ރާއްޖެއާ ޗައިނާއާ ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވަނީ

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބުރު މިމަހުގެ 26 ވާ އަންގާރަ ދުވަހު އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވާގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ކޮވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރައްވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށް ކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަރޗުއަލްކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.