ކޮވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 19666 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ އެސެންތަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤެވެ. ކޯވިޑް-19ގެ ވެކްސިނަށް ރަޖީސްޓްރީ ކުރުމަށް ހުޅުވައިލީ މިމަހުގެ 18ވަނަ ދުވަހުއެވެ.
މިމަހުގެ 17ވަނަ ދުވަހުގެރޭ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިން ޖެހުމުގެ އެންމެފަހުގެ ތައްޔާތީތައް ރާއްޖޭގައި މިހާރު ދަނީ ކުރިއަށްކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވިގޮތުގައި ވެކްސިނަށް ރަޖީސްޓްރީ ކުރާނީ، މިހާރު ހުޅުވާލާފައިވާ ޚާއްސަ ޕޯޓަލް މެދުިވެރިކޮށްކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ދާއިރާގައި ޚިދުމަތް ދޭ މީހުންނާއި އިޖުތިމާޢީ ޚިދުމަތްތެރިންނަށްކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް-19ގެ ވެކްސިނަށް ރަޖިސްޓްރީ ކުރުމަށް ޚާއްސަކޮށްފައިވާ ޕޯޓަލްއަކީ my.health.mv އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން މިމަހުގެ 20ވަނަ ދުވަހުވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާއިން ރާއްޖެއަށް އެސްޓްރަޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ހަދިޔާ ކުރާނެކަމަށް ރަސްމީކޮށް އޮތީ އިއުލާން ކޮށްފައެވެ. ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް އެހެން ގައުމުތަކަށް ވެސް އިންޑިޔާއިން މިއަދު ކޯވިޑް ވެކްސިން ހިލޭ އެހީގެ ގޮތުގައި ފޮނުވާނެކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އެ ގައުމުތަކަކީ ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް، ސީޝެލްސް، މިޔަންމާ އަދި ބަންގްލަދޭޝެވެ.