ކޯވިޑް ކޭސްތައްް އިތުރުވާތީ އޭޑީކޭއިން ވެސް ޚިދުމަތްތަކަށް ބަދަލު ގެނެސްފި 

ކޯވިޑް ކޭސްތައްް އިތުރުވާތީ އޭޑީކޭއިން ވެސް ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. 

އޭޑީކޭއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، އެބަލިމަޑުކަން ފެތުރުމުންދާ ނިސްބަތަށް ބަލައި ތަފާތު ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. ކޯވިޑް ފެތުރެމުންދާ މިންވަރު އިތުރުވަމުންދިއުމާއި އެހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާ ގުޅިގެން ހޮސްޕިޓަލުންދޭ ހިދުމަތްތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އޭޑީކޭއިން ދެމުންދާ ޚިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިނަށް ބަދަލުކުރުން ހިމެނެއެވެ. އަދި  އިލެކްޓިވް ސާޖަރީތައް މިވަގުތު މެދުކަނޑާލުމާއި، ބަލިމީހުން އެޑްމިޓްކުރުން މިވަގުތު މެދުކަނޑާލުން ހިމެނެއެވެ. މީގެއިތުރުން އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން ހުއްޓާލުން ވެސް ހިމެނެއެވެ.

ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ ހިދުމަތްތަކަށް ބަދަލު ގެނައި ނަމަވެސް އިމަޖެންސީ ހިދުމަތްތަކާއި، އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށްދާނެ ކަމަށް އޭޑީކޭގެ ބަޔާނުގައި ވެއެވެ. 

ކޯވިޑް 19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށް އޭޑީކޭއިން ވަނީ ފާހަގަ ކުރައްވައިފައެވެ. ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވެސް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ޙާލަތެއްގައި ވެސް އެކަނީ ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެން ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.  ހޮސްޕިޓަލަށް ކޮންމެ ހެން ދާންޖެހޭ ހާލަތުގައިވެސް މާސްކުއެޅުމާއި ސެނިޓައިޒް ކުރުންފަދަ ރައްކާތެރިކަމުގެ ފުޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.