އޮބާމާއަށް އިންތިޚާބު ކާމިޔާބުކޮށްދިން ތަޤްރީރު

ހަމަ އެންމެ ތަޤްރީރަކުންވެސް މިސްރާބު ބަދަލުކޮށްލަފާނެއެވެ.  ނަން މަޝްހޫރުވެ ކާމިޔާބީގެ ދޮރުތައް ހުޅުވި ، ވަޒީފާގައި ، ވިޔަފާރީގައި އަދި އެނޫންވެސް ދާއިރާތަކުން އާއުސްމިންތަކަކަށް ވާޞިލުވުމަށް ހަމައެންމެ ތަޤްރީރެއް ފުދެއެވެ. ތަޤްރީރުކުރާމީހާގެ ވާހަކަ ޝަރުތަކާ ނުލައި ޤަބޫލުކޮށް ، މީހުންގެ ވިސްނުމާއި ފިކުރާ ޚިޔާލާތަށް އަސަރުކުރިކުރީނުންގޮސް ، އެހެން އަޑެއް އަހަން ބޭނުންނުވާ ހިސާބަށް ގެންގޮސްދެއެވެ. ފިލްމެއްގެ ކާމިޔާބީއަކާ ގުޅިގެން ، ފިލްމީ ތަރިއަކު ސުމަކުން ބަޠަލަކަށް ނުވަތަ ބަޠަލާއަކަށް ބަދަލުކޮށްލާ ފަދައިން ، ތަޤްރީރަކީވެސް ، މީހުންގެ ހިތާއި ސިކުނޑިއާ ކުޅެލާ ، ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ތާރީޚީ ޢިލްމުވެރިންގެ ނަޒަރުގައި ، އެމެރިކާގެ 44 ވަނަ ރައީސް ، ބަރަކް އޮބާމާއަކީ ، އެމެރިކާގެ ރައީސުންކުރެ 12 ވަނަޔަށް އެންމެ ނުފޫޒުގަދަ އަދި އެންމެ މަޝްހޫރު ރައީސެވެ. ބަރަކް އޮބާމާއަށް ބަލާއިރު ، 2004 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ ރޭސް ، އޮބާމާ ކާމިޔާބު ކުރެއްވީ ، ދެއްވި ތަޤްރީރަކުން ލިބިވަޑައިގެންނެވި މަޤްބޫލުކަމާއި މަޝްހޫރު ކަމާއެކުގައެވެ. އޭގެކުރިން ، އޮބާމާއަކީ ގިނަބަޔަކު ނުވެސް ދަންނަ ، އާދައިގެ ސެނެޓަރެކެވެ. އެހެންނަމަވެސް ، މިދެންނެވި ތަޤްރީރަށްފަހު ، އެމެރިކާގެ ރައީސަކަށް ދެން ވެވަޑައިގަންނަވާނީ ބަރަކް އޮބާމާ ކަމަށް އެމެރިކާގެ ރައްޔިތުންކުރެ ގިނަ ބަޔަކު ޚިޔާލުކޮށް ވިސްނަން މަޖުބޫރު ވިއެވެ.

ސްޓޭޖަކީ ، ގިނަ ތަރިތައް އުފަންވެ ، އުފުއްލި ، މެދުއުޑުގައި ފިޔަޖަހަން ފަށާ ނިޒާމުގެ ފުރަތަމަ މަންޒިލެވެ. ތަރިޔަކަށް ނުވަތަ ބަޠަލަކަށް ވުމަށްޓަކައި ފިލްމުކުޅޭ މީހަކަށް ވާކަށް ނުޖެހެއެވެ. ވާހަކަ ދައްކައި ތަޤްރީރުކުރާ މީހުންނަށް ވެސް ތަރިންނަށް ވުމުގެ ފުރުޞަތު އޮވެއެވެ. ބޭނުންވަނީ ، ޙަޔާތުގެ މަންޒިލް މަޤްސޫދަށް ވާޞިލްވެވޭފަދަ ހިތްވަރާއި ކެރުމާ އަދި ހަރުދަނާ ކަމެއްލިބިގަނެ ، ދެން ކުރިޔަށް އޮތް ތަޤްރީރު ފުރިހަމަކޮށް ނަތީޖާ ޙާޞިލް ވެވޭނެފަދަ ގޮތަކަށް އިންތިޒާމް ވެގެންދިއުމެވެ.

އެމެރިކާގެ އެންމެ ނުފޫޒުގަދަ ރައީސުންގެ ތެރެއިން ބައެއް ބޭފުޅުން

އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމުގެ ފުރުޞަތު ، އޮބާމާއަށް ތަނަވަސްވެގެންދިޔަ ތަޤްރީރު ދިރާސާކޮށް ، އޭގެތެރެއިން ފާހަގަކޮށްލެވޭ މުހިންމު 6 ނުކުތާއެއް މުފައްކިރުންވަނީ ހާމަ ކޮށްފައެވެ.

