ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މިދިޔަ އަހަރުގެ މާޗް މަހުގެ 12ވަނަދުވަހު ޢިއުލާންކޮށް އޭގެފަހުން ރާއްޖޭގައި ދަމަހައްޓާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އެންމެފަހުން އިތުރުކުރީ މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ މިއަދެވެ. މިއަދު މިމުއްދަތު ހަމަވާތީ އަނެއްކާވެސް މިވަނީ އެއް މަސް ދުވަހަށްވުރެ ގިނަދުވަހަށް މުއްދަތު އިތުރުކޮށްފައެވެ.

 ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރި ޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް

ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އެހެންކަމުން ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ފެބުރުވަރީ 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމީކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ހެލްތުމިނިސްޓަރަށް ލަފާ އަރުވާފައިވާކަމަށްވެސް މި ޤަރާރުގައި ވެއެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، 2021 މާރިޗު 5 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން މިހާރުވަނީ އިޢުލާނުކޮށްފައެވެ.  އަދި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް،  ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާކަމަށްވެސް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރުގައިވެއެވެ.

ޢާއްމު ޞިއްޙަތުގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިތުރުކުރި މިއީ 11ވަނަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.