ކޮވިޑް-19 : ސަމާލުވޭ! ޖެނުއަރީމަހު އެކަނިވެސް 2،084 މީހުން ޕޮޒިޓިވް

މިއަހަރު ފެށުނުފަހުން ރާއްޖޭގެ ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް މިވަނީ ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު ޖުމުލަ 2,084 މިހުން މިވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިވަގުތުވެސް ރާއްޖޭގައި 1,644 މީހުންނަށް މިބަލި ޖެހި ފަރުވާ ދެމުންއެބަދެއެވެ. 163 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

ޖެނުއަރީ މަހުގެ ޢަދަދުތަކަށް ބަލާއިރު، އެއް ދުވަހަކު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެދުވަހު 145 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެންމެ މަދުން ޕޮޒިޓިވްވީ ޖެނުއަރީ 7ވަނަ ދުވަހު އެދުވަހުއެވެ. ޕޮޒިޓިވްވީ 21 މީހުންނެވެ. ޖެނުއަރީ 15ގެ ފަހުން ރާއްޖެއިން ކޮންމެ ދުވަހަކުވެސް 50އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިޢަދަދު މައްޗަށްގޮސް ޖެނުއަރީ 24ގެ ފަހުން 31ގެ ނިޔަލަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ޢަދަދުހުރީ 100އިން މަތީގައެވެ.

ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމަކީ  ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ސިއްޙީ އިދާރާތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ އެއްފަހަރާ ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމާއެކު ހޮސްޕިޓަލްތަކައި އެނޫންވެސް ފަރުވާދޭ ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް ގޮސްދާނެކަމުގެ ބިރެވެ. އެހެން އެކަން ވެއްޖެނަމަ ކޮންމެވެސް އެއްބަޔަކަށް އެކަށީގެންވާ ފަރުވާ ނުދެވި ދޫކޮށްލަން ޖެހިދާނެއެވެ. އެއީ ހައިރިސްކު ކެޓަގަރީގެ ބަޔަކަށް ވެއްޖެނަމަ، ރާއްޖެއިން މިބަލީގައި އާދަޔާ ޚިލާފަށް މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން ކުރެވެން އޮތްހާވެސް ކަމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމެވެ. މިކަން ކުރެވޭނީ ޢާއްމު ރައްޔިތުންގެ ސަމާލުކަން އިތުރުވެގެންނެވެ. ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރެވޭނީ ޢާއްމު ފަރުދުންނަށެވެ. ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި، އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތް ދޮވެ ސާފުކުރުމަކީ، ވަރަށް ކުދިކުދި އެހެންނަމަވެސް އިންތިހާއަށް މުހިންމު ކަންކަމެވެ. މިޙާލަތުގައި ރައްކާތެރިވުމަށް އެޅެންއޮތް މުހިންމު ވަރުގަދަ ފިޔަވަޅުތަކެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިހާރު ރާއްޖޭގައިވެސް އެބަހުއްޓެވެ. އެހެންނަމަވެސް ވެކްސިން ދިނުމަށް ގެންގުޅެންޖެހޭ މިންގަޑުތަކަކާއި ހަމަތަކެއް ހުރެއެވެ. ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ޢަމަލުކުރަންޖެހޭނީ މިއުސޫލަށެވެ. އެހެންކަމުން ވެކްސިންނާއެކު ޙާލަތު ކޮންޓްރޯލްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ދުވަސްތަކެއް ހޭދަވާނެއެވެ.

މިކަންކަން ފުރިހަމަވަންދެން އޮތްގޮތަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ސިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލެނބުމެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އެއްވެސް މިންވަރަކަށް ފަރުވާކުޑަ ނުކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.