ވާހަކަ

އޮބާމާގެ ތަޤްރީރުގައި ، ހަމައެކަނި ވާހަކަތަކެއް ހިމެނުއްވީއަކީނޫނެވެ. އޭނާގެ ތަޤްރީރުގެ މައިގަނޑު ބިނާކުރެއްވީ ވާހަކައަކަށެވެ. މީހުން ވިސްނާ ފިކުރުކުރުމަށް ޚިޔާލުތަކެއް ހިމަނައި ، އެޚިޔާލުތަކުގައި ކުލަޖެއްސުމަށް ބޭނުންވާ ވާހަކަ ތައް ގުޅުވައިލުމުގެ ބަދަލުގައި ، މުޅި ތަޤްރީރުގެ މައިގަނޑު ބިނާކުރެއްވީ ވާހަކައެއްގެ މައްޗަށެވެ. އަދި އެވާކަތަކާގުޅޭ ޚިޔާލުތަކާ ، އޭނާ ހާމަކުރައްވާ ޚިޔާލުތަކާ ގުޅޭ ހިސާބާއި ގުޅޭމިންވަރު އެހުންތެރިންނަށް ސާފުކޮށްދެއްވިއެވެ. މިހުނަރުގެ ސަބަބުން ، އެހުންތެރިންނަށް ފުން އަސަރުތަކެއްކޮށް ، ދެފަރާތް ގުޅުވައިދިން ވަޞީލަތަކަށް ވެގެންދިޔައެވެ. އަދި އެހުންތެރިންގެ މޫނުމައްޗަށް ހިނިތުންވުން އައިސް ، އެހިނިތުންވުން ކެނޑިގެންނުގޮސް ގިނައިރަށް ދެމިހުންނަގޮތް މެދުވެރިވިއެވެ. އެއީ ، ރީތި ފިލްމެއްގައި ޝަޢުޤުވެރި ހިސާބަކުން ލޯ އެއްފަރާތްކޮށްލަން ނޭނގި ގެއްލިފައި އިނދެވޭ ގޮތަށް ވެގެންދިޔަ ތަޤްރީރެކެވެ. އެއީ ، އަޑުއަހަން އިނދެލަން އަދި ހިނިތުންވެލައިގެން ހުރެ ބަލަހައްޓައިގެން ކޮޅަށް ހުރެލަން  ، މަޖުބޫރުވި ތަޤްރީރެކެވެ. ފޫހިކަމާއެކު ގަދަކަމުން އަޑުއަހަން ޖެހުނު ސިޔާސީ ތަޤްރީރެއްނޫނެވެ.

އޮބާމާގެ ތަޤްރީރުފަދައިން ، އަމިއްލަ ޝަޚުޞިއްޔަތާގުޅޭ ބާރުގަދަ ވާހަކައެއް ކޮންމެ ކޮންމެ މީހެއްގެ ނޯވެދާނެއެވެ. އޭގެ މާނަޔަކީ ، އެމީހެއްގެ ތަޤްރީރުގައި އެހުނަރުތައް ގެނެސް ، އެކުލަތައް ނުޖެއްސޭނެއެކޭ ނޫނެވެ. ކޮންމެ ކަމަކީވެސް ވާހަކަޔަކަށް ބަދަލުކޮށްލެވިދާނެ އެއްޗެކެވެ. ބޭނުންވާ އެންމެ އާދައިގެ ކަމަކީ ، އެވާހަކައެއްގެ ތެރެޔަށް ތިމާގެ އަމިއްލަ ނަފުސު ވެއްދުމެވެ. މިސާލަކަށް ، މީހަކު ބޭނުންވީ ، ވެބްސައިޓް އުފެއްދުމާބެހޭ އެންމެ ފަހުގެ ހޯދުންތަކާއި އީޖާދާ އަދި ހުނަރާމެދު ވާހަކަ ދައްކާށެވެ. ޕޮއިންޓްފޯމަށް އެކަންތައްތައް ލިސްޓްކޮށްގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ، އެކަންތައްތައް ތިމާމެންގެ ވަޒީފާގައި ބޭނުންކުރެވޭ ގޮތާއި އެކަންކަމުގެ މުހިންމު ދައުރު ހާމަކުރެވިދާނެއެވެ. ނުވަތަ ، އެކަންކަން އެންމެ ފުރަތަމަ އެނގުނު ހިނދުންފެށިގެން ދޫކޮށްނުލައި ، ކިހާބާރުގަދަ މުހިންމު ކަންތައްތައްތަކެއްކަން ދެނެގަނެ ، އެއާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރިގޮތާބެހޭގޮތުން ވާހަކަ ދައްކައި ، ވާހަކައެއް ސިފަ ކުރެވިދާނެއެވެ. ކޮންމެ ކަމެއްގައިވެސް އަމިއްލަ ވާހަކަތަކެއް ހުރެދާނެއެވެ.

ބަސްމޮށުންތެރިކަމުގެ ހުނަރު

އޮބާމާގެ ތަޤްރީރުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ، ވަރަށް ފުރިހަމަޔަށް ބޭނުންކުރައްވާފައި ވެއެވެ. ބަސްމޮށުންތެރިކަމުގެ ހުނަރުގެ ފައިދާއަކީ ، އަޑުއަހާމީހުން ފޫހިނުވެތިބެ ، ތަޤްރީރުދޭ މީހާ ކިޔާއެއްޗެއް ވިސްނައިގަނެވޭގޮތަށް ފަސޭހައިން ދެނެގަނެގަތުމަށް ފުރުޞަތު އޮތުމެވެ. ތިރީގައި އެވަނީ ، އޮބާމާގެ ތަޤްރީރުގައި ބަސްމޮށުންތެރިކަމުގެ ހުނަރު  ބޭނުންކުރައްވާފައިވާ ގޮތުގެ މިސާލެކެވެ.

ފުރަތަމަ ބޭނުންކުރެއްވި ބަސް ނުވަތަ ކަމެއް ، ޖެހިގެން އަންނަ ޖުމްލައިގެ ކުރީކޮޅުގައި ، އޮބާމާ ބޭނުންކުރައްވާފައި ވެއެވެ. މިއީ އޮބާމާ ، އޭނާގެ ތަޤްރީރުގައި ގަސްތުގައި އެތައްފަހަރަކު ބޭނުންކުރައްވާފައިވާ އުކުޅެކެވެ.

