"މިއަހަރުގެ ތެރޭގައި، ފަތުރުވެރިކަން އިހު އޮތް ޙާލަތަށް ގެންދެވިދާނެ"

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

މިއަހަރުގެތެރޭގައި ރާއްޖޭގެ ފަތުރުވެރިން އިހު އޮތް ޙާލަތަށް ގެންދެވިދާނެކަމަށް ޤަބޫލުކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ޙާލަތާއެކު ހީނަރުވެގެންދިޔަ ރާއްޖޭގެ ފަތުރުވެރިކަން އަލުން ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްަޕުޅާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޑރ.މަޢުޞޫމް ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބަލާއިރު އުންމީދު އޮބައޮތްކަމަށެވެ. އެގޮތުން، މިއަހަރުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑް-19ގެ ޙާލަތުގެ ކުރިން އޮތް ހާލަތަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މިދިޔަ އާދީއްތަދުވަހު 4300 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވެފައިވަނީ ފަރުވެރިން އައުން އިތުރުވުމާއި ރާއްޖޭގައި މިހާރު ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ފަށައިފައިވުމަކީ އުންމީދު އާވާކަމެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ 7 ދުވަހު 17116 ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ. ކޮވިޑް-19އާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައެވެ. ދުވަސްތަކެއް ވަންދެން މުޅި އިންޑަސްޓްރީ ހުއްޓިފައި އޮންނަން ޖެހުމާއި، ކޮވިޑާހެދު ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވި ހީނަރުކަމަކީ މި އިންޑަސްޓްރީއަށް ދިމާވި ވަރަށްބޮޑު ދަތިކަމެކެވެ.

ސަރުކާރުން ގެންދަނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ވިޔަފާރިވެރިންނާ ގުޅިގެން ރާޖޭގެ ފަތުރުވެރިކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.