ނާޗަރަންގީ ޖަގަހަތަކަށްވުރެ މިއަދު ދިވެހި ޒުވާނުންނަށް ބޭނުންވާ އެތައްކަމެއް އެބަހުރިކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވެރިކަންކުރާ އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑިިޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަންލަތީފު މިއަދު މަޖިލީހަށް ހުށަހެޅުއްވި ހާސްކަމުންބޭރުގައި އުފާކޮށް، މަޖާކުރުމަށް ގޮވާލާ ޤަރާރަށް އިޝާރާތްކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުންކަމަށެވެ. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުންވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން. ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާކުރުމުގެ މައްޗަށް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 8, 2021
"ނިކަން ބައްލަވާށެވެ. ޑިގްރީއާއި މަސްޓަރ ހަދާފަ ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ." ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށެވެ. ސިޔާސީ ލީޑަރުންނަށް ޤައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.