" ޙަޤީޤަތުގައިވެސް ، އަޅުގަނޑުމެންގެ ދެކޮޅުވެރިން ދުނިޔޭގައި އެބަތިއްބެވެ. އެމީހުން ފާހަގަ ކުރެވެން  ޖެހެއެވެ. އެމީހުން ހޯދެން ޖެހެއެވެ. އަދި އެމީހުން ބަލިކުރެވެން ޖެހެއެވެ. "

" ޗިކާގޯގެ ދެކުނު ސަރަޙައްދުގައި ކިޔަންނޭނގޭ ކުއްޖަކު އުޅޭނަމަ ، އެއީ އަޅުގަނޑުގެ ދަރިޔަކަށް ނުވިކަމުގައިވިޔަސް އެއީ އަޅުގަނޑަށް މައްސަލައެކެވެ. ކަމުވޮށިވެގެންވާ ދޮށީޢުމުރުގެ ފަރުދަކަށް ، އޭނާގެ ބޭސް ސިޓީއަށް ބޭސް ނުގަނެވޭނަމަ އަދި އޭނާއަށް ބޭސް ސިޓީއަށް ބޭސް ނެގުމާއި ގޭގެ ކުލި ދެއްކުމާ ދެކަމުންކުރެ ކަމެއް އިޚުތިޔާރު ކުރަން ޖެހިއްޖެ ނަމަ އެއީ އަޅުގަނޑުގެ އަމިއްލަ ނަފުސުގެ ފަޤީރު ކަމެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ކާފައާއި މާމަ ނަމަވެސް މެއެވެ. ޢަރަބި ނަސްލުގެ އެމެރިކާ ޢާއިލާއަކަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ ޚިދުމަތް ނުލިބުން ނުވަތަ އެމީހުންގެ މައްސަލަ ކުރިޔަށް ދިއުމުގައި ޤާނޫނީ އެހީއާއި ޙިމާޔަތް ނުލިބިއްޖެނަމަ ، އެއީ އަޅުގަނޑުގެ އިންސާނީ ކަރާމަތަށް ލިބޭ ނުރައްކަލެކެވެ."

" އަޅުގަނޑު ޤަބޫލުކުރާގޮތުގައި ، މެދުފަންތީގައި ދިރިއުޅޭ އަޅުގަނޑުމެންގެ ރައްޔިތުންނަށް ލުޔެއް ލިބެން ޖެހެއެވެ. އަދި މަސައްކަތްކުރާ ޢާއިލާތަކަށް ކުރިޔަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދޭން ޖެހެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ، ވަޒީފާނެތް މީހުންނަށް ، އަޅުގަނޑުމެން ، ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދޭން ޖެހެއެވެ. ގެދޮރުނެތް މީހުންނަށް ގެދޮރު ދޭން ޖެހެއެވެ. އަދި ، މަގުތަކުގައި ބިއްޖެހި ، ކުށުގެ ވެށީގައި ކުށަށް ހުށަހެޅި ، ވީނުވީއެއް ނޭނގި ގެއްލިދާ ޒުވާނުން ، މުޅި އެމެރިކާގެ ހުރިހައި ސިޓީތަކުން ނެރެ ، ހުސްކުރަން އެބަ ޖެހެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ، އަޅުގަނޑުމެންގެ ފަހަތުން ވައި ޖެހެމުންދަނީ ފައްސިޔަ އަށެވެ.  އަދި ތާރީޚުގެ ހަތަރުއަގޮނޅިއެއްގައި އަޅުގަނޑުމެން ހުއްޓި ތިބޭއިރު ، ރަނގަޅުގޮތް އިޚުތިޔާރު ކުރެވި ، އަޅުގަނޑުމެންނާ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތި ލެވޭނެއެވެ. "

ދެފުށް ފެންނަ ޚިޔާލު

 ހަކުރު އަޑުބާގައިވެސް ދެކޮޅު އޮވެއެވެ. އެއީ ފެށޭކޮޅާއި ނިމޭކޮޅެވެ. އޮބާމާގެ ތަޤްރީރުގައި ، ފާހަގަކުރެވުނު އެއްކަމަކީ ، ޚިޔާލެއް ދެއްވުމަށްފަހު އެއަށް ރައްދުވާ ، އެހެނަސް ބިނާކުރަނިވި މޭރުމެއްގައި ، ޖެހިގެންއަންނަ ޖުމްލައިގައި އެއަށް އިޖާބީ ބަހެއް ބަހެއް ބޭނުންކުރައްވާފައި ވުމެވެ.

" އަޅުގަނޑު ، އެބައިމީހުންގާތު ބުނަމެވެ. ލިބަރަލް އެމެރިކާއެއް ނޯންނާނެއެވެ. އަދި ކޮންސަރވޭޓިވް އެމެރިކާއެއްވެސް ނޯންނާނެއެވެ. އޮންނާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ. "

" ބްލެކް އެމެރިކާއެއް އަދި ވައިޓް އެމެރިކާއެއް ނޯންނާނެއެވެ. އަދި ލެޓިން އެމެރިކާއެއްވެސް އޭޝިއަން އެމެރިކާއެއްވެސް ނޯންނާނެއެވެ. އޮންނާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ. "

 ބަސް ގުޅުވުން

އޮބާމާގެ ތަޤްރީރުގައި ،  "އަދި " ބޭނުން ކުރައްވައިގެން ގިނަ ނަންތަކެއް ގެނެސް ދެއްވާފައި ވެއެވެ. އަދި ، ނުވަތަ ، އެހެނަސް ، އެކަމަކު ، އެހެންވީމާ ފަދަ ގިނަ ބަސްތަކެއް ގުޅުވި ، އެމުނި އެތުރިގެންދާފަދަ ގޮތެއްގައެވެ. މިއީ ، ގިނަ ލިޔުންތަކުގައި ޖެހިޖެހިގެން އަންނަ ޢިބާރާތްތަކުން ، ޢާންމުގޮތެއްގައި ފެންނާނެ ހަމައެއް ނޫނެވެ.

