2018 ވަަނަ އަހަރު ޕެރިހުގެ ކައިރީގައި އީރާނުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކަށް ހަމަލާދީ ބަޔަކު މަރާލަން މަސައްކަތްކުރި ކަމުގެ ކުށުގައި އީރާނުގެ ޑިޕްލޮމޭޓަކު ޖަލަށްލާން ބެލްޖިއަމްގެ ކޯޓަކުން ހުކުމްކޮށްފިއެެވެ.
މި ޝަރީއަތް ވަރުގަަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ކުރިއަށް ގެންގޮސްފައިވަނީ ބެލްޖިއަމްގެ އެެންޓްވާޕްގައެވެ. އަދި މި ހުކުމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކާ އިރާނާ ދެމެދު މިހާރުވެސް ގޯސްވެފައި އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ވެއެވެ.
ދޭން ރާވައި ކާމިޔާބު ނުވި ހަމަލާގެ އަމާޒަކަށްވި ޖަމާއަތް، ނޭޝަަނަލް ކައުންސިލް އޮފް ރެސިސްޓެންސް އިން އީރާން (އެންސީއާރްއައި) ވަނީ މި ހުކުމަށް މަރުހަބާކިޔާފައެވެ.
އީރާނު ސަރުކާރުން ވަނީ މި ހުކުމް "ހަރުކަށި އިބާރާތުން" ކުށްވެރިކޮށް ބަޔާންނެރެފައެވެ.
"ބެލްޖިއަމްގެ އެންޓްވާޕްގައި ހުންނަ ކޯޓަކުން ކުރި އިއުލާން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން "ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެ އިއުލާނުގައި ވާގޮތުން އަސަދުﷲ އަސަދީ 20 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި." އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚަޠީބުޒާދާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އީރާނުން ދެކެނީ "ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާއި، ހުކުމް ޣައިރު ގާނޫނީ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނާ ފާޅުގައި ޚިލާފުވާ ކަމަށެވެ."
30 ޖޫން 2018 ގައި އެންސީއާރްއައި އިން ޕެރިހުގެ ކައިރީގައި ބޭއްވި އެއްވުމަށް ހަމަލާދޭން ގޮވާތަކެތި ހޯއްދަވައިދެއްވި އިރު އަސަދުﷲ އަސަދީ (49 އަހަރު) މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ އޮސްޓްރިޔާގައި ހުންނަ އީރާނު އެމްބަސީގައެވެ.
އީރާނު ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ދޭން އުޅުނު މި ހަމަލާ ނާކާމިޔާބުކޮށްލީ ބެލްޖިއަމްގެ ފުލުހުންނެވެ. ބެލްޖިއަމްގެ ފުލުހުން ވަނީ މި ހަމަލާ ދޭން ބޭނުންކުރަން ގޮވާތަކެތި ގެންދިޔަ ކާރު ހިފަަހައްޓާފައެވެ. ޖެހިގެން އައި ދުވަހު ޖަރުމަނުގައި ހުންނަވަނިކޮށް އަސަދީ ހައްޔަރުކުރެވުނެވެ. އަދި ބެލްޖިއަމްގެ ރަށްވެހިކަންވެސް އޮތް އީރާނުގެ ތިން މީހަކު އޭނާއާއެކު ހައްޔަރުކުރެވުނެވެ. މިއަދުގެ ހުކުމުގައި އެ ތިން މީހުންގެ މައްޗަށް ވެސް ވަނީ 15 އަހަރާ 18 އަހަރާ ދެމެދުގެ ޖަލު ހުކުމް އިއްވާފައެވެ. އަދި މީހުންގެ ބެލްޖިއަމްގެ ރަށްވެހިކަން ވަނީ ނިގުޅައިގެންފައެވެ.
ޕެރިހުގެ ކައިރީގައި އޮންނަ ވެލަޕްރިންޓޭ އަަވަށުގައި ބޭއްވި ބައްދަލުވުމުގައި އެންސީއާރްއައިގެ އިސް ބޭފުޅުންގެ އިތުރަށް އެ ޖަމާއަތަށް ތާއީދުކުރައްވާ މަޝްހޫރު ބައެެއް ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ.
އަސަދީގެ މައްޗަށް އުފުލާފައި ވަނީ "ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ގޮތަށް ބަޔަކު މަރަން މަސައްކަތްކުރުމާއި" "ޓެރަރިސްޓް ޖަމާއަތެއްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ" ކުށުގެ ދައުވާއެވެ. އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އީރާނަށް ނިސްބަތްވާ ބެލްޖިއަމްގެ ދެރައްޔިތުންނާ ޓީއޭޓީޕީ (ޓްރަޔަސެޓޯން ޓްރައިޕެރޮކްސައިޑް) ގޮވާތަކެއްޗާއި އެ ގޮއްވާލާނެ އާލާތް ހަވާލުކުރަނިކޮށް ސީސީޓީވީން ނަގާފައިވާ މަންޒަރު ހިމެނެއެވެ.