މަޝްވަރާތައް ފެށުމަަށް އީރާނުން ގަލްފުގެ އަރަބި ގައުމުތަކަށް ގޮވާއިފި

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމި އާ ރައީސު ޖޯ ބައިޑަން މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު، އަވަށްޓެރި އަރަބި ގައުމުތަކާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޒަރީފު ވިދާޅުވީ ގަލްފުގެ އަރަބި ގައުުމުތަކުގެ "އެކުވެރިކަމަށްޓަކާ އަހަރުމެންެގެ އަތްތައް އަބަދުވެސް ދިއްކުރެވިފައި" ވާކަމުގައެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި "މި ސަރަހައްދަކީ އަހަރުމެން އެންމެންގެ ސަރަހައްދު. އަހަރުމެން އެންމެންގެ މަސްލަހަތު އޮތީ މި ސަރަހައްދު އަމާންކޮށް" އޮތުމުގައެވެ.

ވަކި ގައުމެއްގެ ނަން ހާމަނުކުރައްވައި، ޒަރީފުގެ ވާހަކަފުޅުގައި ތުހުމަތުުކުރެއްވި ގޮތުގައި ބައެއް ގައުތުތަކުން ވަނީ ޓްރަމްޕާ ގުޅިގެން 4 އަހަރު ދުވަހު އެގައުމުގެ ސިޔާސަތު ބޭކާރުކޮށްލާފައެވެ. އަދި ގަލްފުގެ އަރަބި ގައުމުތަކަށް މަޝްވަރާގެ މޭޒުދޮށަށް އައުމަށް ގޮވާލައްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފަައި ވަނީ "އަހަރެން މި ސަރަހައްދުގައި ތިބޭނެކަމާއި، ޓްރަމްޕް މިހާރު ހިގައްޖެ ކަމާއި، އޭނާ މިހާރު ނެތްކަަން ދަންނަންޖެހޭ" ކަމުގައެވެ.

ފާއިތުވި ހަފުތާ ތެރޭގައި ޤަޠަރުވެސް ވަނީ އީރާނާ ގަލްފުގެ އަރަބި ގައުމުތަކާ ދެމެދު މަޝްވަރާތައް ފެށުމަށް ގޮަވައިލާފައެވެ. ޤަޠަރުން ފާހަގަކުރިި ގޮތުގައި ގަލްފުގެ އަަރަބި ގައުމުތަކުގެ މެދުގައި ހުރި ދެބަސްވުންތައް ނިމުމަަކަށް އައިސްފައިވާއިރު، މިއީ އީރާނާ އެކު މަޝްވަރާތައް ފަށަން އެންމެ ރަނގަޅު ދަނޑިވަޅެވެ.

ގަލްފުގެ އަރަބި ހަ ގައުމާއި (ސައޫދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ކުވޭތު، ޤަޠަރު، ބަހްރޭން) އީރާނުގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޤަޠަރުން ވަނީ މީގެ ކުރިން ގޮވައިލާފައެވެ. ބްލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފާއިތުވި ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމަވުން ޤަޠަރުގެ ޚާރިޖީ ވަޒީރު އައްޝޭޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ވިދާޅުވެފައި ވަނީ "އެކަން ވާނެކަމަށް އަހަރުމެން އަދިވެސް އުއްމީދުކުރަން" ކަމުގައެވެ.

"ސަރައްދުގެ ހުރިހާ ފަރާތެއް ޝާމިލްވާ މަޝްވަރާއަކަށް އަހުރެންގެ އަޚް އައްޝޭޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ގޮވައިލެއްވި ގޮވައިލެއްވުމަށް އީރާނުން މަރުހަަބާކިޔާ." ޤަޠަރުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅާ ގުޅިގެން ފާއިތުވި އަންގާރަދުވަހު އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެެފައި ވެއެވެ.

އެހެންނަމަވެސް، ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އާލްސުޢޫދު ވަނީ މަޝްވަރާއަށް ގޮވައިލުމުގައި އީރާނުގެ އިޚްލާސްތެރިކަމާމެދު ސުވާލުއުފައްދަވާފައެވެ. އޭނާ ވިދާޅު ގޮތުގައި އީރާނުން ބޭނުންވަނީ ކަންކަން ދިގުދެއްމުމާއި، އަމިއްލަ މައްސަލަތަަށް ފިލުން ކަމުގައެވެ. އޭނާ އީރާނަށް ވިދާޅުވީ އީރާނުގެ ރައްޔިތުންގެ ތަނަވަސްކަމާމެދު އީރާނުން ވިސްނުން މާ ރަނގަޅުވާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.