" ބްލެކް އެމެރިކާއެއް އަދި ވައިޓް އެމެރިކާއެއް އަދި ލެޓިން އެމެރިކާއެއް އަދި އޭޝިއަން އެމެރިކާއެއް ނޯންނާނެއެވެ. އެހެނެއްކަމަކު ، އެއީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެވެ.

މާއްދާ ބައިބައިކުރުން

އޮބާމާގެ ތަޤްރީރުގައި ގެންނަވާފައިވާ މާއްދާތައް ބައިބައިކުރެވި ތަފްޞީލުކޮށް ދެއްވާފައި ވެއެވެ.

" އަޅުގަނޑު ވިސްނާލާ އިރު ، 900 ފިރިހެނުން އަދި އަންހެނުން ، އަންހެންދަރިން އަދި ފިރިހެންދަރިން ، އަނބިންނާ އަދި ފިރިން ، އަދި އަވަށްޓެރިން ، އެމީހުންގެ ވަޒަނަށް އެނބުރި ، ނާންނާނެއެވެ. "

މި މަސްދަރުތައް ، ތަޤްރީރެއްގައި ބޭނުންކުރާނީ ކިހިނަކުންތޯއެވެ ؟  މިފަދަގޮތަކަށް މިފަދަ މަސްދަރުތަކެއް ބޭނުން ކުރެވޭނީ ހަމައެކަނި ސިޔާސީ ތަޤްރީރެއްގައި ކަމުގައި ބެލިދާނެއެވެ. އަދި އެއީ ހެއްވާ ކަމެއްކަމުގައިވެސް ބެލިދާނެއެވެ. އެހެންނަމަވެސް ، އެއީ އެކަން އޮތްގޮތްނޫން ކަމަށްވެސް ބެލިދާނެއެވެ. އެއީ އެބަސްތައް ބޭނުންކުރަން ވިސްނާގޮތެއްގެ މައްޗަށް ބިނާވެފައި އޮންނާނެ ކަމެކެވެ. މިސާލަކަށް ، ކުރިން ދެންނެވި ބަސްބަހަކީ ، ސިޔާސީމީހުން ދޭ ތަޤްރީރުތަކުގައި ވަރަށް ގިނައިން އަދި ޢާންމުކޮށް ބޭނުންކުރާ ބަސްބަހެވެ. އެހެންނަމަވެސް ، މިބަސްބަސް ބޭނުންކުރުމުގައި މުހިންމުކަން ދޭންޖެހޭނީ ، ހަމައެކަނި މިބަސްބަސް ބޭނުންކޮށްލުމުގެ ބޭނުމުގައި ، މާނައެއްނެތްގޮތަށް ބޭނުން ނުކުރުމުގެ މައްޗަށެވެ. މާނައެއް ނެތްގޮތަކަށް މިބަސްބަސް ބޭނުންކޮށްފިނަމަ ، ތަޤްރީރުގައި ދޭންބޭނުންވާ މެސެޖް އޮޅި ، ވާހަކަ އޮޅި މުޅި ތަޤްރީރު ޚަރާބު ބެދާނެއެވެ.

ކުރިން ދެންނެވި " އަދި " ފަދަ  ބަސްބަސް އެއްޖުމްލައެއްގައި ގިނަފަހަރަށް ބޭނުންކުރުމުގެ މަޤްޞަދަކަށް ވާންވާނީ ، ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށްދީ އެކަމަކަށް ބާރު އެޅުމެވެ. އަދި ހަމައެކަނި އެބޭނުމަށް ނޫނީ އެގޮތަށް އެބަސްބަސް އެއްޖުމްލައެއްގައި ބޭނުން ނުކުރުމެވެ.

ތައްޔާރުވުން

އޮބާމާ ވިދާޅުވެފައިވާ ގޮތުންނަމަ ، 2004 ވަނައަހަރުގެ މައި ތަޤްރީރުދެއްވުމުގެ ޒިންމާ އޭނާއާ ޙަވާލުކުރެވުނު ހިނދު ، ކުރިން ދެއްވާފައިވާ މައި ތަޤްރީރުތައް ދިރާސާކުރައްވައި ވަރަށް ރަނގަޅަށް ވިދާޅުވެ އަދި ބެއްލެވިއެވެ. އަދި އޭނާގެ ތަޤްރީރު ލިޔުއްވަން ދެހަފުތާ ހޭދަކުރެއްވިއެވެ. އޭގެފަހުން ، ތަޤްރީރުގެ ކުށް ފިލުއްވައި މުރާޖަޢާ ކުރައްވައި ، ކުށް ފިލުއްވުމަށް އިތުރު ދެހަފުތާ ހޭދަކުރެއްވިއެވެ. ރޭގަނޑުގެ މެންދަންވަންދެން ، އެތައް ވަގުތެއް އެކަމަށް ހޭދަކުރެއްވުމަށްފަހު ، ދެން ، އިތުރަށް ކުށްފިލުއްވައި ރަނގަޅު ކުރެއްވުމަށްޓަކައި ، ޑިމޮކްރެޓިކް ޕާޓީގެ ، ތަޤްރީރުލިޔާ ޓީމަށް ، އެތަޤްރީރުގެ ކޮޕީއެއް ފޮނުއްވިއެވެ. ހުރިހައި ކުށެއްފިލުވައި ނިމުމުން ، ފަރިތަކުރެއްވުމަށްޓަކައި ، 1 ގަޑިއިރުގެ 3 ސެޝަން އޮބާމާއަށް އެރުވުނެވެ.

