ހުކުރު ޚުތުބާގެ ތަޞައްވުރުގައި ރާއްޖޭގެ ކުށުގެ ވެށި

ހުކުރު ޚުތުބާއަކީ ، ޖަމާޢަތުގައި އުފެދިފައި ހުންނަ ނުވަތަ އުފެދެމުންދާ ދީނާ ޚިލާފު ކަންކަމަށް ހޭލުންތެރި ކުރުވައި ،ދީނަށް މަގުދައްކައި ނަޞޭޙަތްތެރިވުމަށް ބޭނުންކުރެވޭ ވަޞީލަތެކެވެ. މުސްލިމް އުއްމަތަށް ހަފުތާޔަކު އެއްދުވަހު އަންނަ މިޢީދުގައި ކުރެވޭ ހުކުރު ނަމާދުގެ ކުރިން ، އިމާމުން ދެއްވާ ޚިތާބަކީ ، ނަޞޭޙަތުން ފުރިގެންވާ އަދި ޢިބުރަތުން ފުރިގެންވާ ދީނީ ފިލާވަޅު ތަކެކެވެ. ކީރިތި ﷲ ގެ އެއްކައުވަންތަކަމަށާއި ، ރަސޫލު ޞައްލަﷲ  ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް ހެކިވެ ، ﷲ އަށް ތަޤުވާވެރިވުމަށް މަގުދައްކައިދޭ ފުރުޞަތެކެވެ. އެހެންނަމަވެސް ، މިއަގުހުރި ފުރުޞަތުގެ ބޭނުން ހިފަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ އެވެ ؟ ޚުތުބާގައި އިމާމާ ދެއްވާ އަގުހުރި ނަޞޭޙަތަކީ އެއްކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުންނަ އެއްޗަކަށް އޮންނަނީ ވެފައެވެ. ގިނަފަހަރަށް ، ހުކުރުން ފައިބައިގެން ގެޔަށް ދެވޭއިރު ، މީހަކު ނަޞޭޙަތެއްދިން ކަންވެސް އޮންނަނީ ހަނދާން ނެތިފައެވެ.

ފާއިތުވި ހަފުތާގެ ހުކުރު ދުވަހު ، 22 ޖެނުއަރީ 2021 ވީ ހުކުރު ދުވަހު ، ދިވެހި އުއްމަތަށް އިއްވުނު ހުކުރު ޚުތުބާއަކީ ، އާދަޔާ ޚިލާފު ޚުތުބާ އެކެވެ. ރާއްޖޭގެ ކުށުގެ ވެށީގައި އަށަގަންނަމުންދާ ނުވަތަ އަށަގެންފައިވާ ވަރަށް ގިނަ ނޭދެވޭ ކަންތައްތަކެއް އެ ޚުތުބާގައި ހިމެނިފައިވެއެވެ. ރާއްޖޭގެ ކުށުގެ ވެށިން ފެންނަމުންދާ ހިތާމަވެރި އަދި ބިރުވެރި އެތައްކަމެއް ހަނދާންކޮށްދެވިފައި ވެއެވެ. މާތްވެގެންވާ އިސްލާމްދީނަށް ތަބާވެގެންތިބި ރައްޔިތެއްގެ މައްޗަށް ދީނީގޮތުން ވާޖިބުވާ ކަންތައްތަކަކާއި ޙާކިމާގެ ފަރާތުން ޤާނޫނީގޮތުންނާއި ޝަރުޢީގޮތުން ލާޒިމްވާ ކަންތައްތަކެއް ހަނދާން ކޮށްދެވިފައި ވެއެވެ. އިސްލާމީ ކުޑަކުޑަ މި މުޖްތަމަޢުގައި ހަރުދަނާ ، ނަޟާޙަތްތެރި ވެށްޓެއް ޤާއިމްކުރުމަށްޓަކައި ، ގެއްލި ހަލާކުވެ ނެތިދިއުމުގެ ކުރިން ، ހޭއަރާ ވިސްނަންވީ އެތައްކަމެއް ، ކީރިތި ޤުރުއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ދަލީލު ދައްކައިދެމުންނެވެ. އެހެން ނަމަވެސް ، އެކަންކަމާމެދު ވިސްނައި ފިކުރުކުރަނީ ކިތައް މީހުންތޯއެވެ ؟

