ލޯ އަނދިރި ވިޔަސް ފާތުންގެ ކުރިމަގަށް އަނދިރިކަމެއް ނެތް!

ނުކުޅެދުންތެރިކަމަކީ ކުރިއަށް ދިއުމަށް ހުރަހެއް ނޫންކަން ސާބިތުކޮށްދެމުންދާ ޒުވާނުން ރާއްޖޭގައި މިހާރު މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ. އެފަދަ ޒުވާނުންގެ ތެރެއިން ވެސް ޅ.ހިންނަވަރަށް އުފަން ފާތުމަތު އިބްރާހީމް (ފާތުން) ތަފާތެވެ. ފާތުންގެ ކުރިމަގަށް ހުރި ގޮންޖެހުންތަކުގެ އަނދިރިކަން ނައްތާލައި އަލިކުރަމުން ދަނީ، ފާތުން ފަދަ އެހެން ކުދިންނަށް ހިތްވަރު ދެމުންނެވެ. އެހެންކަމުން ފާތުންއަކީ "ރާއްޖޭގެ މަލާލާ" އޭ ވެސް ބުނެވިދާނެއެވެ. އެއީ ގެއްލިފައިވާ ޙައްޤުތައް ހޯދުމަށް އޭނާ މަސައްކަތް ކުރަމުން އެދަނީ، އޭނާފަދަ އެހެން ކުދިންނަށް ހިތްވަރުދީ އަދި މުޖުތަމައު ވެސް އެކަންކަމަށް ހޭލުން ތެރިކުރަމުން ކަމަށްވާތީއެވެ.

ލޯއަނދިރި ނަމަވެސް ފާތުންއަކީ  ވަރަށް ގިނަ ތަފާތު ކަންކަމުގައި ބައިވެރިވެ ތަފާތު ގިނަ ތަމްރީނުތައް އެކި ދާއިރާއިން ފުރިހަމަކޮށްފައިވާ ޒުވާން ކަނބަލެކެވެ. ހިލޭ ސާބަހަށް މަސައްކަތްކުރާ ތަފާތު ގިނަ ޖަމްޢިއްޔާތަކުގެ މެމްބަރެއްގެ ގޮތުން،  ޢަމަލީގޮތުން ތަފާތު އިޖްތިމާޢީ ހަރަކާތްތަކުގައި ފާތުން ދަނީ ޙަރަކާތްތެރި ވަމުންނެވެ. ނަމަވެސް މިހާރު ފާތުން އަވަދިނެތި ތައްޔާރުވަމުން ދަނީ ލޯއަނދިރި ދުވުންތެރިން ނުވަތަ އެތްލީޓުންނަށް ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރުމަށެވެ. އޭނާވަނީ ރާއްޖޭގައި ބޭއްވި ވަރަށް ގިނަ ތަފާތު ދުވުން ތަކުގައި ވާދަކޮށް ބައެއް ރެކޯޑްތައް ވެސް ޤާއިމްކޮށް ފައެވެ.  ކުރިން ފާތުން ދުވީ  "ލޯންގް ރަން"  ނުވަތަ ދިގު ދުވުމެވެ. ނަމަވެސް  މިހާރު ފާތުން ޓްރޭން ވަމުން ދަނީ "ސްޕްރިންޓް" ނުވަތަ ކުރު، އަވަސް ދުވުމަށެވެ. މި ދެ ދުވުމުގެ ތަފާތު ފާހަގަކުރަމުން ފާތުން ބުނީ "ސްޕްރިންޓް" ގައި ދުވަން ފެށުމާއެކު ހިފަން ޖެހޭނީ ނިންމުމަށް ކަމަށެވެ. ފާތުން "ސްޕްރިންޓް" ޓްރޭނިން ހަދަމުން މިދަނީ ދުބާއީގައި މިމަހު އޮންނަ ބައިނަލްއަގުވާމީ އެތްލެޓިސް މުބާރާތެއްކަމަށްވާ "ފަޒާ ގޭމްސްގެ" ޕެރާ ސެގްމެންޓްގައި "ބްލައިންޑް ރަނަރ" ނުވަތަ ލޯއަނދިރި ދުވުންތެރިއެއްގެ ގޮތުގައި ރާއްޖެ ތަމްސީލުކުރުމަށެވެ.  

