ޢަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބޭއްވި އެޕާޓީގެ "ރިޔާސީ" އިންތިޚާބު ކާމިޔާބުކުރައްވައި މިހާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ 3ވަނަ ދައުރަކަށް ޢަދާލަތު ޕާޓީގެ ރައީސްކަަމަށް އިންތިޚާބު ވެވަޑައިގެންފިއެވެ.
ވާދަވެރިކަމެއް ނެތި އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އިމްރާނާއި އޭނާގެ ރަނިންމޭޓް އަޙްމަދު ޝަރީފަށް 921 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މިއީ ވޯޓު ލީމީހުންގެ ނިސްބަތުން %84.65 ވޯޓެވެ. މި އިންތިޚާބުގައި ދެން ވާދަކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. ޑރ.ޒާހިރާއި އޭނާގެ ރަނިންގ މޭޓް އަޙްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. މިއީ އެންމެ %15.35 ވޯޓެވެ.
މިއިންތިޚާބު ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ. މިހެން ކުރިއަށް ގެންދިޔައިރުވެސް ވޯޓުލުމަށް ލިބުނު ތަރުޙީބު ވަރަށް ކުޑައެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 6866 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވެފައިވަނީ އެންމެ %23.88 މީހުންނެވެ. މިއީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފޯރިކުޑަ އަދި ވޯޓުލީ މީހުންގެ އެންމެ ތަރުޙީބު ކުޑަ އިންތިޚާބުކަމުގައި ދެންނެވިދާނެއެވެ.
ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި 3 ވަނަ އަށް އުފެދުނު ސިޔާސީ ޕާޓީއެވެ. އެޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާގޮތުން ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ. މިއީ ޢަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އެޕާޓީން ބުނާ ޢަދަދަށްވުރެ މަދު ޢަދަދެކެވެ.