ވެކްސިން ޖެހުމަކީ ޝަރުޢީ ނަޒަރުން ބަލާއިރު ޟަރޫރީކަމެއް - ޑރ.ޝަހީމް

އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި އެއް މަޤުޞަދަކީ ފުރާނަ ސަލާމަތްކުރުންކަމުގައި ވީ ހިނދު، ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުޢީ މަޤުޞަދުތަކުގެ ނަޒަރުން ބަލާއިރު ޟަރޫރީކަމެއްކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ރާއްޖޭގެ އިސްލާމީ ޔުނިވަރ ސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙަންމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވެކްސިން ޖެހުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވައިލައްވައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްްގައިވަނީ  ﷲ ގެ ޙަޟްރަތަށް ވަކީލުކޮށް ޞިއްޙީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހާ ރައްޔިތުން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމަޢަށް ހޯދައިދެވޭނެ ރައްކާތެރިކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

އަދި އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ނުރައްކާތެރި ޙާލަތުން އަރައިގަތުމަށްޓަކައި ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ޤައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ ޢަަޒުމަކާއެކު މަސައްކަތް ކުރަންޖެހޭކަމަށްވެސް ޑރ.ޝަހީމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމުގެ ވެކްސިން ދޭންފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.  2 ދުވަހުގެ ތެރޭގައި ޖުމްލަ 880 މީހުންނަށް ކޯވިޑް-19ގެ ވެކްސިން ދީފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ. ވެކްސިން ޖެހުމަކީ ކޮވިޑްގެ ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތަކެވެ. އެންމެހައި ރައްޔިތުންވެސް ވެކްސިން ޖެހުމަށް ސިއްޙީ މާހިރުން ދަނީ އިލްތިމާސްކުރައްވަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޖެހީ ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވެރިންނާއި ސިއްޙީ ޚިދުމްތްތެރިންނާއި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.