ޚުތުބާގެ މައިގަނޑު ބިނާކުރައްވާފައިވަނީ ޙަލާލުގޮތުގައި މުދާ ހޯދުމުގެ މައްޗަށެވެ. ވައްކަމާއި  ފޭރުމާއި މަކަރާ އަދި ޙީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ ، ދިވެހި މުޖުތަމަޢުގައި އަށަގެންފައިވާ ވަރަށްބޮޑު އިޖްތިމާޢީ ބައްޔެއްކަން ޚުތުބާގައި ބަޔާން ކުރައްވާފައި ވެއެވެ. އަދި ނުރައްކާތެރިކަން ބޮޑުވެގެންވާ މިފަދަ ޖަރީމާތަކުގެ ސަބަބުން ، ގެއްލިގެންދާ އެތައް ޙައްޤުތަކެއް ސާފުކޮށްދެއްވާފައި ވެއެވެ. އޭގެތެރޭގައި ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާ އަދި ދައުލަތުގެ މުއައްސަސާތަކަށް ލިބޭ ގެއްލުން ފާހަގަ ކުރައްވާފައި ވެއެވެ. މިއީ ވަކިވަކި ފަރުދުން ނުވަތަ ޖަމާޢަތްތަކުން ހިންގާ މިފަދަ ޖަރީމާތަކުން މުޅި މުޖުތަމަޢަށް ލިބޭ ގެއްލުމެކެވެ. އެތައްބަޔެއްގެ ޙައްޤުތަކަކާގުޅިފައިވާ ފާފަވެރި ޢަމަލެކެވެ.

ދަބަސް ޖަހައިގަތުމާއި ފޯނު ވަގަށް ނެގުމާ އަދި އޮޅިގެން ނުވަތަ ހަނދާންނެތިގެން ޓެކްސީގައި ބޭއްވޭ އަތްދަބަހާއި ފޯނުފަދަ ތަކެތި ވަގަށްނެގުންވެސް މުޖުތަމަޢުގައި ހިނގާ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވެއެވެ. މީގެ އިތުރަށް މަގުމަތީ ޕާކު ކޮށްފައި ހުންނަ ސައިކަލްފަދަ ވެހިކަލް ވަގަށް ނެގުންވެސް ހިމެނެއެވެ. ބޭންކުގައި ރައްކާކޮށްފައި ހުންނަ އެކި އެކި ފަރުދުންނާއި ތަންތަނުގެ ފައިސާ ، އެކި އުކުޅު ބޭނުން ކޮށްގެން ވަގަށް ނެގުމާއި ، ބޭންކުން ފައިސާ ނަގައިގެން ނުކުންނަ މީސްމީހުންގެ އަތުން އެފައިސާ ފޭރުމާއި ، ދައުލަތުގެ މުއައްސަސާތަކަށް މުދާގަތުމުގައި އެކިފަރާތްތައް ބޭނުންކޮށްގެން އެކި އުކުޅު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގުންފަދަ ކަންކަމަކީ މިކުޑަކުޑަ މުޖުތަމަޢުގައި ހިނގަމުންދާ ކަންކަމެވެ.

