އިދިކޮޅު ކޯލިޝަނުގެ ބޮޑު މުޒާހަރާއެއް ހުކުރު ދުވަހު މުޅި ރާއްޖޭގައި

ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު ރަނަގަޅުކުރުމަށާއި އިންސާފު ހޯދައިދިނުމަށް ގޮވާލާއި، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.

އިދިކޮޅު ކޮޅިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު ފަށާފައިވާ ސީދާ ހަރަކާތުގެ ތެރެއިން މުޅިރާއްޖޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ރާވާފައިވާކަމަށެވެ. މަޤުސަދަކީ ރާއްޖޭގައި ގެއްލެމުންދާ ޢަދުލު އިންސާފު ހޯދުމަށާއި ރައްޔިތުންނަށް "ދެމުންދާ އަނިޔާ"އަށް އިންސާފު ހޯދުންކަމަށެވެ. މި މުޒާހަރާގެ މައިގަނޑު ނަމަކީ  "އިންސާފު ކޮބާ"އެވެ.

މިއީ ސުލްހަވެރިކަމާއިއެކު ކުރިއަށްގެންދާ ސިޔާސީ ޙަރަކާތަކަށްވާތީ ކަމާއިބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން އިއްޔެ މިކަން ހާމަކޮށްފައިވަނިކޮށް ރޭ ދަންވަރު އެޗްޕީއޭއިންވަނީ މާލެ ސަރަޙައްދުގައި އެއްވުންތައް ނުބޭއްވޭގޮތަށް ކޮވިޑް-19އާ ގުޅޭ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަލެއް އިތުރުވަމުން ދިއުމާ އެކު އަނެއްކާވެސް މާލެ ސަރަޙައްދުގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާންކޮށް ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރިކަން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވަނީ ރޭ ހާމަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.