ވެކްސިނާ ބެހޭ ޞައްޙަ މަޢުލޫމާތު ހާމަކުރުމަށް އެދިވަޑައިގެންފި 

ކޯވިޑް ވެކްސިނާ ބެހޭ ޞައްޙަ މަޢުލޫމާތު ހާމަކުރުމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤް ވިދާޅުވީ  އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޑް-19ގެ ވެކްސިނާ ބެހޭ މަޢުލޫމާތު އެޗްޕީއޭއިންނާއި ޑަބްލިޔޫއެޗްއޯ އިންވެސް ލިބެން ހުންނާނެކަމަށެވެ. އަދި ވެކްސިންނާބެހޭ މަޢުލޫމާތު ހާމަކުރާނަމަ  އެޗްޕީއޭ، ޑަބްލިޔޫއެޗްއޯ އަދި ޔުނިސެފް ފަދަ އިތުބާރު ހިފޭ ތަންތަނުން ޞައްޙަ މަޢުލޫމާތު ހޯދުމަށް އިލްތިމާސް ކުރެއްވިއެވެ. 

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިނާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ ރާއްޖެ އަށް ގެނެސްފައިވާ ވެކްސިނަކީ އަދި ޑަބްލިޔޫއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ނޫންކަމަށެވެ. އަދި އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ ވެކްސިނެއް ނޫންކަމަށެވެ. 

"އާވެކްސިން ނަށް ވުމުން ތަފާތު އެކި ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ ވެކްސިނާ ބެހޭ ވާހަކަ ދައްކާއިރު ރަނގަޅަށް އެމަޢުލުމާތު އޮޅުން ފިލުވުމަށްފަހު އެވާހަކަ ދެއްކުން އަދި މަޢުލޫމާތު އޮޅުން ފިލުވުމުވުގައި އެޗްޕީއޭ، ޑަބްލިޔޫއެޗްއޯ، ޔުނިސެފް ފަދަ ސޯސް ތަކުން މަޢުލޫމާތު ހޯދުން" ޑރ ނަޒްލާ ވިދާޅުވިއެވެ. 

އިއްޔެ ރާއްޖެއަށް ގެނެސްފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދައިފައިވާ  ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އެވެކްސިން އުފައްދައިފައިވަނީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ  ސަބްލައިންސެއްގެ ދަށުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. 

ރައްޔިތުންނަށް ކޯވިޑްގެ ރައްކާތެރިކަން ހޯދައި ދިނުމަށް މިހާރު ސަރުކާރުން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ އިތުރުފަރާތްތްކަށް ބަރޯސާ ނުވެ ވެކްސިން ލިބޭނެ ކަން ކަށަވަރު ކުރުންކަން ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އިންޑިއާއިން ލިބުނު ވެކްސިނަކީ ރާއްޖޭގެ ޚާރިޖީ ގުޅުން ތެރެއިން ކުރެވުނު މަސައްކަތުން ހަމަޖެހިގެން ދިޔަ ވެކްސިންކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. ޚާރިޖީވުރާއިން ކުރައްވާ މަސައްކަތްތަކުން އަދިވެސް އިތުރު އަލިމަގު ފެންނަމުންދާކަމަށް ފާހަގަ ކުރެއްވިއެވެ. 

ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާނީ، އެކަމަށް ރަނގަޅަށް ތައްޔާރުވެ، ރަޖިސްޓްރޭޝަނާއި އެ ނޫން ވެސް އިޖުރާތުތަށް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ޑރ ނަޒްލާ ފާހަގަ ކުރެއްވިއެވެ.  ވެކްސިން ދޭން ފެށުމުގެ ކުރިން، ޑަބްލިއުއެޗްއޯގެ ހުއްދަައިގެ އިތުރުން ރާއްޖޭގައި ބޭނުން ކުރެވޭނެ ވެކްސިނެއްތޯ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވެސް ކަށަވަރު ކުރާނެ ކަމަށް ޑރނަޒްލާ ފާހަގަ ކުރެވިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ނިންމާފައިވަނީ، ހައި ރިސްކު މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ. އެމީހުން ރަޖިސްޓްރީ ވުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލައުފައެވެ. ވެކްސިން ޖެހުމުގެ ކުރިން ބަލީގެ އަލާމާތެއް  ހުރިތޯ ސްކްރީންކޮށް ކަށަވަރު ކުރައްވާނެ ކަމަވެސް ޑރ ނަޒުލާ ވިދާޅުވިއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ލިބުނު ވެކްސިންގެ އިތުރުންވެސް ސިންގަޕޫރުގެ އެސްޓްރަޒެނެކާ ވެކްސިންގެ ހަތްލައްކަ ޑޯޒާއި ކޯވިކް ފެސިލިޓީގެ ވެކްސިން ހޯދުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.