ކުރީގެ ރައީސް ޢަބަދުﷲ ޔާމީނުގެ މަށްޗަށް މަނީ ލޯންޑްރިން ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުން ދަމަހައްޓައިފިއެވެ.
މިހުކުމް ހައިކޯޓުން ތާއީދުކޮށްފައި ވަނީ ރައީސް ޔާމީންގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައި ގައި ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހިުގައެވެ.
ކްރިމިނަލް ކޯޓުން ޙުކުމްގައި ދައުވާގެ އުންސުރުތައް ފުރިހަމަވާކަމަށް ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޙުޞައިން މަޒީދު ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރު މަޒީދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުމް ހުށަހަޅައިފައިވާ ނުކުތާތަކަށް ބަލާއިރު ކްރިމިނަލް ކޯޓްގެ އެޙުކުމަށް ބަދަލު ގެނަންޖެހޭ ޝަރުޢީ ޢަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ކުރިމިނަލްކޯޓުން ރައީސް ޔާމީނުގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން އުފުލައިފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ދެފަހަރެއް މަތިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ. އަދި އިސްލާމިކް ބޭންކުގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާ އެ ބޭކުންގެ އިންވެސްޓްމެންޓް އެކައުންޓެއްގައި 36 މަސް ދުވަހަށް އިންވެސްޓްކޮށް މަންފާ ހޯދައިވާ ކަމަށް ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގައި އޭސީސީގެ ބޭނުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ފައިސާގެ ބަދަލުގައި އެހެން ގޮތަކުން ހޯދި ފައިސާ ޖަމާކޮށްފައިވުމުންނެވެ. އިސްލާމިކް ބޭންކްގައި އޮތް ރައީސް ޔާމިންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރުޖަމާކޮށްފައިވާއިރު އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.
ހައިކޯޓްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ އިސްތިއުނާފުކުރެއްވުމުގައި 75 ނުކުތާއެއް ހުށަހަޅާފައިވެ އެވެ.