ގޯތިގެދޮރަށް ވަދެ މީސްމީހުންގެ މުދާ ފޭރުމާއި ، ދަނޑުބިމާއި ވަލުގައި ހުންނަ މީސްމީހުންގެ ރުއްގަހުން ވަގަށް ތަކެތި އެޅުމާއި ކެނޑުމާ ، އަދި ޚާއްޞަކޮށް މިފަދަ ތަކެތި ނުއަގުގައި ވިއްކަނީ އެއީ ވަގަށް ނަގާފައިވާ ތަކެތިކަން ގަންނަ މީހާއަށް ވެސް އެނގިގެންކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި އޮފީސްއޮފީހުގައި ހުންނަ އަގުބޮޑުތަކެތި ހަލާކުވެގެން ނައްތާލާ އެއްޗެއްގެ ގޮތުގައި ހަދައި ވަގަށް ނަގައި ވިއްކުންފަދަ ޢަމަލުތައްވެސް ޚުތުބާގައި ފާހަގަ ކުރައްވާފައި ވެއެވެ.

ވައްކަން ކުރުމާއި މުދާ ފޭރުމާއަދި ދޭދޭ ފަރުދުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ، މުޅިދުނިޔެއަށް ކުރިމަތިވެފައި އޮތް ވަބާއެކެވެ. މިވަބާއިން ސަލާމަތްވުމަށް ވެކްސިނެއް ހޯދުމުގައި ޤައުމުތަކުން ވަނީ ނުކުޅެދިފައެވެ. ދުނިޔެއަށް އައި ލޮލަށް ނުފެންނަ ޖަރާސީމެއްގެ ސަބަބުން މުޅިދުނިޔެ މިވަނީ ހުއްޓިފައެވެ. އައި ނައި ތަނެއް ނޭނގި ، މުޅިދުނިޔެއަށް ނުރައްކާވެފައި އޮތް ، ކޯވިޑް – 19 އަށް ، ވަރަށް ކުރުމުއްދަތެއްގައި ވެކްސިނެއް ހޯދައިފިއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ވަރުބަލިކަމެއްނެތި މަސައްކަތްކޮށް ހޯދި މިވެކްސިނުން ، ﷲ އިރާދަކުރެއްވިއްޔާ ކޯވިޑް – 19 އިން ދުނިޔެ ސަލާމަތް ކޮށްދީފާނެއެވެ. އެހެންނަމަވެސް ، ކުރިން ދެންނެވިފައިވާ ވަބާތަކަށް ވެކްސިނެއް ހޯދަން ޤައުމުތަކުން ވަނީ ނުކުޅެދިފައެވެ. ނުވަތަ އެކަމަށް އެކަށިގެންވާ މަސައްކަތެއް ނުކުރެވެއެވެ. ކޯވިޑް -19 އިން ގެއްލިދާ އިންސާނީ ޙައްޤަށްވުރެ ، ކުރިން ދެންނެވި ކުށުގެ ވެށިން ގެއްލިގެންދާ އިންސާނީ ޙައްޤުތަކާއި މުޅި އިންސާނިއްޔަތަށް ލިބިގެންދާ ގެއްލުމާއި ނުރައްކާ ކުޑައެއް ނޫނެވެ.

އިންސާނުން ކުރާ ހެޔޮ ޢަމަލުތައް ، ﷲ ގެ ޙަޟުރަތުގައި ޤަބޫލުކުރެއްވެނީވެސް އޭނާގެ އާމްދަނީއާއި މުދާ ޠާހިރުވެގެންނެވެ. ހެޔޮ ޢަމަލުކުރައްވަން ފެއްޓެވުމުގެ ކުރިން ، ހެޔޮ އަދި ރަނގަޅުތަކެތިން ފަރީއްކުޅުއްވައި އުޅުއްވުމަށް ، މާތް ﷲ ވަނީ ރަސޫލުބޭކަލުންނަށް އަންގަވާފައެވެ. އަލްމުއުމީނޫނަ ސޫރަތުގެ 51 ވަނަ އާޔަތުގައި ކީރިތި ﷲ ވަޙީ ކުރައްވާފައި ވެއެވެ. يٰأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَاتِ وَٱعْمَلُواْ صَالِحاً إِنِّى بِمَا تَعْمَلُونَ عَلِيمٌ . މިއާޔަތުގެ މާނައީ " ( އެކަލާނގެ ވަޙީ ކުރެއްވިއެވެ. އޭ ރަސޫލުއްނޭވެ ! ޙަލާޅު ރަނގަޅުތަކެތިން ތިޔަބޭކަލުން ފަރީއްކުޅުއްވައި އުޅުއްވާށެވެ ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ ! ހަމަކަށަވަރުން ، ތިމަން ރަސްކަލާނގެއީ ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "

