ކޮވިޑް-19 : ކާފިއުއާއެކު އަނެއްކާވެސް މާލެ ސަރަޙައްދުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ރާއްޖެއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަލެއް އިތުރުވަމުން ދިއުމާ އެކު އަނެއްކާވެސް މާލެ ސަރަޙައްދުގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާންކޮށް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުމުގައި ވަނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ރެއިން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލަން އަންގަވާކަމަށެވެ. އަދި ޖަނަވަރީ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ކޮންމެ ރެއަކު މެންދަމު 12:00އިން ފެށިގެން ފަތިހު 4:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާކަމެއްގެ ގޮތުގައި މި އެންގެވުމުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން މިރެއިން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާންޖެހުމާއި ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ މީހުން  10 (ދިހައެއް) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެކަމަށްވެސް މި އެންގެވުމުގައި ވެއެވެ.

މި ފިޔަވަޅުތަކުން، އިސްތިސްނާވާ ފަރާތްތަކަކީ ސިފައިންނާއި ފުލުހުނާއި ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރެވެ. އަދި އެމްބިއުލަންސްތަކާއި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތަކާއި ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުންނާއި މިއެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުގައި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައްވެސް އިސްތިސްނާވާނެކަމަށް މި އެންގެވުމުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.