ކޮވިޑް-19 : އިތުރު 137މީހުން ޕޮޒިޓިވް

ރާއްޖެއިން މިރޭ އިތުރު 137މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 110 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 20 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7  މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ  16,547 އެވެ.

މިއަދު މިބަލިން ރަނގަޅުވީ 53 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14,472 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 2,014  މީހުންނަށެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 193 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2,982 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 427,278 ސާމްޕަލްވަނީ ނަގާފައެވެ.

ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 54 މީހުންނެވެ. އެއީ 46 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.