ރަސޫލު ބޭކަލުންނަށް ކީރިތި ﷲ ކުރައްވާފައިވާ މިއަމުރުފުޅު ، އާދައިގެ އިންސާނުންނަށް ނިސްބަތްވާނެ ދަރަޖަ ނިކަން ވިސްނައި ވަޑައިގަންނަވާށެވެ. ރަސޫލު ބޭކަލުންނަކީ ، ﷲ ހެއްދެވި މަޚުލޫޤުންގެ ތެރެއިން ، އިޚުތިޔާރު ކުރެއްވިގެން ، އެކަލާނގެ އަމުރުފުޅުތައް މީސްތަކުންނާ ހަމަޔަށް ވާޞިލުކޮށްދެއްވުމުގެ ބުރަ މަސްއޫލިއްޔަތާއި ވާޖިބު ޙަވާލު ކުރައްވާފައިވާ ބަޔެކެވެ.

އަޅުގަނޑުމެން ދިރިމިއުޅޭ މާޙައުލުގައި ، އިސްލާމީ ޢަޤީދާ ހަރުލާފައިވަނީ ކިހާވަރަކަށް ތޯއެވެ ؟ ދިރިހުއްޓައި އެކަކު އަނެކަކަށް އަނެކާގެ މަސްކައި ، އެކެއްގެ މުދާ އަނެކަކު ފޭރި ، އެކެއްގެ ޙައްޤަށް އަނެކަކު އަރައިގަނެ ، ވައްކަމާއި ފަސާދައިގެ މަގުގައި ރާއްޖޭގެ ކުށުގެވެށި ތަޣައްޔަރުވެފައި މިވަނީ ކިހާވަރަކަށް ކަމާމެދު ވިސްނާލާ މީހަކު އެބަ އުޅޭތޯއެވެ. ވައްކަމާއި ފޭރުމާ އަދި ނަހަމަ ގޮތުގައި ، ތިމާގެ އަމިއްލަ ނަފުސުގެ އަޅަކަށްވެ ، ފައިސާ އާއި ބާރުގެ ދަހިވެތިކަމުގައި އެކަކު އަނެކަކާ ވާދަކޮށް ، ޙަރާމްގޮތުގައި ފައިސާހޯދައިގެން އެލިބޭ އަރާމާއި ލައްޒަތަކީ ވަގުތީ އެއްޗެކެވެ. އެއީ ޤިޔާމަތް މަޙުޝަރު ދުވަހު ތިމާއާ ސުއާލުކުރެވި ޢަޒާބު ލިބޭނެ ކަމެކެވެ. ހޯދުނުގޮތަކުން ފައިސާ ހޯދައިގެން ، ދުނިޔޭގެ އަރާމައި އުފާ ހޯދަމުންގެންދާ އިންސާނާ ، މަގުފުރެދި ، ﷲ ގެ މަގުން އެއްކިބާވެފައިވާ މިންވަރު މިފަދަ ކަންކަމުން ސާފުވެއެވެ. އެއީ ، ތިމާއާއި ތިމާގެ އަނބިދަރިންނާއި ގ. ާތްތިމާގެ މީހުންގެ ހަލާކެއްގެ ގޮތުގައި އަމިއްލަޔަށް ކުރިމަތިކުރުވާ ޙާލަތެކެވެ.

