ކޮޅުފުށި މޮނީޓަރިންއަށް ލައިފި

މ.ކޮޅުފުށިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން އެރަށް  މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ.

ކޮޅުފުށީ ކައުންސިލުންވަނީ މިހާރު މިކަން ޢާއްމުކޮށް ޢިއުލާންކުރައްވާފައެވެ. އެއިއުލާނުގައިވަނީ 24 ޖަނަވަރީ 2021، ވީ އާދީއްތަ ދުވަހު، ކޮވިޑު-19 އާ ގުޅިގެން، ޞިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިކަމަށެވެ.

އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ކޮޅުފުށްޓަށް އަރާފޭބުން މަނާވެފައިވާކަމަށާ، ކުޅިވަރު ހަރަކާތްތަކާއި، އެއްވުންތަކާއި، ޙަފުލާތައް ނުބޭއްވުން ޒަރޫރީ ބޭނުންތަކަށް މެނުވީ ބޭރަށް ނުނިކުތުން، މާސްކު އަޅައިގެންމެނުވީ ގޭން ބޭރަށް ނުނުކުތުން ، އޮފީސްތަކާއި، ފިހާރަތަކާއި، ހޮޓާރެސްޓޯރެންޓު ފަދަ ހިދުމަތްދޭ ތަންތަނުގަ މަސައްކަތްކުރައްވާ މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އެޅުންފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

އަދި މިސްކިތުގެ ޖަމާއަތަށް ހައިރިސްކު ގެޓަގަރީގެ މީހުން ނުދިއުމަށް ސަމާލުކަން ދިނުމާއި މި ހާލަތާއި ގުޅިގެން ކައުންސިލާއި، ކަމާގުޅޭ އެހެން އިދާރާތަކުން އަންގާ އެންގުންތަކާއި އިރުޝާދުތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންކަމަށެވެ.

އެމީހާ ޕޮޒިޓިވްވިކަން އެނގުނީ ކޮޅުފުށިން މާލެ އައިތާ 2ވަނަ ދުވަހުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.