ސައޫދީ ވެރިރަށް ރިޔާޟު ތަރައްގީކުރުމަށް 10 އަހަރުގެ ތެރޭގައި 220 ބިލިއަން ޑޮލަރު ހޭދަކުރަނީ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟު

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟު 2030 ވަނަ އަހަރު އަންނަވާ އިރަށް ބައިނަލް އަގުވާމީ ރަަށަކަށް ތަރައްފީކުރުމަށް 220 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ސައޫދީ ސަރުކާރުން ނިންމަައިފިއެެެވެ. އަދި ސަރުކާރުން އުއްމީދުކުރަނީ އަމިއްލަ ވިޔަފާރިތަކުންވެސް އެވަރުގެ އަދަދެއް ރިޔާޟު ތަރައްގީކުރުމަށް އިންވެސްޓުުކުރާނެ ކަމުގައެވެ.

މިކަން ހާމަކުރައްވާފައި ވަނީ ރޮޔަަލް ކޮމިޝަން އޮން ރިޔާޟްގެ ރައީސު ފަހްދު އައްރަޝީދުއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ މިހާރު ދުނިޔޭގެ 40 ވަނައަށް އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ރިޔާޟު ދިހަ އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު 10 ރަށުގެ ތެރޭގައި ހިމެނޭ ވަރަށް ތަރައްގީކުރުމަށް ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާން އާލްސުޢޫދު ތައްޔާރުކުރައްވާފައިވާ މަޝްރޫއެކެވެ.

އައްރަޝީދު ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރިޔާޟުގައި އިންވެސްޓުކުރުމުގެ 100 މަޝްރޫއެއް އިއުލާންކުރާނެއެވެ. މި މަޝްރޫއުތަކުގައި އިސްކަން ދީފައި ވާނީ މާލީ އަދި ބޭންކުގެ ދާއިރާއާއި، އުފެއްދުންތެރިކަމާއި، ލޮޖިސްޓްކް ޚިދުމަތާއި، ބަޔޯޓެކްނޮލޮޖީއާއި، ޑިޖިޓަލް އިގްތިސާދަށެވެ.

"ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އާއި ނޭޝަނަލް ޑިވެލޮޕްމަންޓް އަދި ރޮޔަލް ކޮމިޝަން ފޯ ރިޔާޟު މެދުވެރިކޮށް ސަރުކާރުން މިދަނީ 220 ބިލިއަން ޑޮލަރު އިންވެސްޓުކުރަމުން." އައްރަޝީދު ވިދާޅުވިއެވެ.

8 މިލިއަން މީހުން ދިރިއުޅޭ ރިޔާޟުން އެންމެ ގިނައިން ފެންނަނީ ފުޅާ މަގުތަކަކާއި ކޮންކްރީޓް އިމާރާތްތަކެެވެ. އެެހެންކަމުން، ދިރިއުޅެން ފަހި ވެށްޓެއް އޮތް ތަނަަކަށް ރިޔާޟު ހެދުމަށް ރޮޔަލް ކޮމިޝަނުން މިހާރުވެސް ދަނީ ރަށް ފެހިކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ.

"އިތުރު 7 މިލިއަން މީހުންގެ ދިރިއުޅުން ރިޔާޟަށް ބަދަލުކުރާނަަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކަށް 200 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ. އެ އަދަދަށް މީހުން ވަޒަންވެރިކުރުމަށް އަމިއްލަ ވިޔަފާރިތަކުން އެ އަދަދަށް އިންވެސްޓުކުރަން ޖެހޭނެ. ސަރުކާރުން މިވަނީ ފުރަަތަމަ އިސްނަގައި ފައިސާ އިންވެސްޓުކޮށްފަ." ރޮޔަލް ކޮމިޝަން ފޯ ރިޔާޟުގެ ވެރިޔާ ވިދާޅުވިއެވެ.

ސައޫދީ އަރަބިއްޔާގެ ސޮވެރިން ފަންޑު ކަމުގައިވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ވަނީ އާ ދާއިރާތަކަށް އިންވެސްޓުކުރުމަށް ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި 800 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ނިންމާފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.