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ފާފަވެރިގޮތުގައި މީހަކު މުދަލެއް ހޯދުމަށްފަހު ، އެއިން ރަޙިމުގެ ގުޅުން ޤާއިމްކުރި ކަމުގައިވިޔަސް ، ނުވަތަ ޞަދަޤާތް ދިންކަމުގައި ވިޔަސް ، ނުވަތަ ﷲގެ މަގުގައި ހޭދަކުރިކަމުގައިވިޔަސް ، އެހުރިހައި މުދަލެއް ޖަމާ ކުރެވޭ ހުއްޓެވެ. އެއަށްފަހު ، އެމުދަލަކާއެކު އޭނާ ، ނަރަކަޔަށް އެއްލައިލެވޭ ހުއްޓެވެ. ވައްކަންކުރުމަކީ ، މާތްވެގެންވާ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ، އަދި ތިމާގެ އީމާންކަން ނެތިކޮށްލާފަދަ ނުބައި ޢަމަލެކެވެ.  އެހެނެއްކަމަކު ، އެންމެ އާދައިގެ ކަމަކަށް ހަދައި ، ދައުލަތާއި މީސްމީހުންގެ މުދަލުން ވައްކަންކޮށް މުދާ ފޭރި ، އަނެކުންގެ ޙައްޤުތަކަށް އަރައިގަތުން މިހާރު މިވަނީ ޢާންމު ކަމަކަށް ވެފައެވެ.

ވައްކަމުގެ މިނުބައި ޢަމަލާބެހޭގޮތުން ، ކީރިތި ޤުރުއާނުގައި ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.  وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوۤاْ أَيْدِيَهُمَا جَزَآءً بِمَا كَسَبَا نَكَالاً مِّنَ ٱللَّهِ وَٱللَّهُ عَزِيزٌ حَكِيمٌ . މިއާޔަތުގެ މާނަޔަކީ " ވައްކަންކުރާ ފިރިހެނާއާއި ވައްކަންކުރާ އަންހެނާ ( ދަންނާށެވެ ! ) ފަހެ ، ތިޔަބައިމީހުން ، އެދެމީހުންގެ އަތްތައް ބުރިކުރާށެވެ ! ( އެއީ ) އެދެމީހުން ކުޅަ ކަންތަކުގެ ޖަޒާޔަކަށް ، ﷲ ގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ، ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ ޢަޒީޒުވަންތަ ، ޙަކީމްވަންތަ ރަސްކަލާނގެއެވެ. "

 އެއިންކަމެއް ކުރުމުން ، މުއުމިނެއްކަމުގެ ޙައްޤު ކެނޑިގެންދާ ކަންތައްތަކެއް ، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވައި ބަޔާންކޮށްދެއްވާފައި ވެއެވެ. އޭގޭ ތެރޭގައި ، ޒިނޭކުރުމާއި ރާބުއިމާ އަދި ވައްކަންކުރުމާއި މީސްތަކުން ބަލަބަލައި ތިއްބާ މުދަލެއް ފޭރިގަތުން ހިމެނެއެވެ. މިއިންކަމެއް ކުރާ މީހާ މުއުމިނެއްކަމުގައިވެ ހުރެ ، އެއިންކަމެއް ނުކުރާނެކަމަށް އަންގަވާފައި ވެއެވެ.

