ކައުންސިލް އިންތިޚާބުގައި، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ - ރައީސް ނަޝީދު

ރާއްޖޭގެ ބޮޑެތީ އާބާދީތައް އޮންނަ 27 ރަށުގެ މެޖޯރީޓީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެކަމުގެ ޔަގީންކަން، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ދެއްވައިފި އެވެ. 

ރައީސް ނަޝީދު މި ޔަގީންކަންދެއްވީ ކައުންސިލް އިންތިހާބާ ބެހޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ. 

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުން އެމްޑީޕީ ބަލިވާނެ ކަމުގެ އެއްވެސް ގޮތެއް އެމަނިކުފާނު ތަފާތު ގޮތްގޮތަށް ހިސާބު ޖައްސަވައިގެން ވެސް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. 

ރާއްޖޭ ހުރިހާ ސިޓީތަކާއި އެނޫންވެސް އާބާދީ ބޮޑެތި ހުރިހާ ރަށެއްގެ ގޮޑިތައް އެމްޑޕީން ކާމިޔާބު ކުރާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"މާލޭގެ ހުރިހާ ގޮޑިއެއްވެސް، އައްޑޫގެ ހުރިހާ ގޮޑިއެއް ވެސް،. ކުޅުދުއްފުށީގެ ހުރިހާ ގޮޑިއެއްވެސް، ފުވައްމުލަކު ހުރިހާ ގޮޑިއެއްވެސް، ތިނަދޫ ހުރިހާ ގޮޑިއެއްވެސް، ހިންނަވަރާއި ނައިފަރުގެ ހުރިހާ ގޮޑިއެއްވެސް، ދުވާފަރާއި ފުޅަދޫ ހުރިހާ ގޮޑިއެއްވެސް. މިގޮތަށް ކިޔާނެކަމެއްނެތް އާބާދީ ބޮޑު 27  ވަރަކަށް ރަށް އޮންނާނެ.  އެހުރިހާ ރަށެއްގެ މެޖޯރިޓީ ގޮޑި، އެހެންބަޔަކަށް ކުޑަވެސް ޖާގައެއް ނުދީ ކާމިޔާބުކުރާނެ ކަމަށް ޝައްކެއްތް ނެތް މިންވަރަށް، ޔަޤީން ކުރަން" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޖަޒިރާ މެނިފެސްޓޯ އަކީ ރާއްޖޭގެ ކުދި ރަށްތަކަށް އެންމެ ބަލައި ގަނެވޭނެ މެނިފެސްޓޯކަމަށެވެ. 

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ކެމްޕޭންކުރުމަށް ޕީޕީއެމްއަށް ނުލިބޭ ފުރުޞަތެއް، އެމަނިކުފާނަށް ލިބިވަޑައިގެންނެވިޔަސް ބޭނުންފުޅު ނުކުރައްވާނެކަމަށެވެ. 

ރަށްރަށަށް ދެވެން އޮތީ ކަރަންޓީނުވާ ގޮތަށް ކަމަށާއި ރަށަކަށް ގޮސް  ކަރަންޓީން ވެއްޖިއްޔާ އެސަރަޙައްދުގައި ކެމްޕޭނު ކުރެވޭނެކަމަށް ވިދާޅުވިއެވެ. ގައިޑްލައިނާ އެއްގޮތަށް ކެމްޕޭނު ކުރެވޭނެ ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކަރަންޓީންވާން ޖެހިލުން ނުވުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އެނޫން ގޮތަކަށް އެމަނިކުފާނަށް އިރުޝާދެއްވެސް، ލަފައެއް ވެސް ނުދެއްވޭނެކަމަށް ވިދާޅުވިއެވެ. އަދި ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުޞަތު ލިބޭނެކަމަށް ޔަޤީން ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.