މިހާތަނަށް އެއްވެސް ސަރުކާރަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގައިފައި ނުވާހާ ގިނަ މަޝްރޫއު މިސަރުކާރުން ވަނީ ހިންގާފައި: ރައީސް ނަޝީދު

މިހާތަނަށް އެއްވެސް ސަރުކާރަކުން ދެއަހަރު ދުވަހުގެ ތެރޭގައި ހިންގައިފައި ނުވާހާ ގިނަ މަސްރޫއު މިސަރުކާރުން ހިންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ލޯކަލް ކައުސިލް އިންތިޙާބާ ގުޅޭ ގޮތުން އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް ނަޝީދު ވިދާޅުވީ 221.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި 17174  މީހުންނަށް ދެވިފައިވާ ކަމަށެވެ. އަންއެމްޕްލޯއިމަންޓް ބެނެފިޓެއް ދޭނެކަމަށް  އެޖެންޑާ 19 ގައި ފާހަގަކުރަމުން އައިކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

ލޯނު މޮރިޓޯރިއަމްގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ޑިސެމްބަރު 20 އާ ހަމައަށް ފަސްކޮށް ދެވިފައިވާ ކަން ފާހަގަ ކުރެއްވިއެވެ.  55.2 މިލިއަން ރުފިޔާގެ ލޯނު ކުދި ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. 222 ޑައިވަރުންނަށް 33.1 މިލިއަން ރުފިޔާ ދީނިންމައިފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި 4759 ދަރިވަރުންގެ ލޯނު ދިގު ދަންމައިލައިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީން ކައުންސިލް އިންތިޚާބަށް ވާދަކުރަން ނުކުންނަ އިރު 998.56 މިލިއަން ރުފިޔާ 10843 ފުރަންޓްލައިން ވާކަރުންނަށް ދެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. ކަރަންޓް ބިލަށް ދެވިފައިވާ ސަބްސިޑީ ނުވަތަ މާފު ކުރެވިފައިވާ  މިންވަރު ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ 48.1 މިލިއަން ރުފިޔާގެ ސަބްސިޑީ  98722 ގެއަށް  ދެވިފައިވާކަމަށެވެ. ފެނަށް ދެވިފައިވާ ސަބްސިޑީގެ ގޮތުގައި  10.2 މިލިއަން ރުފިޔާ 46392 ގެއަށް ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.  413 މީހުންނަށް  ބޯހިޔާވަހިކަން ހިލޭ ފޯރުކޮށްދިނުމަށް، އަށްލައްކަ 91 ހާސް ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޯވިޑަށް ޚާއްޞަކޮށް  426 އެނދު ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. ހަ ހާސް މީހުން ކޮވިޑަށް ޓެސްޓް ކުރެވޭނެ ކެޕޭސިޓީވެސް ސަރުކާރުން އުފައްދައިފައިވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

"މިދިވެހި ރާއްޖެއަކީ އެނގިވަޑައިގަންނަވާނެ، ކޮވިޑްގެ މަސައްކަތް، އެންމެ ހަރުދަނާކޮށް  ބަލަހައްޓަމުން އައި އެއް ޤައުމު. އިރާދަކުރެއްވިއްޔާ މާދަމާ ފެށޭ ވެކްސިން ޕްރޮގްރާމާއެކުގައި، އަޅުގަނޑުމެން ތިބޭނީ މިރޯގާއިން އަރައިގަނެފައި. އަޅުގަނޑު ދެކޭގޮތުގައި މިއިންތިޚާބަށް ދާއިރު އަޅުގަނޑުމެން ތިބޭނީ މާބޮޑަށް  ހެވިފައި މާއުފާފަގަތިކަމުގައި. ހަމައެކަނި ދިވެހި ރައްޔިތުންގެ ޑިމެޮކްރެޓިކް ޕާޓީން މިއިންތިހާބު ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރާނެތީއެއް ނޫން. އެއީ ޝައްކެއް ނެތް ކަމެއް. އަޅުގަނޑުމެން މި އިންތިހާބު ވަރަށް ބޮޑުތަނުން ކާމިޔާބު ކުރާނަން. އެހެންނަމަވެސް ރާއްޖޭގެ  ރައްޔިތުންނަށް ސަމާލަތްތެރިކަމާއެކީގައި މި ރޯގާގެ މުސީބާތުން އަރައިގަނެވި އާއްމު ދިރިއުޅުމަކަށް އަޅުގަނޑުމެން ދާކަމީ އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެނަށް ލިބޭ ފަޚުރެއް. އަޅުގަނޑުމެންނަށް ލިބޭ އުފަލެއް " ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.