"ޗައިނާއިން ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެ"

ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއް ނުހުއްޓޭނެކަމަށާ، ކަނަޑައެޅިފައިވާގޮތަށް އެފަދަ ހުރިހާކަމެއްވެސް ކުރިއަށްދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ބާއްވާ ބައިލެޓްރަލް ކޮންސަލްޓޭޝަންގެ 7 ވަނަ ބުރުގައި ކުރެވުނު މަޝްވަރާތަކަށްފަހު ފޮރުން މިނިސްޓަރީން ވިދާޅުވެފައިވަނީ މިކަމުގެ ޔަޤީންކަން ޗައިނާއިން ދީފައިވާކަމަށެވެ.

ދެޤައުމުގެ ދެމެދުގައި ބޭއްވި ބައިލެޓްރަލް ކޮންސަލްޓޭޝަންގެ 7 ވަނަ ބުރުގައި ރާއްޖެއިން ބައިވެރިވި ވަފުދުގެ އިސް ބޭފުޅަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލެވެ.  ޗައިނާ ވަފުދުގެ އިސް ބޭފުޅަކީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ޙަލީލު ވަނީ ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚާއްސަކޮށް ކޮވިޑް-19ގެ ޙާލަތުގައި ރާއްޖެއިން ކުރަމުންދާ ރައްކާތެރިކަމުގެ މަސައްކަތުގައި  ޗައިނާއިންދެމުންދާ އެހީތެރިކަމާއި  އެއްބާރުލުން ޚަލީލް ފާހަގަކުރެއްވިއެވެ. އަދި  ރާއްޖޭގެ ފަތުރުވެރިކަމުގައި  ޗައިނާގެ ދައުރު އޭނާ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ލޫ ޝައުހުއީ ވަނީ ރާއްޖެއާމެދު ޗައިނާއިން އަބަދުވެސް ދެކެނީ ޗައިނާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރުރަށް ބަދަހިވެގެންދާނެކަމަށާއި، މިވަގުތު ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތައްވެސް ކަނޑައެޅިފައިވާގޮތަށް ކުރިއަށް ދާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އެންމެފަހުން މިފަދަ ބައްދަލުވުމެއް ބާއްވާފައިވަނީ 2017ވަނަ އަހަރުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.