ޓެކްސަސްގައި ވިއްކާލަން ފޮރުވާފަތިބި 84 ކުދިން، ދެބެއިންގެ އަގުވެސް 600 ޑޮލަރު!

އެމެރިކާގައި އިންސާނުންގެ ވަގު ވިޔަފާރިކުރާ ގްރޫޕަކުން ވިއްކާލަން ވެގެން ފޮރުވައިގެން ގެންގުޅުނު 84 ކުދިން ސަލާމަތްކޮށް އެ ގްރޫޕްގެ ގިނަބަޔަކު އަތުލައިގެންފިއެވެ.

އެމެރިކާގެ ފުލުހުން ވަނީ އެފްބީއައިއާ ގުޅިގެން މި އޮޕަރޭޝަން ހަތަރު ދުވަހުން ކާމިޔާބު ކޮށްފައެވެ. އެމެރިކާގެ ޓެކްސަސްގައި ހިންގި މި އޮޕަރޭޝަނުގައި އިންސާނުންގެ ވަގު ވިޔަފާރި ކުރަމުން އައި އެ ނެޓްވޯކްގެ  120 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުން ބަންދުކޮށްގެން ގެންގުޅުނު ކުދިން ސަލާމަތް ކޮށްފައެވެ.

އެ ގްރޫޕުން ވިއްކާލަން ތައްޔާރުކޮށްފައި ތިބި ކުދިންގެ ތެރޭގައި އެއްބަނޑު އެއްބަފާ ދެބެއިންވެސް ހިމެނެއެވެ. އެއީ ތިން މަހުގެ ކުއްޖަކާއި އެކުއްޖާގެ ފަސް އަހަރުގެ ދައްތައެވެ. އެ ދެބެއިން އެކަނިވެސް ވިއްކާލަން ހަމަޖައްސާފައިވާ އަގަކީ 600 ޑޮލަރެވެ. އެކިގައުމު ތަކުން ވަގަށް ނަގައިގެން ގެންގޮސް ވިއްކާލަން ތައްޔާރުކޮށްފައި ތިބި ކުދިންގެ ތެރޭގައި ކެނެޑާ އާއި ޔޫކޭ އާއި ކެންބޯޑިއާ އާއި ތައިލެންޑް އާއި ފިލިޕީންސްގެ ކުދިންވެސް ހިމެނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.