ތައިލޭންޑުގެ ރަސްގެފާނަށް ފާޑުކީ މީހަކު 43 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަންޗަން: އޭނާއަށް ވަނީ 43 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

ތައިލޭންޑުގެ ރަސްގެފާނަށް ފާޑުކީ އަންހެނަކު އެ ގައުމުގެ ގާނޫނުލް އުގޫބާތުގެ ޝާހީ އާއިލާއާއި ރަސްކަމުގެ ގަދަރުކުޑަވާފަދަ ކަމެއް ކުރުމުގެ ކުށާ ބެހޭ މާއްދާގެ ދަށުން ދިގު މުއްދަތަކަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފިއެވެ.

އުމުރުން 60 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ބެލޭވޭ އަންޗަން 43 އަހަރާއި ހަމަހަށް ޖަލަށްލާން ބެންކޮކްގެ ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް 29 ފަހަރު އެ މާއްދާއާ ޚިލާފުވުމުގެ ކުށް ސާބިތުވެގެންނެވެ. އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 87 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، އޭނާ ކުށަށް އިއުތިރާފުވުމުން އެ ހުކުމް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ.

ތައި ލޯޔާސް ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވާ ގޮތުގައި ކޯޓުން އަންޗަންގެ މައްޗަށް މިހުކުމް ކުރީ ތައިލޭންޑުގެ ރަސްގެފާނަށް ފާޑުކިޔާފައި އޭނާ ފޭސްބުކަށާއި، ޔޫޓިއުބަށް ލާފައިވާ ވީިޑިޔޯ ކްލިޕްތަކުގައި އޭނާ ވަނީ ރަސްކަމުގެ ގަަަދަރުކުޑަކުރުމާ ބެހޭ ގާނޫނާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބެނެއެވެ.

ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާ ބުނާ ގޮތުން "ރަސްގެފާނާއި، ރާނީއާއިި، ވަލީއަހުދާއި، ވަގުތީ ގޮތުން ރަަސްކަމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅެއްގެ އަބުރުފުޅާ ބެހުމާ، އެެބޭފުޅަކަށް ހުުތުރު އެއްޗެތި ކިއުމާއި ބިރުދެއްކުމުގެ" ކުށް ކުރާ މީހަކު އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 3 އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެއެވެ.

މިއަދު ކޯޓުން ހުކުމް އިއްވި އަންހެންމީހާގެ މައްސަލައަކީ 6 އަހަރު ކުރީގެ މައްސަލައެކެވެ. އެހެންނަމަވެެސް، މި ހުކުމް އިއްވާފައި މިވަނީ ރަސްކަމާ ދެކޮޅަށް މުޒާހަރާކުރުމާއި، ރަސްކަމަށް ފާޑުކިއުން އިތުރުވެފައިވާ ދަނޑިވަޅެއްގައެެވެ. އެހެންކަމުން، މި ހުކުމަކީ މިފަދަ ފަރާތްތަކަށް ދިން ވަރުގަދަ އިންޒާރެއް ކަމަށް ބެލެވިދާނެއެވެ.

ހިއުމަން ރައިޓްސް ވޮޗް ޖަމާއަތުގެ ސީނިއަރ ރިސާޗަރ ސުނާއީ ފަސުކް ވިދާޅުވި ގޮތުގައި މިއަދުގެ ހުކުމުން ދައްކައިދެނީ ރަސްގެފާނާއި ރަސްކަަމަށް ފާޑުކިއުން ބަލައިނުގަނެވޭނެކަން އެކަންޏެއް ނޫނެވެ. އެކަމަށް ހަރުކަށި އަދަބުވެސް ދެވޭނެ ކަމެވެ.

މުޒާހަަރާތައް ފެށިގެން އައި އިރު ރަސްގެފާނާއި ރަސްކަމަށް ފާޑުކިއުމުން އަޅާނުލާ ދޫކޮށްލި ނަމަވެސް، ތައިލޭންޑު ސަރުކާރުން ވަނީ ނޮވެންބަރު މަހުގެ މެދުތެރޭން ފެށިގެން އެފަދަ އަަމަލު ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައެެވެ. އެގޮތުން މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ރަސްގެފާނު މަހާ ވަޗްރަލޮންކޯން 2016 ވަނަ އަހަރު ތަޚުތަށް އިސްވެވަޑައިގަތުމަށް ފަހު އޭނާ ވަނީ 112 ވަނަ މާއްދާއަށް އަމަލުކުރަން ބޭނުންފުޅު ނުވާކަން އަންގަވަފާއެވެ. އެެހެންނަމަވެސް، ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ރަސްކަމަށް ފާޑުކިއުން އިތުރުވުމާ ގުޅިގެން ބޮޑުވަޒީރު ޕްރަޔުތު ޗަނޯޗާ ވިދާޅުވެފައިވަނީ މިހާރު ރަތް ރޮނގު ހުރަސްކޮށްފައި ވާކަމަށާއި، އެ މާއްދާގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.