ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާ ބިނާ ކުރެއްވީ ހަގީގީ ބާއްޖަވެރިކަމުގެ މައްޗަށެވެ.
ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަންކަމަށް ދަލީލުކޮށްދޭ މާތްﷲގެ ވަހީބަސްފުޅުތާކާއި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ބަސްފުޅުތައް ވެސް ހުތުބާގައި ވަނީ ހާމަކުރައްވައިފައެވެ.
ދުނިޔޭގައި ކޮންމެ މީހަކުވެ އެންމެ ބޮޑަށް މަސައްކަތްކުރަނީ އުފާވެރި، ބާއްޖަވެރި، ދިރިއުޅުމެއް ހޯދުމަށް ކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއްކަމުގައި ވީނަމަ، އެކަން ކުރާނެކަން ކަށަވަރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބާއްޖަވެރިކަމަކީ ކޮބައިކަން ދެނެގަންނާނީ ކިހިނެއްތޯ ސުވާލު އުފައްދަމުން ހުތުބާގައި ވިދާޅުވީ ބާއްޖަވެރިކަން މާނަކުރުމުގައިވެސް މީހުންގެ ވިސްނުން ތަފާތުކަމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން ކަމަށް ފާހަގަކުރެއްވިއެވެ. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއްހާސިލުވުމެވެ. ނުވަތަ މަތީ މަގާމަކާ ހަމައަށް ވާސިލުވުމާއި އެކި ރޮނގުރޮނގުން ކާމިޔާބީތައް ހަސިލުވުންކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބާއްޖަވެރިކަމަކީ ހަމައެކަނި އެކަންކަންތޯ ސުވާލު އުފައްދަވަމުން އޭގެ ޖަވާބު ވެސް ހުތުބާގައި ދެއްވިއެވެ.
ދުނިޔެ މަތީގައި ކިތަންމެ ބޮޑު ބާރަކާއި މުއްސަނދިކަމެއް ލިބުނަސް، ﷲ އަށް އީމާން ނުވާނަމަ، އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫންކަމަށް ފިރުއައުނާއި ގާރޫނުގެ ވާހަކައިން ހުތުބާގައި މިސާލު ދެއްކެވިއެވެ.
ހަގީގީ ބާއްޖަވެރިކަމަކީ، އަޅާ ﷲ އަށް އީމާންވެ، ﷲ ސުބުޙާނަހޫ ވަތޢާލާ އެންގެވި ގޮތް އިހުތިޔާރުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި، އުފާވެރިކަމުގެ ޝުޢޫރެއްކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ. އެއީ އެއްގޮތަކަށް ވެސް މާއްދީ ގޮތުން ހާސިލުކުރެވޭނެ އެއްޗެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. މިކަމާގުޅޭ ގޮތުން މާތްﷲ ވަހީ ކުރެއްވި އާޔަތެއްގެ މާނައިގައިވާކަމަށް ހުތުބާގައި ވިދާޅުވީ "މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ސޯލިހު އަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ." މިއާޔަތުން އެނގޭ ގޮތުގައި ދެކަމެއް ފުރިހަމަކުރައްވައިފި މީހަކަށް، އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ދެއްވުމަށް ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފައިކަން ހުތުބާގައި ފާހަގަ ކުރެއްވިއެވެ.
ﷲ ސުބުޙާނަހޫވަތަޢާލާމެދު އަޅާގެ ހިތުގައި އޮންނަ ޔަގީންކަމާއި ބަރޯސާއަކީ، އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއްކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. މިޔަގީންކަން ލިބޭނީ ހަމައެކަނި އީމާންކަމުންކަމަށް ވިދާޅުވިއެވެ. މި ޔަގީންކަން ލިބުމުން އިންސާނާއަށް އޭނާގެ ނަފުސާމެދު ޔަގީންކަން އުފެދި، ޙަޔާތުގައި ދިމާވާ އެކިއެކި ކަންކަމާމެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ކަމެއް މިލްކުވެ ބޮޑިގެން ވަނީ ﷲ ސުބުޙާނަހޫވަތަޢާލާއަށް ކަން ގަބޫލުކުރާނެކަމަށް ވިދާޅުވިއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ ﷲގެ މަގުގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ ސަބަބުން ބުނަންވެސް ނޭނގޭހާ ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސްކުރެވޭނެ ކަމަށެވެ.
"އެހެނީ ﷲ ތަޢާލާއާ ތިބާއާ ދެމެދު އެޤާއިމުކުރެވުނީ މަތިވެރި މުޤައްދަސް ގުޅުމެކެވެ. ތިބާގެ އަމާޒަކީ، އަދި ޙަޔާތުގެ މަޤްޞަދަކީ ވެސް، ﷲ ތަޢާލާގެ ރުއްސެވުން ލިބިގަތުން ކަމުގައި ވާތީއެވެ. ތިބާއަށް އެއަމާޒަށް ވާސިލުވެވިއްޖެނަމަ ތިބާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނީއެވެ. އެއުފަލާއި ހިތްހަމަޖެހުމަކީ މަގާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނެ އެއްޗެއް ނޫނެވެ" ހުތުބާގައި ވިދާޅުވިއެވެ.
މާތް ﷲ އެންމެ ބޮޑަށް ލޯބިވޮޑިގަންނަވާ އަޅުކަމަކީ ނަމާދުކަން ފާހަގަ ކުރައްވައި ނަމާދަށް ރައްކާތެރި ނުުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިއަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުންތޯ ސުވާލު އުފައްދަވައި ހުތުބާގައި ވިދާޅުވީ، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ، ހިތްނުތަނަވަސްވެވަޑައިގެންނެވި ކޮންމެ ފަހަރަކު ބިލާލުގެ ފާނަށް ދަންނަވާ ބަސްފުޅެއްގެ މާނައިގައިވާކަކަމަށެވެ. "އޭ ބިލާލެވެ! ނަމާދަށް ގޮވާލާށެވެ! ނަމާދުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސް ދޭށެވެ"
ބާއްޖަވެރިކަމުގެ އަސާސްތައް ދޫކޮށްފައި، ބާއްޖަވެރިކަން ހޯދަން އުޅުމަކީ، ކުރެވޭ މޮޔަކަމެއްކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. ހަގީގީ ބާއްޖަވެރިކަން އޭގެ މައްޗަށް ބިނާވެގެންވާ ދެ އަސާސްކަމުގައިވާ އީމާންކަމާއި ކިޔަމަންތެރިކަމުގައި ހިފައިގެން ކުރިއަށް ދިއުމަށް ހުތުބާގައި ވަސިއްޔަތްކޮށް ނަސޭހަތް ތެރިވެ ވަޑައިގެންނެވިއެވެ.