އެންމެ ޑިމޮކްރެޓިކް 2 ރައީސުން، އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވެއްދެވީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަކީ ފަހަކައަށް އައިސް ވަރަށް ތަފާތު ޝައުޤުވެރި ޖަލްސާއަށް ވެގެން ދެއެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމުކުރާ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެމައްޗަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ބަޔާނެއް އިއްވަވަންވާނެކަމަށެވެ.

މިމާއްސާގައި މިބުނާ ކަންކަމުގެ އިތުރަށް ރިޔާސީ ބަޔާން އިއްވާ ޖަލްސާއިން ފެންނަ އެންމެބޮޑު މަންޒަރަހީ އިދިކޮޅު ޕާޓީގެ ކަންބޮޑުވުމާއި އެމީހުންގެ ޑިމާންޑާއި އިހުތިޖާޖެވެ.

މަޖިލީހުގެ ތެރެއިން މިހާތަނަށް މިނިވަންކަމާއެކު މިކަން ކުރުމުގެ ފުރުސަތު އޮތީ އިދިކޮޅު ޕާޓީގެ މެމްބަރުންނަށް ފަހިވެފައެވެ. 17ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ރައީސް ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ރިޔާސީ ބަޔާން އިއްވެވި ދުވަހު އޭރުގެ އިދިކޮޅު އެމްޑީޕީން މަޖިލީހުގައި ކުރި އިހުތިޖާޖަކީ މިހާތަނަށް މަޖިލީހުގެ ތަޅުމުގައި ކުރި އެންމެ ބޮޑު އަދި އެއްމެ ހަލަބޮލި އިހުތިޖާޖުކަމުގައި ދެންނެވިދާނެއެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަތީ ބައިބަޔަށެވެ. ކުރިއަށް ގެންދެވޭވަރަށްވުރެ މަޖިލީހުގެ މެމްބަރުންގެ އަޑުގަދަވުމާއި ހަމަނުޖެހުން ބޮޑުވެގެން އެތައްފަހަރަކު މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެން އިރުކޮޅަކު މަޑުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މި އިހުތިޖާޖުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙުވެސް އެމްޑީޕީގެ މެމްބަރެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތެވެ.

އެދުވަހު އެހައި ހަލަބޮލިވީއިރުވެސް އިދިކޮޅު މެމްބަރުން ހުއްޓުވާކަށްވެސް މަޖިލީހުގެ ތަޅުމުން ނެރޭކަށްވެސް މަޖިލީހުގެ އިދާރާއަކުން ކަމެއް ނުކުރައްވައެވެ. އަދި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓަވާ ބޭފުޅުންވެސް އެފަދަ ކަމެއް ނުކުރައްވައެވެ.

މިފަދަ ހަލަބޮލިކަމެއް މަޖިލީހުން ފެނުނު އަނެއް ދައުރަކީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި 2015ވަނަ އަހަރު އޭރުގެ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ދުވަހެވެ. އެމްޑީޕީގެ މެމްބަރުންގެ ގަދަ ހަޅޭކާއި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވިއެވެ. މަޖިލީހުގެ މެޖޯރިޓީއާއި ސަރުކާރުގެ ބާރު ލިބިވަޑައިގެންފައި އޮތްއިރުވެސް އެދުވަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަނެ ނުދޭކަން ނުވަތަ ތަޅުމުން ނެރޭކަށް ކަމެއް ނުކުރައްވައެވެ. މަޖިލީހުގެ އިދާރާއިންވެސް އެފަދަ ކަމެއް ނުކުރައްވައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ވީ ކިހިނެއް؟

މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ފެނުނީ ތަފާތު މަންޒަރެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި ބަޔާނުގެ މޮޅުދެރަކަމަށް އެއްޗެއް ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް އެމަނިކުފާނު ބަޔާނުގެ ކޮންމެ ޖުމުލައެއް ނިންމަވާލައްވާއިރަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ފެނުނީ "އޯވަރ ރިއެކްޓް"ކުރިތަނެވެ. ވިދާޅުވާ ކޮންމެ ޖުމުލައަކަށް އާދަޔާ ޚިލާފަށް އަތްތިލަބަޑި ޖައްސަވައެވެ. ބައެއްފަހަރު އެމަނިކުފާނު ޖުމުލަ ނުނިންމަވައި ނޭވާފުޅުލައްވަން މަޑުކޮށްލެއްވުމުންވެސް މެމްބަރުން އަތްތިލަބަޑި ޖައްސަވައެވެ.

ކޮންމެއަކަސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ވަގުތު މަޖިލީހުގެ ތަޅުމުން އިދިކޮޅު ޕާޓީގެ އިހުތިޖާޖެއް ނެފެނުނެވެ. މެމްބަރު ޖާބިރު ގިނިކަންޏާ އަޑުގަދަކުރައްވިތަން ފެނުނެވެ.

ރިޔާސީ ބަޔާނާއެކު ސަރުކާރާއި ސަރު ހިންގާ މައިޕާޓީއަށް އައީ ޢީދެކެވެ. ސޯޝަލް މީޑިއާގައި ރައީސަށާއި ސަރުކާރަށް ހައްދެއް ނެތް ސަނާ ކިޔުމުގައި ސަރުކާރަށް ތާޢީދުކުރާ މީހުން މަޝްޣޫލުވެގަތެވެ. ރައީސަށް ލިބިވަޑައިގެންނެވި ތާރީފުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ މަޖިލީހުގެ ތަޅުމުން އެދުވަހު ނުފެނު އިދިކޮޅު މެމްބަރުންނާ މަޖިލީހުގެ މައި ދޮރުމަތިން ރައީސް ބައްދަލުކުރެއްވި ކުރެއްވުމެވެ.

މިމަންޒަރު ދައްކުވައިދޭ ފޮޓޯ ފުރަތަމަ ފެނުމުން އަޅުގަނޑުވެސް ހިތައް އެރިއެވެ. ރައީސް ހާދަ ހެޔޮފުޅެވެ. މަޖިލީހުގެ މައިދޮރުމަތީގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިހުތިޖާޖުކުރުމުގެގޮތުން ބެނާއެއް ދަމައިގެން ތިބި އިދިކޮޅު މެމްބަރުންގެ ގާތަށް ރައީސް ޞާލިޙާއި މަޖިލީހުގެ ރައީސް ވަޑައިގެން ވާހަކަ ދައްކަވަން ތިއްބެވި މަންޒަރަކީ ހަޤީގަތުގައިވެސް ހިތްގައިމު މަންޒަރެކެވެ.

ހަޤީގަތަކީ ކޮބާ؟

މަޖިލީހުގެ މައި ދޮރުމަތީގައި އިހުތިޖާޖުކުރަންތިބި އިދިކޮޅު މެމްބަރުންނާ ރައީސް ބައްދަލުކުރެއްވި ކުރެއްވުމަކީ ދައްކަވާލެއްވި "ފޮޓޯ"އެކެވެ. ހަޤީގަތަކީ އެދުވަހު މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމުގެ ފުރުސަތު އިދިކޮޅު މެމްބަރުންނަށް ނުދެއްވީއެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގައިވެސް އިހުތިޖާޖު ކުރާތަން ފެނެއެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ޑިމޮކްރެޓިކް ދެރައީސުން މިހެއްދެވީ ހިކިނެތްބާއެވެ؟ މިކަން މިގޮތަށް ކުރެއްވީ ކީއްވެގެންބާއެވެ؟

1 ޚިޔާލު

  1. ނޫސްވެރިކަން ކުރާއިރު ދޮގު މައުލޫމާތާއި ހަގީގަތް އޮޅި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ފަދަ ހަބަރުތައް ނުފަތުރާ، ޒިންމާދާރު ނޫސްވެރިކަމެއް ކުރަން އުޅުން ރަނގަޅުވާނެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.