ފަލަސްޠީނު ސަރުކާރާ އަލުން ގުޅުން ގާއިމުކޮށް، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީގެ ގޮތުގައި ދެމުން އައި ފައިސާ ދޭން އަލުން ފަށަން އެމެރިކާގެ ރައީސު ޖޯ ބައިޑަންގެ ސަރުކާރުން ނިންމައިިފިއެވެ. މިކަން ހާމަކުރެއްވީ އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި ރިޗަޑް މިލްސްއެވެ. ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާ ސަރުކާރުން ވަނީ ފަލަސްޠީނު ސަރުކާރާ ގުޅުން ކަނޑައި، އެމެރިކާގައި ހުންނަ ފަލަސްޠީނުގެ އޮފީސް ބަންދުކޮށް، ފަލަސްޠީނު ރެފިއުޖީންނަށް ދެމުން އައި ފައިސާގެ އެހީ ދިނުން ހުއްޓާލާފައެވެ.
ފަލަސްޠީނުގެ ރެފިއުޖީންގެ ކަންކަން ބަލަަހައްޓާ އދ. ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ (އަންރުވާ) އަށް އެމެރިކާއިން އަހަރަކު ދެމުން އައި 300 މިލިއަން ޑޮަލަރު ރައީސު ޓްރަމްޕް ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހުއްޓަަވާލައްވާފައެވެ.
"ފަލަސްޠީނު މީހުންގެ އިގުތިސާދީ ތަރައްގީއާއި، އެމީހުންގެ އިންސާނީ ބޭނުންތަކަށް މާލީ އެހީ އަލުން ދޭން ފަށާނެކަމާއި، އެމެރިކާގެ ކުރީގެ ސަރުކާރުން ކަނޑާލާފައިވާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމުކުރުމަށް ފިޔަވަޅު އަޅާނެކަން ރައީސު ބައިޑަން ވަނީ ވަރަށް ސާފުކޮށް ހާމަކުރައްވާފައި." ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުއްގައި ވާހަކަފުޅު ދައްކަވަމުން މިލްސް ވިދާޅުވިއެވެ.
އޭނާ ވަނީ އެމެރިކާގެ އައު ސަރުކާރުން ފަލަސްޠީނު ބިމުގައި މިިނިވަން ދެ ދައުލަތް އޮތުމަށް ތާއީދުކުރާކަން ވެެސް ހާމަކުރައްވާފައެވެ. އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ އައު ސަރުކާރުން ދެކެނީ ދެ ދައުލަތުގެ ހައްލަކީ "ޑިމޮކްރެޓިކް ޔަހޫދީ ދައުލަތެއްގެ ގޮތުގައި އިސްރާއީލު ދެމިއޮތުމުގެ ޔަގީންކަން ލިބުމާއެކު، އަމިއްލަ މިނިވަން ދައުލަތެއް އޮތުމަށް ފަލަސްޠީނު މީހުން ކުރާ އުއްމީދު ހަގީގަތަކަށް ހެދުމަށް އޮތް އެންމެ ރަނގަޅު ގޮތް" ކަމުގައެވެ.
"މި މަގުސަދުތައް ހާސިލުކުރުމަށް ބައިޑަން ސަރުކާރުން، އިސްރާއީލާއެކު ގުޅުން ދެމެހެއްޓުމުގެ އިތުރަށް، އިތުބާރު ހުރި ގޮތެއްގައި ފަލަސްްޠީނު މީހުންނާވެސް ގުޅުން ގާއިމުކުރާނެ..... ފަލަސްޠީނުގެ ވެރިންނާ، ފަލަސްޠީނު އާއްމުންނާ އެކު އަލުން ގާއިމުކުރުން މީގެ ތެރޭގައި ހިމެނޭނެ." މިލްސް އިތުރަށް ވިދާޅުވިއެވެ.
އެމެރިކާގެ އައު ސަރުކާރުން އުއްމީދުކުރަނީ ދެ ދައުލަތުގެ ހައްލަށް ވާސިލުވުމަށްޓަކައި ދެ ފަރާުތުގެ ދެމެދުގައި އިތުބާރު އުފެއްދުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށް ގެންދިއުމަށެވެ.
މި މަގުސަދު ހާސިލުުކުރުމަށްޓަކައި "ދެ ދައުލަތުގެ ހައްލު ދަތިކަމަކަށް ހަދާފަދަ ނިންމުންތައް އެއް ފަރާތުން އަމިއްލައަށް ނިންމުމާ ދުރުހެލިވުމަށް އިސްރާއީލުގެ ސަރުކާރަށާއި، ފަަލަސްޠީނު މީހުންނަށް އެމެރިކާ ސަރުކާރުން ބާރުއަޅާނެ" ކަމަށްވެސް މިލްސް ވިދާޅުވިއެވެ.