ތަޤްރީރެއްގައި އެކަންކަން ބޭނުންކުރާނީ ކިހިނެއްތޯއެވެ ؟ ތަޤްރީރަކަށް ތައްޔާރުވުމުގައި އެކަމުގެ މުހިންމުކަން ، ކުޑައެއް ނުވާނެއެވެ. ވަރަށް މަދު މީހަކު ނޫނީ ، އެއީ އެހައި މުހިންމުކަމެއްކަމުގައެއް ނުދެކެއެވެ. ގިނަ މީހުން ، އަވަސް އަރުވާލާފައި ތަޤްރީރު ލިޔެ ނިންމާލައެވެ. އަދި އިތުރަށް ބަލައިލުމެއްނެތި ، އިތުރަށް ތައްޔާރުވުމެއްނެތި ، ތަޤްރީރު ދެއެވެ. އެންމެ ތަޤްރީރަކުންވެސް ، އެތަޤްރީރުދޭ މީހާގެ ތަޞައްވުރު ، ހީނުކުރާ ވަރަށް މައްޗަށް ގޮސް ، މަޝްހޫރު ވެދާނެކަން ވިސްނާލަން ޖެހެއެވެ. އެއީ ތަޤްރީރުދޭމީހާ ، ނުވަތަ ވާހަކަދައްކާ މީހާގެ ކުރިއެރުމަށް ކުރެވޭ ހޭދަ އެކެވެ. އެހެންކަމުން ، ވީހާ ގިނަވަގުތެއް ، އެތަޤްރީރެއް ފުރިހަމަކުރުމަށް ހޭދަ ނުކުރަންވީ ސަބަބެއް ނެތެވެ. އެއީ އެތައްގޮތަކުން ތިމާއަށް ފައިދާ ލިބިގެންދާނެ ، ރަނުގެ ފުރުޞަތެކެވެ.  ތަޤްރީރު ދިނުމަކީ އަބަދު ތިމާއަށް ލިބޭނެ ފުރުޞަތެއްނޫނެވެ. ޚާއްޞަކޮށް ، މުހިންމު މުނާސަބަތު ތަކުގައެވެ. ޢާންމުގޮތެއްގައި ފިލްމެއްގެ ދިގުމިނަކީ 100 ވަރަކަށް މިނިޓެވެ. އެހެންނަމަވެސް ، ފިލްމު އުފެއްދުމާ ގުޅިފައިހުންނަ ކަންކަމަށް އަހަރުތަކެއް ހޭދަކުރެވެއެވެ. ހަމައެގޮތަށް ތަޤްރީރެއް ދިނުމަށް ހޭދަވަނީ ، ޢާންމުގޮތެއްގައި 20 މިނިޓެވެ. އެތަޤްރީރެއް ލިޔެ ފުރިހަމަކުރުމަށް އެތައް ހަފުތާއެއް ހޭދަވެއެވެ. އޮބާމާގެ ތަޤްރީރުގެ ދިގުމިނަކީ ، 17 މިނިޓެވެ. ތަޤްރީރުލިޔާމީހުން ބުނާގޮތުގައި ، ރަނގަޅު ތަޤްރީރެއް ލިޔެ ފުރިހަމަކުރުމަށް ތިންހަފުތާއަށްވުރެ ގިނަދުވަސް ހޭދަ ވެއެވެ.

ތަޞައްވުރު

އޮބާމާ ތަޤްރީރު ދެއްވިއިރު ، އޭނާގެ ތަޞައްވުރުގެ ފުރިހަމަކަން ، ވަރަށް ރަނގަޅަށް ބޭނުންކުރެއްވިއެވެ. މިސާލަކަށް ، އޭނާގެ ބައްޕައަކީ ވަރަށް ފަޤީރު މީހެކޭ ވިދާޅުވުމުގެ ބަދަލުގައި އޮބާމާ ބޭނުންކުރެއްވީ އަންނަނިވި ޖުމްލައެވެ.

" އަޅުގަނޑުގެ ބައްޕައަކީ ، ޤައުމުން ބޭރު ކިޔަވާ ކުއްޖެކެވެ. އެއީ ކެންޔާގެ ކުޑައަވަށަކަށް އުފަންވެ ބޮޑުވި ކުއްޖެކެވެ. އޭނާ ފުރާވަރަށް އެރީ ، ބަކަރި ހުއިހައްޕަން މަސައްކަތް ކުރުމުގައި އުޅެއެވެ. އަދި ދިޔައީ ، ޓިނުފުރާޅެއް ލެވިފައިވާ ޖިފުޓިއެއްފަދަ މަދަރުސާއަކަށެވެ. "  ފަޤީރު " މިބަހަކީ ، ވަރަށް ޝަޚުޞީ ބަހެކެވެ. އޮބާމާ އެ ބަޔާންކުރެއްވި ތަޞައްވުރަކީ ، " ފަޤީރު " މި ބަހަށްވުރެ މާ ބާރުގަދަ ، ފުރިހަމަ ތަޞައްވުރެކެވެ. އެބަސް ބޭނުން ނުކުރައްވައި ، އޭނާގެ ބައްޕަޔަކީ ، ވަރަށް ފަޤީރު މީހެއްކަން ، ވަރަށް ރަނގަޅަށް ބަޔާން ކޮށްދެއްވިއެވެ.

އޮބާމާގެ ތަޤްރީރުގައި ހިމެނިގެންދިޔަ ، އަނެއް މިސާލެއްގައި އެމެރިކާއަކީ އުއްމީދުންފުރިގެންވާ ތަނެއްކަމުގައި ވިދާޅުވުމުގެ ބަދަލުގައި ، އޮބާމާ ބޭނުންކުރެއްވީ އަންނަނިވި ޢިބާރާތެވެ.

