އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ސީރިޔާ (ސޫރިޔާ) އިން 'ފައްސާލި'ތާ މާ ގިނަ ދުވަހެއް ނުވެ އެ ޖަމާއަތުން އަނެއްކާވެސް ސީރިޔާގައި ހަމަލާތައް ވަރުގަދަކުރަން ފަށައިފިއެވެ.
އައިއެސްގެ ހަނގުރާމަވެރިން ވަނީ ސިީރިޔާ ރަށްފުށުގެ ސަރަހައްދުތައް ކަމުގައިވާ ދޭރައްޒޫރުގެ އިރުމަތީ އަވަށްތަކުގައި ސަރުކާރު ސިފަައިންނަށާއި، ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް ދޭ ހަަމަލާތައް އިތުރުކޮށް، ކުރުދީ ސަރަހައްދުތަކުގައި ކުރުދީ ހަނގުރާމަވެރިންނަށް ދޭ ހަަމަލާތައްވެސް އިތުރުކޮށްފައެވެ. މިހަމަލާތަކާ ގުޅިގެން އދ.ން ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ އާއިލާގެ ގިނަ ބަަޔަކު ތިބި ހައުލް ކޭމްޕުގައި ސަލާމަތީ ކަންކަން ގޯސްވަމުންދާ ކަމުގެ އިންޒާރު ކުރުދީންނަށް ދީފައެވެ. އެއީ، މިއަހަރުގެ ކުރީ ކޮޅުގައި އެ ކޭމްޕުގައި 14 މީހުން މަރުވިކަން ކަށަވަރުވެފައި ވާތީއެވެ.
ސީރިޔާގައި އައިއެސްގެ ކޮންޓްރޯލުގެ ދަށުގައި އެންމެ ފަހުން އޮތް އަވަށް، ބާޣޫޒު ފައުޤާނީން އެ ޖަމާއަތުގެ ހަނގުރާމަވެރިން ބޭރުކޮށް އެ ރަށް ހިފިކަން ސީރިޔަން ޑިމޮލްރެޓިކް ފޯސަސް (އެސްޑީއެފް) އިން އިއުލާންކުރީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.
އައިއެސް ސީރިޔާގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާއި، ސީރީޔާގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ހުރިހާ ބިމެއް ގެއްލުމަށް ފަހުވެސް އައިއެސްގެ ބިރު ސީރިޔާއިން ފިލައިގެން ނުދެއެވެ. އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ވަކި ސެލްތައް އުފެދި އެ ސެެލްތައް ދަނީ ސީރިޔާގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެެވެ. އެހެންކަމުން، އަހަރުތަކަކަށް ސީރިޔާއާއި އިރާގަށް ބިރަކަށްވެފައި އޮތް ޖަމާއަތް ނައްތާލުން ވަނީ އުނދަގޫ ކަަމަކަށް ވެފައެވެ.
އެ ޖަމާއަތުގެ ހަމަލާތައް ވަރުގަަދަ ވަމުން އަންނަ ކަމުގެ އެންމެ ބޮޑު ހެއްކަކީ ދޭރައްޒޫރް ގަވަރްނަރޭޓްގެ އަލްމަޔާދީންގެ ރަށްބޭރުން ސީރިޔާ ސަފައިންގެ ގާފިލާއަކަށް އެ ޖަމާއަތުން ހަމަލާދީ ސިފައިންގެ 26 މީހުން މަރާލުމެވެ. ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފައި ވާގޮތުގައި، މި ކުއްލި ހަމަލާއަށް ފަހު ސީރިޔާ ސަރުކާރުގެ ސިފައިންނާ، އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި އައިއެސްގެ 11 ހަނގުރާމަވެރިއަކު ވަނީ މަރުވެފައެވެ.
މާރިޗު 2019 ގައި ވީ ބޮޑު ބައްޔަށް ފަހު އައިއެސްގެ ހަނގުރާވެރިން ވަނި ސީރިޔާއާ އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ޙިމްޞް ގަވަރްނަރޭޓްގެ މެދުތެރެެއާއި ދޭރައްޒޫރް ގަވަރްނަރޭޓްގެ އިރުމަތީ އަވަށްތަކަަށް ފެތުރިފައެވެ.