ފާތުން ޓްރޭންވަމުން ދަނީ ކޭވައި ސްޕޯރޓްސް ގެ ދެ ކޯޗުން ކަމަށްވާ ޔަޒޫ އާއި ޗަބާގެ އިރުޝާދާ އެކުގައެވެ.  މިއީ 2020 ގައި ބާއްވަން އޮތް މުބާރާތެއް ނަމަވެސް ކޯވިޑް-19 ގެ ހިޔަނި އެޅި އެމުބާރާތްވެސް ވަނީ އެއް އަހަރަށް ފަސްވެފައެވެ. މުބާރާތް ފަސްވުން ފާތުން ދުށީ، އެއީ މުބާރާތަށް  ތައްޔާރުވުމަށް ލިބުނު އަގުހުރި ފުރުސަތެއްގެ ގޮތުގައެވެ. ނަމަވެސް ފާތުންގެ ޓްރޭނިންނަށްވެސް  ބޮޑެތި ގޮންޖެހުންތަކެއް މިދިޔަ އަހަރުވަނީ ކުރިމަތި ވެފައެވެ. ސަބަބެއްކަމަށް އޭނާ ބުނީ ކޯވިޑާއެކު ޓްރޭނިންތައް ފަސްވެ، މަރާމާތަށް، ޓްރެކް ބަންދު ކުރުމާ ގުޅިގެން އުސްފަސްގަނޑުގައި ޓްރޭނިން ހަދަން ޖެހުމެވެ. އުސްފަސްގަނޑުގައި ދުވަން ޖެހުމުން ކޭވައި ސްޕޯޓްސްގެ ދެ ކޯޗުންނާއެކު ފާތުންވެސް ވަނީ އެތަނުން ގަލާއި އަކިރި ނަގައި ދުވެވޭވަރު ކޮށްފައެވެ. އެތަނުގައި މިންތައް ޖަހައި ވަގުތީ ޓްރެކެއްގެ ގޮތުގައި ފާތުންއަށްޓަކައި ކޯޗުން އެތަން ތައްޔާރުކޮށް ދިނެވެ. ނަމަވެސް ފާތުންގެ މުބާރާތުގެ ކުރިން ސިންތެޓިކް ޓްރެކް ހުޅުވި އެތަނުގައި ޓްރޭނިން ހެދުމުގެ ފުރުސަތު ލިބުމަކީ،  ލިބުނު ބޮޑު ނަސީބެކެވެ. އޭނާ ވަނީ ޔަޒޫ ކޯޗާއެކު 2019 ގައި ޖަޕާނުގައި، ލޯއަނދިރި ކުދިންނަަށް ހިންގި އެތްލެޓިކްސް ޓްރޭނިންގއެއްވެސް ފުރިހަމަ ކޮށްފައެވެ. 

އާންމު ދުވުންތެރިންނާ ޚިލާފަށް ފާތުން ޓްރޭނިން ހަދަމުން ދަނީވެސް އޭނާގެ ގައިޑާ އެކުގައެވެ. ފާތުން ބުނީ ޔަޒޫ ކޯޗްގެ އެހީތެރިކަމާއެކު ގައިޑާއެއް އައްޔަންކުރީ އޭނާ އަމިއްލައަށް ކަމަށެވެ. މުބާރާތަށް ފާތުން ދާނީ އޭނާގެ ގައިޑާ އެކުގައެވެ. ގައިޑާއަކަށް އަންހެނަކު ލިބުމަކީ ވެސް ފާތުން އަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. ބޭރުގެ އެއްވެސް ޕެރާ ގޭމެއްގައި ގައިޑުންނަށް އަންހެނުން އުޅެފައިވާކަން އެނގިފައި ނުވާކަމަށް ފާތުން ބުންޏެވެ. އެހެންކަމުން ފާތުންގެ ގައިޑާ އަކީ މިހާތަނަށް ޕެރާ މުބާރާތެއްގައި ބައިވެރިވާ ފުރަ އަންހެން ގައިޑާ ކަމަށް ވެގެންދާނެއެެވެ. ދުބާއީގައި އޮންނަ ފަޒާ ގޭމްސްއަށް ފާތުން ފުރާނީ މިމަހުގެ ހަވަނަ ދުވަހުއެވެ. 