" އެއީ ، ލޭ ކައްކުވާލާ މިނިވަންކަމުގެ ލަވައިގެ ފުން އިޙްސާސްތަކާއެކު އިށީނދެ ތިބި އަޅުންގެ ފޮނި އުއްމީދެވެ. ދުނިޔޭގެ ދުރު ، އެކި ބައްރުން އައިސްތިބި ބިދޭސީންގެ އުއްމީދެވެ. މެކޮން ޑެލްޓާގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ޒުވާން ސިފައިންގެ ކުދިންގެ އުއްމީދެވެ. ރަނގަޅާއި ނުބައި ނޭނގުމުގެ ގޮންޖެހުމުގައި ތާށިވެފައިތިބި ، ކާރުޚާނާތަކުގައި މަސައްކަތްކުރާ މީހުންގެ ފިރިހެންދަރިންގެ އުއްމީދެވެ. "

އޮބާމާގެ ތަޤްރީރުގައި ، އަމިއްލަ ތަޞައްވުރު ސިފަކުރައްވަމުން ވިދާޅުވެ ، ގިނަބަޔެއްގެ ސަމާލުކަން ދަމައިގަތީ ، އަންނަނިވި ޢިބާރާތެވެ.  " އެމެރިކާގައި އޭނާއަށްވެސް ޖާގަ އެބައޮތްކަން ޔަޤީންކުރާ ، މަޖާނަމެއް ލިބިފައިވާ ހިމަތޮޅި ކުއްޖާގެ އުއްމީދެވެ. " މި ޢިބާރާތް އޮބާމާ ބޭނުން ކުރައްވާފައިވަނީ ، ތަޤްރީރުގެ 15 މިނިޓް 35 ވަނަ ސިކުންތުގެ ތެރޭގައެވެ. އަތްތިލަބަޑީގެ ތަރުޙީބުން މުޅިތަން ގުގުމައިގެންދިޔަ ބާރުގަދަ މި ޢިބާރާތް ވެގެންދިޔައީ އެ ތަޤްރީރުގެ އެސެންސްކޮޅު ކަމުގައެވެ. އެކަން ކަށަވަރުކޮށްލުމަށްޓަކައި ، އެ ތަޤްރީރުގެ އެވަގުތުކޮޅު އަޑު އައްސަވާ ލައްވާށެވެ! ހަނދުމަފުޅު ބަހައްޓަވާށެވެ. އެއީ ، 2004 ގެ ޑިމޮކްރެޓިކް ނެޝަނަލް ކޮންގްރެސް ( ޑީއެންސީ ) ގެ ކީނޯޓު ސްޕީޗެވެ. ވަރަށް ފަސޭހައިން އިންޓަނެޓުން ހޯއްދަވައި ލެއްވޭނެއެވެ.

މީހެއް ނުވަތަ ކަމެއް އަދި އެއްޗެއް ރަނގަޅު ގޮތަކަށް ތަޞައްވުރުކުރުމަކީ ، ޚުލާޞާ ކުރެވޭ ޢިބާރާތަކަށްވުރެ މާ ބާރުގަދަ އެއްޗެކެވެ. އެއްވެސް ކަމެއް ނުވަތަ އެއްޗެއް ބަޔާން ކުރައްވާއިރު ، ތަޞައްވުރެއް ސިފަކުރެއްވޭތޯ ބައްލަވާށެވެ. މުއައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަޔެކޭ ވިދާޅުވުމުގެ ބަދަލުގައި ، ވަކި ސުންގަޑިއަކަށް މަސައްކަތް ނިންމުމަށްޓަކައި ، މުއައްޒަފުން ކުރި ހިތްވަރާއި މަސައްކަތް ބަޔާން ކުރައްވާށެވެ. ކައިވެނީގެ ރަސްމިއްޔާތެއްގައި ދައްކަވާ ވާހަކައެއްގައި ، ކައިވެނިކުރާ ފިރިހެނާއަކީ ، އަދި މިހާތަނަށް ދިމާވި އެންމެ އެހީތެރި މީހާކަމަށް ވިދާޅުވުމުގެ ބަދަލުގައި ، ވަކި ހާދިސާއެއް ބަޔާންކޮށް ، އޭނާއަކީ އެޙާދިސާއިން ތިމާ ސަލާމަތްކޮށްދިން މީހެއްކަން ހާމަކުރައްވާށެވެ. މިދިޔަ ޤަރުނުގައި ދުނިޔޭގެ ހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ވާހަކަ ވިދާޅުވުމަށްޓަކައި ، އައިސްތައް ވިރި ، ކަނޑުގެ ލޮނުގަނޑު އުފުލި ބިމަށް ފެތުރިގެންދިޔަގޮތް ގެނެސް ދެއްވާށެވެ. ވާހަކަޔަކަށްވުރެ ބޮޑަށް ، ކަމެއް ތަޞައްވުރު ކޮށްދެއްވާށެވެ.

