ މީހުންކަމަށް ދިރާސާތަކުން ފެންނަން އެބައޮތްކަމަށް ރައްތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހީމް ރަޝީދު ވަނީ އެފަދަ ވެބްސައިޓްތަކަށް ވަދެގެން، ރާއްޖޭގެ މުއާސަލާތީ ޚިިދުމަތްދޭ ކުންފުނިތަކަށް 200 މިލިއަން ރުފިޔާގެ ފައިިދާ ލިބޭކަމަށެވެ. އަދި އެކަން ނުހުއްޓުވިގެން އުޅެނީވެސް އެކަން ހުއްޓުވައިފިނަމަ އެ ކުންފުނިތަކަށް 200 މިލިއަން ރުފިޔާގެ ގެއްލުން ވާނެތީކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. 

"އެއްކޮޅުން އެ އެއްޗެހިތައް ބަލާފައި މިކިޔަނީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންނޭ. ކޮންމެ މީހެއްގެ ފޯނުން ބަލާބަލަ. ކޮންތާކަށްތޯ ވަދެގެން އުޅެނީ. އެބަ ފެނެއޭ ވަދެގެން އުޅޭ ތަންތަނާއި ކުރާކަންތަކާ އެއްޗެހި. ހަގީގަތަށް ވާހަކަ ދައްކަން ޖެހޭނީ. ތިމާ އީމާންތެރިކަމަކަށް ނުވާނެ ތިމާ ދައްކާވާހަކަ އަމަލުން ދައްކަން ޖެހޭނީ." ބޮންޑާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި މިފަދަ ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ކަމަށެވެ. ދައުލަތުގެ ފައިސާ އެންމެބޮޑަށް އިސްރާފު ވެގެންދަނީ، އެފަދަ ވަންނަން ނުޖެހޭ ވެބްސައިޓްތަކަށް ވަދެގެން ކަމަށްވެސް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އެކަން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ދައުލަތުގެ އިދާރާތަކުން ސަލާމަތްވާނެ މީހަކު މަދުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދައުލަތެއްގައި މިހެން ދޫކޮށްލައިފައި އޮތްކަމެއް ތަހުގީގުވެސް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަކީ އިސްލާމިކް މިނިސްޓްރީންވެސް އިހުމާލު ވެފައިވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އިސްލާމިކް މިނިސްޓްރީން މިކަން ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ވެބްސައިޓްތަކަށް ނުވަދެވޭނެ ގޮތް ހަދަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.