އިރާގުގެ ވެރިިރަށް ބަޣުދާދުގެ މެދުތެރޭގައި ޖާނުން ފިދާވެގެން ދިން ދެ ހަމަލާއެއްގައި 32 މީހުން މަރުވެ 73 މީހުން ޒަޚަމްވެއްޖެއެވެ. ޒަަޚަމްވި މީހުންގެ ތެރޭގައި ހާލުދެރަ މީހުން ތިބުމާއެކު މަރުވާ މީހުންގެ އަދަދު އިތުރުވުކީ ގާތްކަމެކެެވެ.
އިރާގު ސިފައިންގެ ބަޣުދާދު އޮޕަރޭޝަންސް ކޮމާންޑްގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޙާޒިމް އަލްޢައްޒާވީ ވިދާޅުވި ގޮތުގައި މީހުން ދެމީހަކު އަމިއްލައަށް ގޮއްވާލާފައި ވަނީ ޠަޔަރާން މައިދާނުގެ ކައިރީގައި އޮންނަ ބާބުއްޝަރްޤީ ބާޒާރުގައި، އެތަން ތޮއްޖެހިފައި އޮތް ވަގުތެއްގައެވެ. ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ދެ މީހުން އަމިއްލައަށް ގޮއްވާާލާފައި ވަނީ ފުލުހުން އެމީހުން އަތުލުމުގެ މަސައްކަތްކުރަނިކޮށެވެ.
މިއީ 2019 ވަނަ އަހަރުގެ ޖޫން މަހަށްފަހު ބަޣުދާދުގައި ދިން ޖާނުން ފިދާވުމުގެ ފުރަމަތަ ހަމަލާއެވެ.
އިރާގުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އަމިއްލައަށް މަރުވެގެން ފުރަތަމަ ބޮން ގޮއްވާލި މީހާ ބާޒާރުތެރެއަށް ވަދެފައި ބަލި ކަމަށް ހެދިގަތީއެވެ. ދެން އޭނާއަށް އެހީވާން މީހުން އެއްވި ވަގުތު އަމިއްލައަށް ގޮއްވާލީއެވެ. އަދި ދެވަނަ މީހާ އެެއްވެ ތިބި މީހުންގެ ތެރެއަށް ވަދެ އަމިއްލައަށް ގޮއްވާލީއެވެ. މި ދެ ގޮވުމުގެ އަޑުވެސް މުޅި ބަޣުދާދަށް އިވިގެން ގޮސްފައި ވެއެވެ.
ޖާނުން ފިދާވުމުގެ މި ހަމަލާތައް ދީފައި މިވަނީ، އަވަސް އިންތިޚާބެއް ބާއްވަން އުޅޭތީއާއި އިގުތިސާދީ ހާލަތު ގޯސްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައިި ނުތަނަސްވަންކަން އިތުރުވެފައި އޮތް ވަގުތެއްގައެވެ.
މި ހަމަލާ ދިން ފަރާތެއް މިހާތަނަށް އެނގިފައި ނުވާއިރު، އިރާގުގެ ބޮޑު ބައެއް ހިފައިގެން ކުރިން ވެރިކަން ކުރި އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިބާވަތުގެ ހަމަލާތައް ދީފައިވާކަން ފާހަގަކުރެއެވެ. އިރާގު ސިފައިން ވަނީ ލޭއޮހޮރުން ބޮޑު ހަނގުރާމައަކަށް ފަހު 2017 ވަނަ އަހަރުގެ ފަހުކޮޅު އިރާގުގަ އިސްލާމިކް ސްޓޭޓް ބަލިކޮށް އެމީހުންގެ ބާރު މުޅިން ކަނޑުވާލާފައެވެ.
އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން އެގައުމުގައި ތިބި އެމެރިކާ ސިފައިންގެ ތަންތަނަށާއި، ބަޣުދާދުގެ ގްރީން ޒޯންގައި ހުންނަ އެމެރިކާ އެމްބަސީއަށް ރޮކެްޓް ހަމަލާ ދިންނަަމަވެސް އާއްމުންގެ ގިނަ ބަޔަކު މަރާލުމުގެ ގަސްތުގައި ޖާނުން ފިދާވުމުގެ ހަމަލާ އެޖަމާއަތްތަކުން ދީފައި ނުވެއެވެ.
"މިބާވަތުގެ ހަަމަލާއަކީ އައިއެސްގެ ސިފަތައް އެކުލެވޭ ހަމަލާތައް. ފާއިތުވި ތަނުގައި އެމީހުން ވަނީ އާއްމުން ގިނައިން އެއްވާ ތަންތަނަށް މި ބާވަތުގެ އެތައް ހަމަލާއެއް ދީފައި." ސެންޗަރީ ފައުންޑޭޝަނުގައި މަސައްކަތްކުރާ އިރާގުގެ އެނަލިސްޓް ސާޖިދު ޖިޔާދު ވިދާޅުވިއެވެ.