އިޚުލާޞްތެރިކަން

އޮބާމާ ތަޤްރީރު ކުރެއްވިއިރު ގެންގުޅުއްވި ޙަރަކާތްތައް އެއްލަފުޒުން ހާމަކުރުމަށްޓަކައި ބުނެވެން އޮތީ ، " އަޅުގަނޑުގެ ހިތް ތަޅުވައިލައިފި ނުވަތަ ދަމައިގެންފި" އޭ އެވެ. އޭނާވަނީ ، އަމިއްލަފުޅު ވާހަކަތައް ވިދާޅުވެފައެވެ. އަސަރުގަދަ ބަސް ބޭނުންކުރައްވައި ، ބަހުގެ އުކުޅުތައް ބޭނުންކުރައްވައިފައެވެ. ހުންނެވީ ، ވަރަށް ފުރިހަމަޔަށް ތަޤްރީރަށް ތައްޔާރުވެވަޑައިގެންފައެވެ. ފިކުރާ ޚިޔާލާތާއި ތަޞައްވުރު ބޭނުން  ކުރައްވައިފައެވެ. ފަރުވާތެރިކަމާއެކު ، މަޑުމައިތިރިކަން އިޚުތިޔާރު ކުރައްވައިފައެވެ. އެއީ ކޮންމެހެން ، " މިއީ ވަރަށް ފައްކާ މީހެކޭ " ބުނެ ، ތަނަށް އެއްވެފައިތިބި މީހުން ވިސްނާކަށް އެކަންޏެއްނޫނެވެ. އެހެނެއްކަމަކު ، އޮބާމާ ބޭނުންފުޅުވީ ، އެމީހުންގެ އުދާސްތަކާއި ހިތްދަތިކަން އޭނާއަށް އިޙްސާސް ކުރެއްވޭކަން ހާމަ ކުރެއްވުމަށެވެ. އަދި އެމީހުންގެ އުއްމީދުތައް އެމީހުންނާއެކު ޙިއްޞާ ކުރެއްވުމަށެވެ. ތަޤްރީރުގެ އެއްވެސް ހިސާބެއްގައި ، އަޑުހަރުކުރައްވައި ހަޅޭއްފުޅު ލައްވާފައެއް ނުވެއެވެ. ހަދަހަދައިގެން ވާހަކައެއް ވިދާޅު ނުވުމާއި ދެއްކެވި ވާހަކައިގައި ތެދުވެރިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ވިދާޅުވި ކޮންމެ ވާހަކަފުޅެއްވެސް ވިދާޅުވީ އިޚުލާޞްތެރިކަމާއެކު މާނަކުރައްވައި އެވިދާޅުވިއެއްޗެއް ރަނގަޅަށް އެނގިވަޑައިގެން ހުންނަވާކަން ވަރަށް ރަނގަޅަށް އިޙުސާސްވެގެން ދިޔައެވެ.

ތަޤްރީރެއް ކުރާއިރު ، ބުނާއެއްޗަކާ ތިމާގެ މަޤްޞަދާ އަދި ހިތް އެކަމަކާ ގުޅިފައިވާކަން ޔަޤީންކުރަން ޖެހެއެވެ. އެބުނާ ވާހަކައެއް ބުނެވެނީ ހިތުގެ އަޑިން ، ވަކި މަޤްޞަދެއް އޮވެގެންކަން ޔަޤީން ކުރަން ޖެހެއެވެ. މިސާލަކަށް ، މަޖާ ވާހަކައެއް ބުނާއިރު ، އެވާހަކައެއް އެހާ މަޖާކޮށް އެބުނަނީ ، އަޑުއަހާ މީހުން ހެއްވާލުމުގެ މަޤްޞަދުގައިކަން އެނގެން ޖެހެއެވެ. ކޮންމެހެން މަޖާ މީހަކަށް ވާޏް ނޫންކަން ހިތުގެ އަޑިން ޔަޤީން ކުރަން ޖެހެއެވެ. މާނަފުން އަދަބީ ބަސް ބޭނުންކުރާއިރު ، އެބަހެއް ބޭނުންކުރަނީ ބަހުގެ އަދަބަށް އަހުލުވެރި  އަދީބަކަށްވެގެން ބޭނުން ކުރަނީ ނޫންކަން އެނގެން ޖެހެއެވެ. އޭގެ ބަދަލުގައި އެފަދަ އަދަބީ ބަހެއް ބޭނުންކުރަނީ ބުނާ އެއްޗެއް ، އަޑުއަހާ މީހުންނަށް އިތުރަށް ސާފުކޮށް ދިނުމުގެ މަޤްޞަދު އޮވެގެންކަން ޤަބޫލުކުރަން ޖެހެއެވެ.

މަޑުމައިތިރިކަން

 ތަޤްރީރު ދެއްވި އިރު އޮބާމާ ގެންގުޅުއްވި މަޑުމައިތިރިކަމާއި ކެތްތެރިކަން ، އިނގިރޭސިބަސް ނޭނގޭމީހުންނަށްވެސް ، އިޙްސާސް ކުރެވޭނެއެވެ. އޭނާގެ ޙަރަކާތްތަކާއި އަޑުފުޅުގެ މަޑުމައިތިރިކަން ، ހުއްޓާ ލައްވާ ތަންތަނާއި ، އަތްޕުޅުގެ ޙަރަކާތްތަކާއި ، ހަށިކޮޅަށް ގެންނެވި އެކި ގުޑުންތަކުންވެސް އޭނާގެ މަޑުމައިތިރި ކަމާއި ސާދާކަން ފާޅުވެ އެނގެން ހުއްޓެވެ. އޮބާމާ ގެންނެވި ޙަރަކާތްތަކާއި ވިދާޅުވި ބަސްފުޅުގެ މަޑުމައިތިރިކަމާއި ސާދާކަން ގެނެސްދީފައިވަނީ ، އޭނާ ދެއްވި މެސެޖާ ގުޅިފައިވާ ބަލާޣާތްތެރިކަމުންނެވެ. ބައެއް ބަސްފުޅުތަކުގެ އަޑުން ، އަޑުއަހާ މީހުންގެ ހަމަހިމޭންކަމާއި މަޑުމައިތިރިކަން އިތުރުކޮށްދީފައި ވެއެވެ. އަންނަނިވި ޢިބާރާތް އެކަމުގެ ހެއްކަކަށް ފުދެއެވެ.

