އަބަދުވެސް އެޤއުމެއްގެ ހައްޤުގައި ރާއްޖެއިން ބައިނަލް އަޤްވާމީ ދުނިޔޭގައި ވަކާލާތުކުރާ ފަލަސްޠީނަށް މިއަހަރުގެ ތެރޭގައި ރައްޖެއިން ނޮން ރެސިޑެންސް ސަފީރެއް ޢައްޔަންކުރެއްވުމަށް ގަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ދިވެހި ސަފީރަކު ޢައްޔަންކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމާއި، އެޤައުމުގެ ހައްޤުތައް ކަށަވަރުކުރުމަށް ގޮވާލައި ފެށުނީއްސުރެ ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ ދުނިޔޭގައި ވާކާލާތުކުރަމުންނެވެ.
ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން ރާއްޖެއިން އަންނަނީ އދ.އާއި ދުނިޔޭގެ އެހެންވެސް ޕްލެޓްފޯމްތަކުގައި ފަލަސްޠީނުގެ ޙައްޤުގައި ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތުކުރަމުންނެވެ. އަދި ފަލަސްޠީނާމެދު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާދެކޮޅަށް އެންމެބޮޑަށް ވަކާލާތުކުރާ އެއްޤައުމަކީވެސް ރާއްޖެއެވެ.
"ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައިއޮތް ގުޅުންތައް އަލުން ޢިއާދަކޮށް ބަދަހިކޮށް އާލާކުރުން. ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަޙުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުންމިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް.ރާއްޖޭގެ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމުގެގޮތުން އިތުރު ޤައުމުތަކަށް ނޮން ރެސިޑެންސް ސަފީރުން ކަނޑައެޅުމަށް މިއަންނަނީ މަސައްކަތްކުރަމުން.މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް ނޮން ރެސިޑެންސް ސަފީރެއް މިއަހަރުގެތެރޭގައި ޢައްޔަންކުރުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަ ދަންނަވަން." ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުންކަމަށެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޑިޝަރީ ހިގަނީ ރަގަޅަށް ކަމަށް ނިންމި ނިންމުމަކީ އިސްތިއުފާ ދޭންޖެހޭ ވަ ރުގެ ދޮގެއް. ރައްޔިތުންނަށް ދޮގު ހެދުމަކީ ރައްޔިތުންނަށް ޚިޔާނާތްތެރި ވުން.