ނުޙައްޤު އަނިޔާއަށް ޕީޕީއެމް ނުގުޑާނެ - ޣައްސާން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުހައްގުން ދޭ އަނިޔާއަކަށް އެމަނިކުފާނަށް ތާޢީދުކުރާ އެތައް ހާސް ރައްޔިތުންނާއި އިދިކޮޅު ޕީޕީއެމްގެ ބިޔަލަޝްކަރުގެ އަޒުމް ގުޑުވައި ނުލެވޭނެ ކަމުގައި ވިދާޅުވެ ޕީޕީއެމްގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫންގެ ދަރިކަލުން ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއިއެކު ހުންނެވިކަމަށެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން ރައީސް ޔާމީން ޖަލަށް ލުމަށް ދަށުކޯޓުންކުރި ހުކުމަށް އިއްޔެ ހައިކޯޓުންވަނީ ތާޢީދުކޮށްފައެވެ. މިއާގުޅިގެން ވެރިކަންކުރާ ޕާޓީއާއި ސަރުކާރަށް ތާޢީދުކުރާ މީހުންގެ ފުރައްސާރަވަނީ ރައީސްޔާމީނަށް ތާޢީދކުރާ މީހުންނާއި އިދިކޮޅު ޕީޕީއެމްއަށް އަމާޒުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން ގައްސާން ވިދާޅުވީ ރައީސް ޔާމީން ލިބިވަޑައިގަންނަވަނީ ނުހައްގު އަނިޔާކަމަށާ، އެމަނިކުފާނަކީ  އެފަދަ ކަމަކުން ހިތްވަރުއެލި މާޔޫސްވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހިންގި ޝަރީޢަތަކީ ސީދާ ސަރުކާރުގެ ބާރާއި ނުފޫޒުން އެމަނިކުފާނު ސިޔާސީ މަސްރަޙުން އެކަހެރިކުރުމަށް ކޮށްފައިވާ ކަމެއްކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށް ޙުކުމްކުރީ އިއްޔެއެވެ. އެއީ މިމައްސަލައިގެ އިސްތިއުޏާފު އަޑުއެހުން ނިންމާލިޔާ 4 މަސްދުވަސް ފަހެވެ.

ދަށުކޯޓްގެ ހުކުމް ދަމަހައްޓަން ނިންމެވީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ދަށުކޯޓްގެ ނިންމުން ބާތިލުކުރަންޖެހޭކަމަށް ވިދާޅުވީ ފަނޑިޔާރު ޙުސައިން ޝަހީދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.