" ކުރިން އައިބަޔަކަށް ހުޅުވިގެންދިޔަ ފުރުޞަތާއި މިނިވަންކަމުގެ  ލައްޒަތުން އުފެދިގެންދިޔަ އެ ޖަޒުބާތެވެ. "

" އަޅުގަނޑަކީ ، އަޅުގަނޑުގެ އަޚާގެ މަދަދުގާރެވެ. އަޅުގަނޑުގެ އުޚުތުގެ މަދަދުގާރެވެ. މިޤައުމު ކުރިޔަށްދާނީ އެގޮތުގެމަތިންނެވެ. "

" އަޅުގަނޑުމެން އައިސް ހުއްޓި މިތިބީ ތާރީޚުގެ ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. "

އޮބާމާގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއިރު ، ވިދާޅުވި ބަސްފުޅުތަކާގުޅޭ ގޮތަށް އަތްޕުޅުންވެސް ޙަރަކާތް ކުރައްވަމުން ގެންދެވިއެވެ. ބައެއް ފަހަރަށް އިނގިލިން އިޝާރާތް ކުރެއްވިއެވެ. ޝަހާދަތް އިނގިލި ދިއްކުރައްވައި އިޝާރާތް ކުރެއްވިއެވެ. އަދި ބޮޑުވައި އިނގިއްޔާއެކު އަތްތިލައިން ތިރިޔަށް އިޝާރަތް ކުރެއްވިއެވެ. އޮބާމާ ގެންގުޅުއްވި މިފަދަ ޙަރަކާތްތަކަކީ ، ވަރަށް ޤުދުރަތީ އަދި މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކެވުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔަ ކަމެކެވެ.

ތަޤްރީރެއް ލިޔާއިރު ، ދޭން ބޭނުންވާ މުހިންމު މެސެޖް ފާހަގަ ކުރައްވާށެވެ. އަޑުއަހަންތިބޭ މީހުން ބަލައިގަންނަން ދޫކޮށްލާ އެއް މެސެޖެއް ކަނޑައަޅާށެވެ. މިއީ ފަށައިގަތުމުގައި ފަސޭހަކަމަކަށް ނުވެހިނގައިދާނެއެވެ. އަދި އެމެސެޖް ވަކިކޮށް ދެނެގަތުމަށް ދުވަސްތަކެއްވެސް ހޭދަ ވެދާނެއެވެ. އެހެނަސް ، އެ މެސެޖް ފާހަގަ ކުރެވުމަށްފަހު ، ތަޤްރީރު އޭގެ އަމިއްލަ ޒާތުގައި ލިޔެ ކުރިޔަށް ގެންދިއުމުގައި ޙައިރާންވާފަދަ ފަސޭހަކަމެއް ލިބިގެންދާނެއެވެ. ރީތިބަސްތައް ލިޔެވި އިޝާރާތް ބޭނުންވާ ތަންތަން ފާހަގަވެ ، އަސަރުގަދަ ގޮތަކަށް އަތުގެ ޙަރަކާތްތައް ގެންގުޅޭނެ ހިސާބުތައް ފާހަގަވެގެން ދާނެއެވެ.

އޮބާމާ 2004 ގައި ޑިމޮކްރެޓިކް ނެޝަނަލް ކޮންވެންޝަންގައި ދެއްވި ތަޤްރީރުގައި މިހުރިހައި ކަމެއް ހިމެނިގެންވެއެވެ. އެހުރިހައިކަމެއް އޮބާމާގެ ތަޤްރީރުން ދަސްކުރެވޭނެއެވެ.

ރައީސް ބަރަކް އޮބާމާ ، އެމެރިކާގެ ރައީސްކަމަށް ދެ ދައުރަށް ހޮވިވަޑައިގަތެވެ. އެމަނިކުފާނު ވެވަޑައިގެންފައިވަނީ ، އެމެރިކާގެ 44 ވަނަ ރައީސް ކަމުގައެވެ. އެމެރިކާގެ ފުރަތަމަ ރައީސަކީ ، ޖޯޖު ވޮޝިންގޓަން އެވެ. ރައީސް ކަމުގައި ހުންނަވަނިކޮށް ، 4 ބޭފުޅަކު އަވަހާރަ ކޮށްލެވިފައި ވެއެވެ. އޭގެ ތެރޭގައި އެބްރެހަމް ލިންކަން އާއި ޖޯން އެފް ކެނެޑީ ހިމެނިވަޑައިގަންނަވައެވެ. އަދި 4 ރައީސަކު އަވަހާރަވެސް ކޮށްލެވިފައި ވެއެވެ. އޭގެ ތެރޭގައި ރޫޒްވެލްޓް ހިމެނިވަޑައިގަންނަވައެވެ. ރޫޒުވެލްޓަކީ ، އެމެރިކާގެ ރައީސްގެ މަޤާމަށް ، ހަތަރު ދައުރަށް  ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. 1951 އާހަމަޔަށް ، ދެޓާމަށްވުރެ ގިނަދުވަހަށް ރައީސްކަމުގައި ހުރުމަށް އެމެރިކާގެ ޤާނޫނު ހުއްދަ ކުރފެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި 36 ރައީސަކު ދެވަނަ ދައުރަށް ހޮވިވަޑައިގެންފައި ވެއެވެ. މިޢަދަދަކީ ، މިހާރުގެ ރައީސް ބައިޑަން ނުލައި ހިސާބު ކުރެވިފައިވާ ޢަދަދެކެވެ. އަދި 9 ރައީސަކު ދެވަނަ ދައުރަށް ހޮވިވަޑައިގެންފައެއް ނުވެއެވެ. އޭގެ ތެރޭގައި އެންމެ ފަހުން ހުންނެވި ރައީސް ޓްރަމްޕް ހިމެނިވަޑައިގަންނަވައެވެ. ޓްރަމްޕް ވެވަޑައިގެންފައިވަނީ ، އެމެރިކާގެ ސިޔާސީ ތާރީޚު ކަޅުކޮށްލެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.