ރަޝިޔާއިން ތުރުކީއަށް ވިއްކި ވައިގެ ދިފާއީ ނިޒާމު އެސް-400 ގެ މައްސަަލައިގައި އެމެރިިކާއަށް ދޫދޭން ތުރުކީ ތައްޔާރަށް އޮތް ކަމުގެ އިޝާރާތްތަކެއް ތުރުކީން ލިބިއްޖެއެވެ. އެހެންނަމަވެސް، އެއީ ބޮޑު ޝަރުޠަކާއެކުގައެވެ. ތުރުކީގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި އެ ގައުމުން ދެކޭ ކުރުދީ ހަނގުރާމަވެރިންނާ އެމެރިކާއިން ގުޅުން ކަނޑާލުމެވެ.
ރަޝިޔާގެ އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމް އެސް-400 މަހުދޫދު (ލިމިޓެޑް) ގޮތެގައި ބޭނުންކުރަން ތުރުކީ އެއްބަސްްވަނީ، އެގައުމުގައި ކުރިއްސުރެ ބޭނުންކުރަމުން އަންނަ ހަތިޔާރުތަކަށް އެމެރިކާއިން ސްޕެއާ ލިބުން ހުއްޓެން ބޭނުންނުވާތީއާއި، ތުރުކީގެ އިގްތިސާދަށް ލޮޅުމެއް އަރަން އެގައުމުން ބޭނުންނުވާތީކަމަށް އެމެރިކާ-ތުރުކީ ގުޅުމުގެ ކަންކަން ރަނގަޅަށް ދަންނަ ދެފަރާތަކާ ހަވާލާދީ ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައި ވެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ އެ ދެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ސީރިޔާގައި އިސްލާމިކް ސްޓޭޓް ބަލިކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އެންމެ ބޮޑު ބައެއް ހިއްސާކުރާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ) އާ އިތުރަށް ގުޅުން ބަދަހިކުރުމުން އެމެެރިކާ އެއްކިބާވާން ތުރުކީ ބޭނުންވެއެެވެ. ވައިޕީޖީއަކީ ސީރިޔާގެ ކުރުދީ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވޭ ހަތިޔާރުއެޅި ޖަމާއަތެކެވެ.
އެމެރިކާއާ ގުޅުން ރަނގަޅުވެދާނެ ކަމުގެ ޚަބަރާއެކު ތުރުކީގެ ބޭންކުތަކުގެ ސްޓޮކް އިންޑެކްސް ވަނީ %3.4 މައްޗަށް ޖެހިފައެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވިކަމަށް ބުނެ އެމެރިކާއިން ޖިނާ ދައުވާ އުފުލަން ނިންމާފައިވާ ބޭންކް، ހަލްކް ބޭންކުގެ ހިއްސާ ވަނީ %2.5 މައްޗަށް ޖެހިފައެވެ.
ތުރުކީން އެމެރިކާއާއެކު ދެފަރާތް އެއްބަސްވާ ހައްލަކަށް އައުމަށް ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކާރް ދެއްކެވީ ގްރީސްގެ ނަމޫނާއެވެ. ގްރީސްއިން ވަނީ މަހްދޫދުކޮށް ބޭނުންކުރެވޭ ގޮަތަށް ރަޝިޔާގެ ތަންކޮޅެއް މުސްކުޅި ވައިިގެ ދިފާއީ ނިޒާމެއް ބޭނުންކުރަން ފަށާފައެވެ.
"އަހަރުމެން މިތިބީ މަޝްވަރާއަށް ތައްޔާރަށޭ އަހަރުމެން ވާނީ ބުނެފައި." ތުރުކީގެ ހުއްރިއްޔަތު ނޫހާ ވާހަކަފުޅު ދައްކަވަމުން އަކާރް އިއްޔެ ވިދާޅުވެފައި ވެއެވެ.
"އަހަރުމެން އަބަދު މި ސިސްޓަމް (އެސް-400) ބޭނުންކުރުމަކީ އޮތް ކަމެއް ނޫން. އެ ސިސްޓަމްތައް ބޭނުންކުރެވޭނީ ކުރިމަތިވާ ނުރައްކަލާ އެކަށީގެންވާ މިންވަރަށް. އެކަން ނިންމާނީ އަހަރުމެން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ތުރުކީގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ޑޭވިޑް ސެޓަރފީލްޑް ވިދާޅުވީ ސީރިޔާ ކުުރުދީންނާއެކު މަސައްކަތްކުރުމާމެދު އެމެރިކާގެ ސިޔާސަތަށް ބަދަލެއް ނާދެއެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތުރުކީން ބޭނުންނަމަ ތުރުކީއަށް ޖެހޭނީ އެސް-400 މިސައިލް ސިސްޓަމް ދޫކޮށްލާށެވެ.
އެމެރިކާގެ ރައީސު ޖޯބައިޑަންއާ ކޮންގްރެސްއިންވެސް ވަނީ އެސް-400 ގެ މައްސަލައިގައި ދޫނުދިނުމުގެ ސިޔާސަތެއް އިޚްތިޔާރުކޮށްފައެވެ. އެމެރިކާއިން ބުނަނީ އެފް-35 ހަނގުރާމަތީ މަތިންދާބޯޓާއެކު ތުރުކީން އެ ނިޒާމު ބޭނުންކޮށްފިނަަމަ، ހުޅަނގުގެ ހަތިޔާރާ ބެހޭ ސިއްރުތައް ރަޝިޔާއަށް ލިބިދާނެ ކަމުގައެވެ.
އެމެރިކާއިން ވައިޕީޖީއާ ގުޅުން ބޭއްވުމަށް ތުރުކީން ދެކޮޅުހަދަނީ ތިރީސް އަހަރުއްސުރެ ތުރުކީން ހަނގުރާމަކުރަމުންދާ ތުރުކީ ކުރުދީީންގެ ހަނގުރާމަވެރި ޖަމާއަތް ކުރްދިސްތާން ވާކާސް ޕާޓީ (ޕީކޭކޭ) އާ ވައިޕީޖީއާ ގާތްގުޅުމެއް އޮންނާތީއެވެ. ޕީކޭކޭއަކީ އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިންވެސް ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައިވާ ޖަމާއަތެކެެވެ.
"އެމެރިކާއާ އަަހަރުމެން ކުރަމުންދާ މަޝްވަރާތަކުގައި އެސް-400 ގެ މައްސަލައަށް އަހަރުމެންނަށް ހައްލެއް ހޯދޭނެ. އެކަމަކު، އަހަރުމެން އުއްމީދުކުރަނީ އެމީހުން (އެމެރިކާ) ވައިޕީޖީއާ ގުޅޭ ހަގީގަތްތަކަށް ބަލާނެކަމަށް." ތުރުކީގެ ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ތުރުކީން ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް ގަތީ 2019 ވަނަ އަަހަރުގައެވެ. އެއީ، އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ސިސްޓަމްގެ ޓެކްނޮލޮޖީ ތުރުކީއާ ހިއްސާކުރަން އެމެރިކާއިން ދެކޮޅުހެދުމުން އެ ސިސްޓަމް ގަތުުމަށް ކުރި މަޝްވަރާތައް ހުއްޓާލުމަށް ފަހުގައެވެ.