ކޯވިޑް ވެކްސިނާ މެދު ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފި

ކޯވިޑް ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓާ ލުމަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކަށް  އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނެފައި ވަނީ ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ތައްޔާރުވެފައިވާ މިވަގުތު ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކުގައި ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަފުޅު ދެއްކެވުމަކީ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަަމަށެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ޕާޓީތަކުންނާއި ކެންޑިޑޭޓުން ތައްޔާރުވަމުންދާއިރު ކެމްޕޭނު ކުރުމަށާއި އިންތިހާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާހައުލެއް އޮތުމަކީ ވޯޓްލާން ނުކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމެއް ކަމަށެވެ.  

ކޯވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި އަދި ވެކްސިން ސިޔާސީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޕާޓީތަކުގެ މެންބަރުންނަށް ވެސް  އީސީން ވަނީ އިލްތިމާސް ކޮށްފައެވެ. 

މާދާދަމާ ރާއްޖޭގެ ތިން ސަރައްޙަދެއްގައި ކޯވިޑް ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖައްސަވައިފައެވެ. މާދަމާ ރާއްޖޭގައި ދޭން ފަށަން ހަމަޖައްސައިފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ "ކޯވިޝީލްޑް" ވެކްސިނެވެ. މީގެ އެއްލައްކަ ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. 

އިލެކްސަންސް ކޮމިޝަނުން ވެކްސިން ސިޔާސީ ނުކުރުމަށް އިލްތިމާސް ކޮށްފައި މިވަނީ ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން  އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.