މާލެ ސަރަޙައްދުގައި ރޭގަނޑު 11އިން ފަތިހު 4އަށް ކާފިއު

ކުރިއަށް އޮތް 2 ހަފްތާއަށް ރޭގަނޑު 11 އިންފެށިގެން ފަތިހު 4:30އަށް މާލެ ސަރަޙައްދުގައި ކާފިއު އިޢުލާންކޮށްފިއެވެ. މިގޮތަށް ކަނޑައެޅުއްވިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ދާދި ދެންމެ ހާމަކުރައްވާފައެވެ.

އެޗްޕީއޭއިން ކުރެއްވި ޢިއުލާނެއްގައި ވަނީ  މިގޮތަށް ކަނޑައެޅުއްވީ ފަހަކަށްއައިސް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އިތުރުވެ ޚާއްސަކޮށް މާލެ ސަރަޙައްދުގެ ނުރައްކާތެރިކަން އިތުރުވެފައިވާތީއެވެ.

މިބަދަލާއެކު ރޭގަނޑު 08:30 ފެށިގެން ފަތިހު 04:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެކަނި ކުރާ ކަސްރަތުފިޔަވައި، އެހެން ހުރިހާ ކުޅިވަރު ޙަރަކާތަކާއި ކަސްރަތުގެ ޙަރަކާތްތައްވެސް ކުރިއަށް އޮތް 2 ހަފްތާއަށް ހުއްޓާލަން ވަނީ އަންގަވާފައެވެ. އެހެންނަމަވެސް ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ކަސްރަތުކުރުމުގައި އެމީހަކާ އެކުގައި ދިރިއުޅޭ އެހެން މީހަކަށް ބައިވެރިވެވިދާނެކަމަށް އެޗްޕީއޭއިން  ވިދާޅުވެއެވެ.

މީގެއިތުރުން މިހާރު އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެތެރޭގައި ޕްރީ ސްކޫލްތަކާއި ނާރސަރީތަކާއި ޑޭކެއަރ ޚިދުމަތް ބަންދުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން މިމަހުގެ 7ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަކީ މިހާރު މަޖުބޫރުކަމެއްގެގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ކުރިއަށްއޮތް 2 ހަފްތާގައި ޕާކުތަކާއި މައިދާންތަކަށް ޒިޔާރަތްކުރުން ހުއްޓާލުމަށާއި ދަތުރުފަތުރުކުރާއިރު މާސްކް އަޅައިގެން ތިބުމަށް އަންގަވާފައިވާ އެންގުން ތަންފީޒުކުރުން ވަރުގަދަކުރުމަށްވެސ އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.