ފާތުން ފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެތްލީޓުންގެ ގޮތުގައި ނުކުންނަށް ބޭނުންވާ އިރު އެކުދިންނަށް، ކުރިއަށް ދެވޭނެ މަގު ފަހި ވެފައި އޮންނަންޖެހޭ ކަމަށް ފާތުން ދެކެއެވެ. އިތުރު ގައިޑުންނާއި ޓްރޭން ކޯޗުންވެސް ތިބެންޖެހޭ ކަމަށް ފާތުން ފާހަގަކުރި އެވެ. 

ފާތުން ދެކޭ ގޮތުގައި މުޖުތަމައަކީ ކުދިބޮޑު މުސްކުޅި ޒުވާން، ހުރިހާ ޢުމުރެެއްގެ މީހުން ހިމެނޭފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ހިމެނޭ ގޮތަށް އޮންނަ އެއްޗެކެވެ. އެހެންކަމުން މުޖުތަމުގެ އެންމެންނަށް ހަމަހަމަ ފުރުސަތު، ހުރިހާ ކަމެއްގައި ވެސް ލިބެން ޖެހޭނެއެވެ.  ނުކުޅެދުންތެރިކަން ހުރުމަކީ ކަންކަމުން މަހްރޫމް ވެގެން ހުންނަންޖެހޭނެ ކަމެއް ކަމަށް ފާތުން ނުދެކެއެވެ. ގަބޫލެއްވެސް ނުކުރެއެވެ. އެހެންކަމުން އޭނާ ބޭނުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރި ހުރަސްތައް ނައްތާލައި، އެފުރުސަތުތައް އެހެން ކުދިންނަށް ވެސް ލިބޭނެކަން ކަށަވަރުކުރާށެވެ.

ފާތުން އަކީ ދިވެހި ރެޑްކްރެސެންޓުގެ އެންމެ ހިންގުންތެރި ވޮލަންޓިއަރުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ހަރަކާތްތެރި ވޮލަންޓިއަރެކެވެ. އޭނާވަނީ އެންއީއޯސީގައި، ކޯވިޑާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގައި ވަރަށް ހަރަކާތްތެރިކަމަކާއެކު ބައިވެރިވެފައެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހޯދައިދީ އެމީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި ފާތުން އަކަށް ވަރުބަލިކަމެއް ނެތެވެ. ވީމިޑީއާ އިން ލޯފަންކުދިންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ސާބިތު ހިތަކުން" ގެ 100 އަށް ވުރެ ގިނަ ޕްރޮގްރާމް  ހުށަހަޅައިދީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ފާތުން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. މުޖުތަމަޢު ހޭލުންތެރިކުރުމަށް އެފަދަ ގިނަ މަސައްކަތްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާއިރު މުޖުތަމައުގައި ބައެއް މީހުންގެ އަޚްލާޤީ މިންގަނޑު ދަަށްކަމުން އަދިވެސް ފާތުންމެން ފަދަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިން، ކުރިއަށް ދިއުމުގައި ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާތުންގެ ވާހަކައިން ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާ ހުރީ  އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ކުރިއަށް ދިއުމުގެ  ޢަޒުމާއެކުގައިކަން އޭނާގެ ވާހަކައިން އެނގުނެވެ. 

ޓްރޭނިންގައި ދުވަމުންދާއިރު މީހުން އައިސް ފާތުންގެ ގައިގައި ޖެހިގަނެ ގޮތްގޮތް ވެފައިވާކަން އޭނާގެ ވާހަކައިން އެނގެއެވެ. އެފަދަ ބައެއް މީހުން  "ނުފެންނަނީހޭ؟" ކިޔާ އޭނާޔާ ދިމާއަށް ހަޅޭއްލަވައިގަނެއެވެ. އެފަދަ ގޮންޖެހުންތަކާ ހުރެ މިހާރު ފާތުން ފެނުމުން ކޮންމެ މީހަކަށް ވެސް އެއީ "ބްލައިންޑް ރަނަރ" އެއްކަން ނުވަތަ ލޯއަނދިރި ދުވުންތެރިއެއްކަން ކަށަވަރުވާނޭ ގޮތަށް، ފާތުންގެ ޓީޝާޓްގެ ކުރިމަތިންނާއި ފަހަތުންވެސް " ބްލައިންޑް ރަނަރ" މިހެން އިނގިރޭސިބަހުން ބޮޑު އަކުރުން ވަނީ ޖަހައިފައެވެ. 

