ރިޔާސީ ބަޔާން: އިސް ރަށްވެހިންނަށް ޚާއްޞަ އެލްޑާލީ ވިލެޖެއް، އައްޑޫގައި މިއަހަރު ޤާއިމްކުރަނީ

ޢުމުރުން ދުވަސްވީ ބަޔަކު ގއ.ދާންދޫގައި - ފޮޓޯ: ފްލިކަރ Sufara

އިސްރައްވެހިންނަށް ޚާއްޞަ އެލްޑާލީ ވިލެޖެއް، އައްޑު އަތޮޅުގައި މިއަހަރު ޤާއިމްކުރަން ނިންމައިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙު ވިދާޅުވެއްޖެއެވެ. 

ރައީސުލް ޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އިޖުތިމާއީ ދާއރާއިން ވަރަށް ގިނަ މުހިންކަތައްތަކެއް މިއަހަރު ތެރޭގައި ފެށްޓެވުމަށް ނިންމައިވައިފައިވާކަން ވަނީ ހާމަކުރައްވައިފައެވެ. އައްޑޫގައި ޤާއިމުކުރާ އެލްޑާލީ ވިލެޖުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ގާއިމްކުރުމުގެ މަސައްކަތް ވެސް މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އެތަން ވެގެންދާނީ އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާލިބޭނެ ވަޞީލަތްތަކާއެކު ޤާއިމުކުރެވޭނެ ތަނެއް ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. 

"ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި މުޅިން އަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މިއަހަރު ފެށޭނެ"  ރިޔާސީ ބަޔާނުގައި  ރައީސް ޞާލިޙު ވިދާޅުވިއެވެ. 

މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު، ދައުލަތުގެ ބެލުމުގެ ދަށުން، ވިލިމާލޭ ކުޑަކުދިންގެ ހިޔާގަޔާއި ހުޅުމާލޭ ފިޔަވަތީގައި ވަރަށް ނިކަމެތި ޙާލަތެއްގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ތިބިކަން ރައީސް ޞާލީޙު ފާހަގަ ކުރެއްވިއެވެ. އެކުދިން ބެލެހެއްޓުމާ ހަވާލުވެ ތިބި މުވައްޒަފުންގެ ފަރާތުން، ބައެއް ކުދިންނަށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައްވެސް ލިބިފައި އެބަހުރިކަން ފާހަގަ ކުރައްވައި އެމައްސަލަތައް މިހާރު މތަޙުޤީޤުކޮށް ބަލަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.  

"އެފަދަ ކުދިންނަށް އިޖުތިމާޢީ، ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮސްދިނުމުގެ މަސައްކަތް މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ފަށާފައި. އެ ގޮތުން ބ. އޭދަފުއްޓާއި ށ. ފުނަދޫ  އަދި ފުވައްލުމަކުގައި ޤާއިމުކުރި އަމާން ވެއްޓަށް 51 ކުއްޖަކު މިހާރު ވާނީ ބަދަލުކޮށްފައި. މިބަދަލުގެ ސަބަބުން، އިޖްތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ލިބިގެންދާނެ." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.