ރާއްޖޭގައި "ވެކްސިން ޓޫރިޒަމް" ކުރިއަށް ގެންދަން ވިސްނަނީ

ރާއްޖޭގައި ފަތުިރުވެރިންނަށް ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިން ދިނުމަށް "ވެކްސިން ޓޫރިޒަމް" ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުސޫމު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހިގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުސޫމު ވިދާޅުވީ ވެކްސިން ޓޫރިޒަމަކީ ރައީސް ޞާލިޙްގެ ވިސްނުންފުޅެއް ކަމަށާއި އެއީ އެމަނިކުފާނުވެސް ވަރަށް ތާއީދު ކުރައްވާ ވިސްނުންފުޅެއް ކަމަށެވެ. ނަމަވެސް އެކަމަށް އޮތް ގޮންޖެހުމަކީ ފުރަތަމަ ދިވެހިންގެ ތެރެއިން ވެކްސިން ޖަހަންޖެހޭ އެންމެންނަށް ވެކްސިން ދިނުމަށް ސަރުކާރުން ނިންމައިފައިވުމާއި ވެކްސިން ލިބުމުގައި އަދިވެސް ދަތިތައް ހުރުންކަމަށް މިނިސްޓރ މަޢުސޫމު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ މަޢުސޫމު ވިދާޅުވީ ވެކްސިން ޓޫރިޒަމް ފެށުމަށް ސަރުކާރުން ގެންގުޅުއްވަނީ "ވިޒިޓް، ވެކްސިން، ވެކޭޝަން" ޓޫރިޒަމް ކުރިއަށް ގެންދެވުމުގެ ވިސްނުންކަމަށެވެ. "ވެކޭޝްން ވޮކޭޝަން"  ނުވަތަ ފަތުރުވެރިންގެ ގޮތުގައި އައިސް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދޭ ޓޫރިޒަމް ތަންކޮޅެއް ކުރިން ރާއްޖެއިން ޕްރޮމޯޓް ކުރެއްވި ކަމަށް މިނިސްޓަރ މައުސޫމު ވިދާޅުވިއެވެ. އެވެސް ވެގެން ދިޔައީ ވަރަށް ކާމިޔާބު ޓޫރިޒަމަކަށް ކަމަށް ވިދާޅުވިއެވެ. އެޗްޕީއޭއިން ވެކްސިން ޓޫރިޒަމް ތައާރަފު ކުރެވޭނެ މަގު ފަހިކޮށްދެއްްވާއިރަށް އެފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަސައްކަތް  ފަށްޓަވާނެކަމަށް ވެސް ޑރ. މައުސޫމު ވިދާޅުވިއެވެ. އަދި އެންމެ ފުރަތަމަ "ވެކްސިން ޓޫރިޒަމް" ތައާރަފު ކުރާ ޤައުމަކަށް ރާއްޖެ ވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށް  ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމު ވިދާޅުވިއެވެ. 

ވެކްސިން ޓޫރިޒަމް ތަޢާރަފު ކުރުމަށް ވިސްނަވާއިރު ވެކްސިންގެ ދެވަނަ ޑޯޒް ހަތަރު ހަފަތާއަށްފަހު ޖެހޭ ވެކްސިނަކާއި އަދި ތިން ހަފަތާއަށްފަހު ދެވަނަ ޑޯޒް ޖެހޭ ވެކްސިންވެސް ތައްޔާރު ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ތިން ހަފްތާ، ހަތަރު ހަފްތާގެ މުއްދަތަށް ފަތުރުވެރިން ރާްއްޖޭގައި ތިބުން ވާނީ ވަރަށް ބޮޑު ފައިދާއަކަށް، ކަމަށް ވެސް މިނިސްޓަރ ޑރ. މައުސޫމު ފާހަގަ ކުރެއްވިއެވެ.  ނަމަވެސް ފަތުރުވެރިކަމުގެ ވިސާ ތިން މަހަށް ލިމިޓް ވެފައި އޮތުމަކީ ދިގުމުއްދަތަށް ރާއްޖޭގައި ތިބެން ބޭނުންވާ ފަތުރުވެރިންނަށް އޮތް ހުރަހެއް ކަމަށް ވިދާޅުވިއެވެ. މިއަހަރު ތެރޭގައި މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ ތެރޭގައި އެއިސްލާހު ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ.

"އެންމެ ފަހުން މަޖިލީހުން ފާސްކުރި އިމިގްރޭޝަނާ ބެހޭ ޤާނޫނުގައި އަޅުގަނޑުމެން އުއްމީދުކޮށްގެން  ހުރީ ފަތުރުވެރިންނަށް ވެސް ތިން މަހަށްވުރެ އިތުރަށް ފަސޭހައިން ވިސާލިބޭނެގޮތަށް ބަދަލުވެގެން އަންނާނެކަމަށް. އެެހެންނަމަވެސް އަދި ވިސާ އޮތްގޮތުން  ތިންމަހަށް ފަހު ޓޫރިސްޓް ވިސާ އިތުރެއް ނުކުރެވޭ.  ޚާއްޞަ ވިސާއެއް މިވަގުތު ދެއްވާ. އެހެންކަމުން އަޅުގަނޑު ހިތުން މިއަހަރު މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ ތެރޭގައި އެބިލްވެސް ހިމެނިގެންދާނެ. ދިގުމުއްދަތަށް ފަތުރުވެރިންނަށް ރާއްޖޭގައި އިތުރަށް ތިބެވޭނެ ގޮތަށް. މިދަންނަވަނީ ރެސިޑެންސް ވިސާގެ ވާހަކައެއް ނުން. ޓޫރިސްޓުންގެ ވިސާގެ ވާހަކަ" ޑރ. މައުސޫމު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.