އެހެންކަމުން ، ވަގުތު ފާއިތުވުމުގެ ކުރިން ، އަދި ތިބާ ، ﷲ ގެ ޙަޟުރަތަށް އެނބުރި ދާންޖެހުމުގެ ކުރިން ، ތިބާއަށް ކުރެވޭ ކަންކަމާމެދު ވިސްނައި ، އުޅުމާއި ގުޅުން އިޞްލާހުކޮށް ، ﷲ އަށް ހެޔޮ ހިތުން ތަޤުވާވެރިވުމަކީ ، ދެދުނިޔޭގެ ކާމިޔާބާއި ބާއްޖަވެރިކަން ޙާޞިލުކުރެވެން އޮތް ހަމައެކަނި މަގެވެ. ލިބޭ މިންވަރަށް ޝުކުރުކޮށް ، ލިބޭ މިންވަރުން ފުއްދައިގެން ދުނިޔެ އުޅެން ދަސްކުރުމަކީ ، އުނދަގޫ ކަމެއްނޫނެވެ. އެކަން ކުރެވޭނީ ، އެހެން މީހުން އުޅޭ އަރާމާއި އުފަލަށް ނުބަލައި ، އެކަންކަމަށް ހިތްނުކިޔައި ، ﷲ ގެ އިރާދަފުޅުން ތިމާއަށް ލިބިފައިވާ އެންމެހައި ނިޢުމަތްތަކަށް ޝުކުރުވެރިވެ ، ހެޔޮގޮތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތަށް ދުޢާކުރުންމަތީ ދެމިހުރެގެންނެވެ. ކުށް ފާފަޔަކަށް އަރައިގަނެވޭ ހިނދު ، ހައްދަވައި ގެންގުޅުއްވާ ﷲ ގެ ރަސްކަންފުޅު ހަނދުމަކޮށް ، އެކަމަކުން ދުރުހެލިވުމުގެ ހިތްވަރު ހުރެގެންނެވެ. ﷲ ގެ މަގުގައި ދުނިޔޭގައި ދިރިއުޅުމަކީ އެހާ އުނދަގޫ ކަމެއްނޫނެވެ. ނިޢުމަތަށް ޝުކުރުވެރިވެ ، ޙާލަތަށް ޙަމްދުކޮށް ، ﷲ އަށް ތަޤުވާވެރިވެ ، ދީނީ ވާޖިބުތައް އަދާކޮށް ، ލިބޭމިންވަރުން ދިރި ދުނިޔޭގައި އުޅުމުގެ އާދަ އަށަގަނެވިއްޖެނަމަ ، ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވެ ، ﷲ ގެ ރުއްސެވުމާއި ދިންނެވުން ލިބިގެން ދާނެއެވެ. މާތް ﷲ އަޅަމެން އެންމެންނަށް ތެދުމަގުދައްކަވައި ހުރިހައި ހެޔޮގޮތްތަކެއް މިންވަރު ކުރައްވާށިއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. މިއީ ވަރަށް މޮޅު ލިޔުމެކެވެ. ރާއްޖޭގެ މިހާރުގެ ހާލަތުގެ މައްޗަށް އަލިއެޅުވޭ ލިއުމެކެވެ. ފާރޫގު އަހުމަދުގެ ލިޔުންތައް އަޅުގަޑު ވަރަށް ކިޔަމެވެ. ހުކުރުގެ ދުވަސްވަރުގެ ލިޔުންތައްވެސް މިހާރުވެސް ހަދާން އެބަހުއްޓެވެ. މިހާރު ލިއުއްވާ ލިއުންތައްވެސް ވަރަށް ފުރިހަމައެވެ. އަޅުގަޑު ކޮންމެ ދުވަހަކު އާފަތިސް ބަލަނީ ދެމީހެއްގެ ލިޔުން ކިޔާށެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ފާރޫގެވެ. އާފަތިހަކީ ރަގަޅު ދިރާސީ ލިއުން ހުންނަ ނޫހެކެވެ. މިހާރުގެ ކަޑަ ނޫސްވެރިކަމުގެ ތެރެއަށް އަދި ނުވަންނަ ހަމައެކަނި ނޫހެވެ. އެހެންވީމާ މި ނޫހުގެ ލުއުންތަކުން މީހާ ވާވަންނަ ގޮތެއް ނުވެއެވެ. ޚާއްސަކޮށް އޅުގަޑު މި ބުނާ ދެ މީހުންގެ ލިއުން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މައުލޫމާތުގެ ގޮތުން ރަގަޅެވެ. ދޭ މެސެޖު ފުރިހަމައެވެ. ފާރޫގުގެ ގަލަމައް ފާގަތިކަން އެދެމެވެ. ގިނަ ލިއުން އަދިވެސް ފެންނާނެ ކަމަށް އުންމީދު ކުރަމެވެ. ޝުކުރިއްޔާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.