ސިންގަޕޫރުގެ ދެ މިސްކިތެއްގައި ގިނަ ބަަޔަކު މަރަން ރޭވި ޒުވާން ކުއްޖަކު ހައްޔަރުކޮށްފި

ހަމަލާގަައި ބޭނުންކުރުމަށް ގަނެފައިވާ ތަކެތި

ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތެއްގައި ގިނަ ބަަޔަކު މަރާލި ޓެރަރިސްޓު ހަމަލާއަށް 2 އަހަރު ފުރޭ ދުވަސް، މާރިޗު މަހުގެ 15 ވަނަ ދުވަހު ސިންގަޕޫރުގެ ދެ މިސްކިތަކަށް ހަަމަލީ ގިނަ މުސްލިމުންތަކެއް މަރާލަން "ތަފްސީލީ ރޭވުންތައް ރާވައި، ތައްޔާރުވަމުން ދިޔަ" އުމުރުން 16 އަހަރުގެ ޒުވާންކުއްޖަކު ހައްޔަރުކޮށްފިއެވެ.

ސިންގަޕޫރުގެ އިންޓާނަލް ސެކިއުރިޓީ ޑިޕާޓްމަންޓް (އައިއެސްޑީ) އިން މިިއަދު ބުނި ގޮތުގައި އިންޑިޔާ ދަރިކޮޅުގެ ސިންގަޕޫރު ރައްޔިތެއް ކަމުގައިވާ އެ ކުއްޖާއަކީ ނަސާރާއިންގް ޕްރޮޓެސްޓެންޓް މަޒުހަބަށް ތަބާވާ ކިޔަވާ ކުއްޖެކެވެ. ކަނާތުފިޔައިގެ ހައްދު ފަހަަނައަޅާފައިވާ ފިކުރުގެ އެ ކުއްޖާއަކީ ސިންގަޕޫރުގެ ދާޚިލީ ސަލާމަތާ ބެހޭ ގާނޫނު، އިންޓާނަލް ސެެކިއުރިޓީ އެކްޓް (އައިއެސްގޭ) ގެ ދަށުން ހައްޔަރުކުރެވުނު އެންމެ ޒުވާން މީހާއެވެ.

އައިއެސްޑީން ބުނި ގޮތުގައި ސާނަވީ ތައުލީމު ހާސިލުކުރަމުންދާ އެ ދަރިވަރު ރާވާފައިވަނީ ސިންގަޕޫރުގެ ސެންބަވަންގް އަވަށުގައި ހުންނަ އައްޝަފާޢާ މިސްކިތަށާއި، ވުޑްލޭންޑްސްގައި ހުންނަ ޔޫސުފު އިސްޙާޤު މިސްކިތަށް ޖަންބިޔާއެއް ބޭނުންކޮށްގެން ހަމަލާދީ ގިނަ މުސްލިމުންތަކެއް މަރާލުމަށެވެ

ޒުވާނާ ހަމަލާދޭން ރާވަމުންދިޔަ ދެ މިސްކިތް

ސިންގަޕޫރުގެ ހޯމް މިިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދަރިވަރުގެ ރޭވުންތަކާއި ތައްޔާރީތަކަށް ބެލުމުން އޭނާއަކީ ނިއުޒީލޭންޑްގައި ޓެރަރިސްޓ ހަމަލާދިން ޓެރަންޓްގެ އަމަލުތަކާއި މެނިފެސްޓޯގެ އަސަރުކޮށް "އަމިއްލައަށް ހަރުކަށި ޚިޔާލަަށް އެނބުރިފައިވާ" ކުއްޖެއްކަން އެނގެއެވެ.

ރާވާފައިވާ ގޮތަށް ދެ ހަމަލާ ދިނުމަށް ފަހު ބެހުމަށް އޭނާ ދެ ކަރުދާހެއް ވެސް ތައްޔާރުކޮށްފައި އޮތެވެ. އެއް ކަރުދާހުގައި ފްރާންސުގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާތަކުގެ ވާހަކަ ދައްކާފައި ވާއިރު، އަނެއް ކަރުދާހުގައި ވަނީ ޓެރަންޓަކީ ނަސާރާ ދީނުގެ މުޤައްދަސް މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުުކުރުމުން އޭނާ ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ ނިންމައިގެން ހުރީ މިސްކިތްތަކަށް ދޭ ހަމަލާތަކަށް ފަހު އޭނާ މަރާލެވޭނެއެެވެ. އަދި އޭނާއަށް އެކަމަށް ހިތްވަރު ލިބުނީ އިސްލާމްދީނަށް ކުރާ ނަފުރަތާއި، ހަރުކަށި އަމަލުތަކަށް ކުރާ ލޯތްބެއްގެ ސަބަބުންނެވެ.

ސިންގަޕޫރުގެ 5.7 މިލިއަން މީހުން އާބާދީއަކީ ޗައިނާ، މެލޭ އަދި އިންޑިޔާ ދަރިކޮޅުގެ މީހުން އެކުލެވޭ މަސްހުނި އާބާދީއެކެެވެ. އަދި އެގައުމުގައި 1.5 މިލިއަން ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. އެ ގައުގައި ބުޑިސްޓުންނާއި، ހިންދޫންނާއި، ނަސާރާއިންނާއި، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.