މާލޭއާއި އައްޑުއާއި ކުޅުދުއްފުށީގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ

މާލޭއާއި އައްޑުއާއި ކުޅުދުއްފުށީގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވާގޮތުގައި މާއްދަމާ ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައެވެ. މިސަރަޙައްދުތަކުގެ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށާ،  ބޭނުންވާ  މިންވަރަށް ވެކްސިން ޑޯޒުތައްވެސް މިސަރަޙައްދުތަކަށް ފޮނުވާފައިވާކަމަށް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މިމަހުގެ 26ވަނަ ދުވަހުއެވެ. މިހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓް ޔޫސް އިމަޖެންސީ ސިޓުއޭޝަން"ގައި ބޭނުންކުރުމަށްކަމަށް  އެމްއެފްޑީއޭއިން ވިދާޅުވެއެވެ. މި ހުއްދަ ދީފައި މިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާ ކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަޜާގެ މަތިންކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ.  އިންޑިއާއިން ރާއްޖެއަށް ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކުރާނެކަމަށް ރަސްމީކޮށް އޮތީ އިއުލާން ކޮށްފައެވެ. އެދުވަހު ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އަމާޒަކީ އެންމެހައި ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19އިން ރާއްކާތެރިވުމަށްދޭ ވެކްސިން ހިލޭ ދިނުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ގެނައީ ފުރަތަމަ ޝިޕްމަންޓުގެ ވެކްސިންކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި މިމަހުގެ 25ވަނަ ދުވަހާ ހަމައަށް  19666 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވަނީ ހާމަކުރައްވާފައެވެ. ކޯވިޑް-19ގެ ވެކްސިނަށް ރަޖީސްޓްރީ ކުރުމަށް ހުޅުވައިލީ މިމަހުގެ 18ވަނަ ދުވަހުއެވެ. މިމަހުގެ 17ވަނަ ދުވަހުގެރޭ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ވެކްސިން ޖެހުމުގެ އެންމެފަހުގެ ތައްޔާތީތައް ރާއްޖޭގައި މިހާރު ދަނީ ކުރިއަށްކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވިގޮތުގައި ވެކްސިނަށް ރަޖީސްޓްރީ ކުރާނީ، މިހާރު ހުޅުވާލާފައިވާ ޚާއްސަ ޕޯޓަލް މެދުިވެރިކޮށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ ސިއްޙީ ދާއިރާގައި ޚިދުމަތް ދޭ މީހުންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނަށެވެ. ކޯވިޑް-19ގެ ވެކްސިނަށް ރަޖިސްޓްރީ ކުރުމަށް ޚާއްސަކޮށްފައިވާ ޕޯޓަލްއަކީ my.health.mv އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.