ދުނިޔޭގެ އެއާލައިންތަކުގައި މަސައްކަތްކުރަމުން ދިޔަ ޕައިލެޓުންގެ ދެބައިކުޅަ އެއްބައި މިހާރު މަސައްކަތެއް ނެތިފައި ތިބި ކަމަށާ، މަސައްކަތަށް ނުކުންނަ ޕައިލެޓުންނާ މެދުވެސް އަޅާލުން ކުޑަކަމަށް ސާވޭއަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ގޫޒް ރެކްރޫޓްމަންޓާއި ވައިގެ ދަތުރުފަތުރުތަކާ ބެހޭ މަޖައްލާ ފްލައިޓް ގްލޯބަލް ގުޅިގެން 2600 ޕައިލެޓުންގެ މެދުގައި ކުރި ސާވޭގެ ނަތީޖާ އިއްޔެ ހާމަކޮށްފައި ވާއިރު، އެ ސާވޭއިން ދައްކާގޮތުގައި ވަޒީފާގައި ތިބި ޕައިލެޓުންގެ ތެރެއިން މަސައްކަތަށް ނުކުންނަނީ %43 އެވެ. %30 ޕައިލެޓުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. %17 ޕައިލެޓުންނަށް ވަގުތީ ގޮތުން މަސައްކަތަށް ނުނިކުންނަން އަންގާފައި ވާއިރު، %10 ޕައިލެޓުން ކުރަނީ އެމީހުންގެ ވަޒީފާއާ ނުގުޅޭ މަސައްކަތެވެ.
މިހާރު އުދުހެމުންދާ ގިނަ ޕައިލެޓުންނަށް ވެސް ވަނީ ކުރިއަށްވުރެ ފެންވަރު ދަށް މަސައްކަތުގެ މާހައުލެއްގައި މަސައްކަތްކުރަން ޖެހިފައެވެ. މިސާލަަކަށް، ހޮންކޮންގުގެ ކެތޭ ޕެސިފިކް އެއާވޭޒްއިސް ޕައިލެޓުންގެ މުސާރައިން %58 ދާއިމީކޮށް އުނިކޮށްފައި ވާއިރު، ޓާކިސް އެއާލައިންސާއި ސިންގަޕޫރް އެއާލައިންސުން ވަނީ ވަގުތީ ގޮތުން މުސާރަ ކުޑަކޮށްފައެވެ.
"ވަޒީފާގައި ތިބި ޕައިލެޓުންނަށްވެެސް ވަބާގެ ނޭދެވޭ އަސަރުކޮށްފައިވާ މިންވަރު އަހަރުމެންނަށް ފެނިގެން މިދަނީ." ގޫޒް ރެކްރޫޓްމަންޓްގެ ބާނީ އަދި ސީއީއޯ މާކް ޗާމަން ވިދާޅުވެފައި ވެއެވެ.
"ގިނަ ބަޔަކަށް އެމީހުން ވަޒީފާ ދެމިއޮންނާނެކަމުގެ އިހުސާސެއް ނުކުރެވޭ. މިއަަހަރު އެހެން ވަޒީފާއަކަށް ބަދަލުވުމާ މެދު ވިސްނާ ޕައިލެޓުން ދަނީ އިތުރުވަމުން. އަދި ގިނަ ބަޔަކު ދެކެނީ އެމީހުން ވަޒީފާއަދާކުރާ ތަންތަނުގެ (އެއާލައިންތަކުގެ) ކުރިމަތީގައި އެމީހުންގެ ވަޒީފާގެ އަގެއް މިހާރު ނެތް ކަމަށް." އޭނާ ވިދާޅުވިއެވެ.
ވަޒީފާ ގެއްލުނު ޕައިލެޓުންގެ %84 ބުނެފައި ވަނީ އެމީހުންގެ ވަޒީފާ ގެއްލުނީ ކޮވިޑް-19 ވަބާގެ ސަބަބުން ކަމުގައެވެ.
ކޮވިޑް-19 ދުނިޔެއަށް ފެތުރުމުގެ ކުރިން ޕައިލެޓުންނަށް ބޭނުން ބޮޑުވެ، ބޭނުންވާ ވަރަށް ޕައިލެޓުން އޮތީ ނުލިބިފައެވެ. އަދި އެއާލައިންތަކުން ދިޔައީ ބޮޑު މުސާރައާއި ދިރިއުޅުމުގެ މަތީ ފެންވަރުގެ އިނާޔަތްތައް ހުށަހަޅަމުންނެވެ.