ރާއްޖެއަށް މިހާރު ގެނެސް އެމެޖެންސީ ޙާލަތުގައި ޖެހުމުގެ ހުއްދަވެސް ދީފައިވާ ކޯވިޑް-19ގެ ވެކްސިނާ ބެހޭގޮތުން އިދިކޮޅު ޕީޕީއެމްއިން ކިޔަމުންދާ ފާޑުކިއުންތަކަށް، ސަރުކާރުގެ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ތަފާތު ރައްދެއް ދެއްވައިފިއެވެ.
ޕީޕީއެމް އުފެއްދި ބާނީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ ދަރިކަނބަލުން، އަދި ޕީޕީއެމް އުފެއްދެވުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ޔުމްނާ ވަނީ މަޖާޒީ ގޮތެއްގައި ޕީޕީއެމްއަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ވެކްސިނާ ގުޅޭގޮތުން ޕީޕީއެމްގެ އިސް ބައެއް ވެރިން ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ނޫހެއްގައި ޝާޢިއުކޮށްފައިވާ ލިޔުމެއް ޝެއަރކުރައްވައި ޔުމްނާ ވިދާޅުވީ "ޕީޕީއެމްގެ ސައިންސިސްޓުންގެ ޓީމުން ޕީޕީއެމްގެ ލެބްގައި ވެކްސިންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭހަ ވީސް ނޫންތޯ؟" އެވެ.
ޕީީ.ޕީ.އެމް ގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމް ގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭަހަ ވީސް ނޫންތޯ؟ https://t.co/itk34zfnpI
— Yumna Maumoon (@yumna_maumoon) January 30, 2021
ޔުމްނާގެ މިޓްވީޓާ ގުޅިގެން ޕީޕީއެމްއަށް ތާޢީދުކުރާ ބައެއް މީހުންނާއި އެޕާޓީގެ އެކްޓިވިސްޓުންވަނީ ޔުމްނާއަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. މިއީ ވަޒީރެއްގެ ގޮތުގައި އިންނަވައިގެން ޔުންނާ ކުރެއްވި ވަރަށް ދަށް ފެންވަރުގެ ޢަމަލެއްގެގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެއެވެ. އެހެންނަމަވެސް އަނެއްބަޔަކު ވަނީ ޔުމްނާއަށް ތާޢީދުކޮށް ޝުޢޫރު ފާޅުކޮށްފައެވެ.
ގިނަބަޔަކު ދެކޭގޮތުގައި ކޮވިޑް-19ގެ މިޙާލަތުން އަރައިގަތުމަށް ކުރާ ކަންކަމަކީ ސިޔާސީ ކުރަންވާނެ ކަންކަމެއް ނޫނެވެ. ޚާއްސަކޮށް ވެކްސިންފަދަ ކަމެއްގައި ހަޤީޤަތާ ޚިލާފު ވާހަތައް ދައްކައި ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފެއްދުމަކީ ސިޔާސީ މަޤުސަދެއްގައިވިޔަސް ކޮސްގެންވާނެކަމެއް ނޫނެވެ.
"ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅުގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިން (އެސް.އައި.އައި) އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމަކެވެ. މިއީ ރައްކާތެރި ވެކްސިނެއްކަން ޔަޤީންކުރުމަށްފަހު ރާއްޖޭގެ ފުޑް އެންޑް ޑްރަގު އޮތޯރިޓީންވަނީ މިހާރު މިވެކްސިން އެމެޖެންސީ ޙާލަތުގައި ޖެހުމުގެ ހުއްދަވެސް ދީފައެވެ.