ރިޔާސީ ބަޔާން:މިދިޔަ 14 އަހަރުގެތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތީ މިދިޔަ އަހަރު

މަސްވެރިން މަސްއައިނެއްގެ ތެރޭގައި ފޯރިއާއެކު ޙަރަކާތްތެރިވަނީ: ފޮޓޯ ޒުވާން މަސްވެރިޔާ

މިދިޔަ 14 އަހަރުގެތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަތީ މިދިޔަ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރިޔާސީ ބަޔާނުގައި ރައީސް  ޞާލިޙް ވިދާޅުވީ މިދިޔަ އަހަރު މިފްކޯއަށް 49 ހާސް މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދީފައިިވާކަމަށެވެ. މިދިޔަ 14 އަހަރުގެތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ގަނެފައިވަނީ މިދިޔަ އަހަރު ކަމަށް ވެސް ވިދާޅުވިއެވެ.  ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްގިރީގެ ކޯލްޑް  ސްޓޯރޭޖު ކެޕޭސިޓީއަށް 8200 މެޓްރިކްޓަނު އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ވެސް ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.  މިމަސައްކަތް ނިމުމުން މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް 61 އިންސައްތް އިތުރުވާނެކަމަށް ވިދާޅުވިއެވެ.  މީގެ އިތުރުން، މ.މުލަކުގައި 200 ޓަނުގެ ކޯލްޑްސްޓޯރޭޖަކާއި ގދ.ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމު މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ވެސް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. 

"ކޯވިޑްގެ ސަބަބުން، ޤައުމުގެ ފަތުރުވެރިކަމާ، އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައިއޮތީ ދިވެހި މަސްވެރިކަން. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި، މިދިޔަ އަހަރުވެސް، ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ. މަސް ގަންނަ ކުންފުނިތަކަށް ދިފައި އޮތް އެކްސްކްލޫސިވިޓީ، މިދިޔަ އަހަރު އުވާލައި މަސް ގަތުމުގެ ވިޔަފާރީގެ  ތެރެއަށް ވަނުމުގެ ފުރުޞަތު، މިހާރުވާނީ ޢާންމުކޮށް ހުޅުވާލާފައި. މަސްވެރިކަމުގެ ބޭނުންތަކަށް އިމްޕޯޓްކުރާ، ބައެއް ތަކެތިން ނަގަމުން އައި އިމްޕޯޓު ޑިއުޓީވެސްމިދިޔަ އަހަރުވާނީ ކަނޑާލާފައި. މީގެ އިތުރުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވާނެ." ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.