"އެއްވެސް މީހަކު ނުހުންނާނެދޯ، ފަރިއަކަށް މިހަކަލަ އެއްޗިހި (ބްލައިންޑް ރަނަރ) ޖަހައިގެންނެއް. އެކަމަކުވެސް މީހުންގެ އަޚްލާޤީ މިންގަނޑު  ދަށީހަމަ. ޤަބޫލެއް ނުކުރެވޭ، މީހުން ހޭލުންތެރި ނުވެގެން ކަމަށް އެކަހަލަ ކަންކަން ވަނީ. އަސްލު ވަރަށް ދެރަވޭ ފާޑުފާޑު ވާހަކަތައް ބުނެލުމުން. އެކަމަކު އެހެން ކުދިންގެ ޙައްޤުގައިވެސް ކުރިމަތިވާ ހުރިހާ ބެރިއާއެއް (ހުރަހެއް) ނައްތާލާ ކުރިއަށް ދާން ބޭނުންވޭ." ފާތުންގެ އިހުސާސްތައް ހާމަކުރަމުން ބުނެލިއެވެ. 

ފާތުން ބުނީ ލައިފެއް ފަށަން ބެލި ކަމުގައިވިއަސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުރަސްތައް ކުރިމަތިވާކަމަށެވެ. އެއީ ވެސް ބައެއްމީހުންގެ ވިސްނުން ހުންނަ ގޮތުން ކަން ފާހަގަ ކުރިއެވެ. 

"ބައެއް މީހުން ދެކެނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނޭ. އެހެންވާނަމަ ކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯޓިސްޓިކް ކުދިންނާ ޑައުންސިންޑްރޮމް ކުދިންވެސް އެލިބެނީ ކީއްވެ؟" ފާތުންގެ އިޙްސާސްތައް ހާމަކުރަމުން ސުވާލެއް ކުރިމަތި ކުރިއެވެ. 

ފާތުންވެސް "ލައިފަކާ" ދޭތެރޭގައި ވިސްނާކަން އޭނާގެ ވާހަކައިން ފާހަގަ ކުރެވުމުން އެސުވާލު ކުރިމަތި ކޮށްލުމުން އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި ބުނެލިއެވެ. "ވަރަށް ލޯބިވެއޭ ބުނާނެ މީހަކު ނުވެގެން މިހުންނަނީ."  

ނަމަވެސް ފާތުން ދެކޭ ގޮތުގައި އޭނާ ކަހަލަ ކުއްޖަކު ލައިފެއް ފެށުމުގެ ކުރިން ވިސްނަން ޖެހޭ ކަންކަން ވަރަށް ގިނައެވެ. އަދި މީހަކު ލޯބިވެއޭ ބުނުމަކުން ނުފުދެއެެވެ. ފާތުންގެ ހުރިހާ ވިސްނުމެއް ވެސް އަދިހުރީ، އޭނާފަދަ ނުކުޅެދުން ތެރިކަން ހުރި ކުދިންނަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމުގައި ކުރިއަށް ދިއުމަށެވެ. 

 ނުކުޅެދުންތެރިކަން ހުރިނަމަވެސް ކުދިން ގޭތެރޭގައި ފޮރުވައިގެން ނުގެންގުޅުމަަށް ފާތުން ބެލެނިވެރިންނަށް އިލްތިމާސްކުރެއެވެ. އެކުދިންގެ ހުންނަ އެންމެ ނުކުޅެދުންތެރިކަމާ ނުބައްދަލު ހުނަރުވެރިކަން އެކުދިންގެ ހުންނާނެކަން ފާތުން ޤަބޫލު ކުރެއެވެ. އެހެންކަމުން އެކުދިންގެ އެހުނަރު ނެރެ ދެއްކުމަށް ފުރުޞަތު ފަހިކޮށް ދޭންޖެހޭކަމަށް އޭނާ ޤަބޫލު ކުރެއެވެ. ފާތުން އެދަނީ ގޮންޖެހުންތަކާއެކުވެސް ހުރަސްތައް ނައްތާލާ އެކަން ސާބިތުކޮށްދެމުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.